އެންމެ 0.20 ރުޕީސްގެ މައްސަލައެއް 22 އަހަރު ފަހުން ނިންމައިފި
އެންމެ 0.20 ރުޕީސްގެ މައްސަލައެއް 22 އަހަރު ފަހުން ނިންމައިފި

އިންޑިއާ މީހަކަށް ރެއިލްވޭ ސްޓޭޝަނަކުން 0.20 ރުޕީސް ބޮޑުކޮށް ޓިކެޓެއް ވިއްކި މައްސަލަ 22 އަހަރު ފަހުން އޭނާއާ އެއްކޮޅަށް ނިމިއްޖެ އެވެ.

ވަކީލެއް ކަމަށްވާ ތަންގުނަތު ޗަތުރުވޭދީ މީގެ 22 އަހަރު ކުރިން ދަތުރެއް ކުރަން އުއްތަރު ޕްރަދޭޝްގެ މަތުރާ ރެއިލްވޭ ސްޓޭޝަނުން ޓިކެޓް ވިއްކީ އަގު ބޮޑުކޮށެވެ.

އިންޑިއާގެ ކޮންސިއުމާ ކޯޓަކުން މައްސަލާގައި ހުކުމް ކުރީ އިންޓަރެސްޓާ އެކު ބަދަލު ދިނުމަށެވެ.

"މި މައްސަލައިގައި އަހަރެން މިހާތަނަށް 100 އަށް ވުރެ ގިނަ އަޑުއެހުމަށް ވަނީ ދެވިފައި. މި މައްސަލަ ކާމިޔާބު ކުރުމަށް ހޭދަކޮށްފައިވާ ވަގުތާއި މަސައްކަތަށް އެއްވެސް އަގެއް ނެތް،" މިހާރު އުމުރުން 66 އަހަރުގެ ޗަތުރުވޭދީ ބުންޏެވެ.

ޗަތުރުވޭދީ ދެ ޓިކެޓު ގަތުމުން އިތުރަށް 20 ޕައިސޭ ނެގި އެވެ. އެކަމާ ގުޅިގެން ޓިކެޓު ކައުންޓަރަށް އެކަން އެންގުމުން ފައިސާ އަނބުރާ ނުދޭނެ ކަމަށް ބުންޏެވެ. އެ މައްސަލަ އެންމެފަހުން އިންޑިއަން ރެއިލްވޭސްއާ ދެކޮޅަށް ހުށަހެޅީ އެވެ.

އެ މައްސަލަ ނިމުމުން ކޯޓުން އަމުރު ކޮށްފައިވަނީ އިންޓްރެސްޓްގެ ގޮތުގައި ޗަތުރުވޭދީ އަށް 15،000 ރުފީސް ދެއްކުމަށެވެ. އެއީ ޓިކެޓު ގަތް ފަހުން އިތުރަށް ނެގި ފައިސާއަށް ކޮންމެ އަހަރަކު 12 އަހަރުގެ އިންޓްރެސްޓަކާ އެކުގަ އެވެ.

ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޗަތުރުވޭދީ އަށް ފައިސާ އަނބުރާ ނުދައްކައިފި ނަމަ އިންޓްރެސްޓްގެ އަގު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.