ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަނީ
ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަނީ

ސްރީ ލަންކާގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް ރައީސް ރަނިލް ވިކްރެމަސިންހަގެ އޮފީހުން ބުނެފި އެވެ.

ރަނިލް ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ރައީސްކަމުގައި ހުންނެވި ގޮޓާބަޔަ ރާޖަޕަކްސައާ ދެކޮޅު މުޒާހަރާތައް ހޫނުވެ އޭނާ ގައުމުން ބޭރަށް ވަޑައިގެންތާ ހަތަރު ދުވަސް ފަހުން ޖުލައި 14 ގަ އެވެ.

އިގްތިސާދީ ހާލަތު ގޯސްވެ ކާނާ އާއި ތެލާއި ބޭސް ފަދަ އަސާސީ ހުރިހާ އެއްޗަކަށް ގައުމު ޖެހިފައި އޮތުމުން އާންމުން ނުކުރެ ކުރަން ފެށި މުޒާހަރާތައް ހުއްޓުވަން ކުރިން ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އެވެ. އެކަމަކު މުޒާހަރާތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އެކަމަކު ރަނިލް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މުޒާހަރާތައް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

ރަނިލް އިއުލާނުކުރެއްވި ކުއްލި ނުރައްކަލުގެ މުއްދަތު މާދަމާ ހަމަވާނެ އެވެ.

"ގައުމުގެ ހާލަތު މިހާރު ހަމަޔަކަށް އެޅިއްޖެ. ކުއްލި ނުރައްކަލަތުގެ ހާލަތުގެ މުއްދަތު ހަމަވުމުން ދެން މުއްދަތު އިތުރުކުރުމުގެ ބޭނުމެއް ނެތް،" ރައީސް ރަނިލްއާ ހަވާލާދީ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމުގެ ބާރު ސިފައިންނާއި ފުލުހުންނަށް ލިބި އަދި ދިގު މުއްދަތުގައި ބަންދުގައި ބައިތިއްބަން ފުރުސަތު އޮންނާނެ އެވެ.

އާބާދީގައި 22 މިލިއަން އުޅޭ ލަންކާ މިހާރު އޮތީ އެ ގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިނުވާހާ ދަށު ދަރަޖައެއްގަ އެވެ. ބޭރުގެ ދަރަނި ބޮޑުވެ ދަރަނި ދެއްކޭނެ ގޮތެއް ނެތި ބަނގުރޫޓުވެފައި ވާތީ ސަރުކާރުން ދަނީ މާލީ އިދާރާތަކާ ގުޅިގެން އެހީ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ލަންކާގައި ހައިޕައިންފްލޭޝަން ތަޖުރިބާކުރަންޖެހި މިހާރު ހުރީ ތަކެތީގެ އަގު އެވްރެޖްކޮށް 60.8 ޕަސެންޓް މަތީގަ އެވެ. އަދި ކާނާގެ އަގު 90.90 ޕަސެންޓަށް ވުރެ މަތި ކަމަށް މިދިޔަ މަހުގެ ހިސާބުތަކުން ދައްކަ އެވެ. -- އޭއެފްޕީ