ތަޖުރިބާކާރުންގެ ލަފަޔަކީ ކުޑަކުދިންނަށް އެނާޖީ ޑްރިންކް ވިއްކުން މަނާކުރުމަށް
ތަޖުރިބާކާރުންގެ ލަފަޔަކީ ކުޑަކުދިންނަށް އެނާޖީ ޑްރިންކް ވިއްކުން މަނާކުރުމަށް

ކުޑަކުދިންނަށް އެނާޖީ ޑްރިންކު ވިއްކުން މަނާކުރަންޖެހޭ ކަމަށް، ކެފެއިން އެކުލެވޭ ބުއިންތަކުގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ގެއްލުމާ ބެހޭ ގޮތުން ކުރި ދިރާސާއަކަށް ފަހު ބުނެފި އެވެ.

މި ދިރާސާކުރި ޔުނިވަސިޓީ އޮފް ނޯޓްރަ ޑާމްސް ސްކޫލް އޮފް ލޯގެ ސީނިއާ ލެކްޗަރާ ޑރ. މެރިލިން ބްރޮމްބާގް އާއި ޖަސްޓިން ހަވަޑް ވިދާޅުވެފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކު ވިއްކުން މަނާކުރަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ބުއިންތައް މާކެޓް ކުރުމާއި އިސްތިހާރު ކުރުމުގައި ވެސް ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒު ނުވާ ގޮތަށް، ހިފެހެއްޓުންތަކެއް ގެންގުޅެން ޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ދިރާސާއާ ހަވާލާ ދެއްވައި ޑރ. ބްރޮމްބާގް ވިދާޅުވެފައި ވަނީ އެނާޖީ ޑްރިންކު ބުއިން ވަރަށް ބޮޑަށް އިތުރުވެ ކުޑަކުދިންނާއި ޒުވާނުންގެ ސިއްހަތަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށާއި ނާދިރު ހާލަތެއްގައި ނަމަވެސް އެނާޖީ ޑްރިންކުގެ ސަބަބުން މަރު ވެސް ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކެފެއިން އޯވަޑޯޒްވެ ހޮޑުލެވުމާއި ބަނޑުގައި ވައި ހެދި ބަނޑުގައި ރިއްސުން ފަދަ އެކި އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެނާޖީ ޑްރިންކުގެ ސަބަބުން ވިހައިގެ އަސަރު ވެސް ފުރާނައަށް ނުރައްކާވާ މިންވަރަށް ހަށިގަނޑުގައި އިތުރުވާ ކަމަށް ބްރޮމްބާގް ވިދާޅުވި އެވެ.

ޑރ. ބްރޮމްބާގް ވިދާޅުވީ އެނާޖީ ޑްރިންކު މަނާކުރާ ގޮތަށް ފާސްޓްފުޑް މަނާކުރަން ނުބުނަނީ ކީއްވެތޯ ބައެއް މީހުން ސުވާލުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ފާސްޓްފުޑަށް ވުރެ އެނާޖީ ޑްރިންކު ނުރައްކާ ވަނީ އެ ބޭނުންކުރާ ހިނދުން ފެށިގެން ހަށިގަނޑަށް ނުރައްކާވާތީ ކަމަށެވެ.

ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީ އިން ބުނާ ގޮތުގައި ދުވާލަކަށް 400 މިލިގްރާމްގެ ކެފެއިން އަށް ވުރެ އިތުރަށް ބޭނުންކުރާ ނަމަ ހިތުގެ ބަލިތައް ޖެހުމަށް މަގު ފަހިވެ އެވެ. އެ މިންވަރަށް ފަސް ތަށި ކޮފީގައި ކެފެއިން ހުރެ އެވެ. އެނާޖީ ޑްރިންކުގެ ގިނަ ވައްތަރުތަކުގެ އެންމެ ދަޅެއްގައި ވެސް ގާތްގަނޑަކަށް މި މިންވަރަށް ކެފެއިން ހުރެ އެވެ.