16 އޯގަސްޓް 2022 - 22:14

މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އަޅާފައި އޮއްވައި ފޭރުނު ރަން ފަށް ހޯދައި، އެ މައްސަލައާ ގުޅިގެން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ދިލްބަހާރު މަގުން އިއްޔެ ހިނގާފައި ދިޔަ ބިދޭސީ އަންހެންމީހާގެ ކަރުގައި އަޅާފައި އޮތް ފަށް ފޭރުނު މައްސަލައިގައި 31 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ، ސައިކަލު ދުއްވަން އިން މީހާ އެވެ.
ނަމަވެސް، އިއްޔެ އާއްމުވި ވީޑިއޯއިން ފެންނަނީ ޖޫލީ ނަމަކަށް ކިޔާ އަންހެން މީހާއާ ސައިކަލް ކައިރި ކޮށްލާ ތަނުން، ސައިކަލުގެ ފަހަތުގައި އިން މީހާ ފަށް ޖަހައިގަންނަ ތަނެވެ. އޭރު އޭނާ ހުރީ ގޮތް ހުސްވެ، ޝޮކެއްގެ ތެރޭގައި ކަން ވީޑިއޯ އިން އެނގެ އެވެ.
އެ މީހުން ފޭރޭ މަންޒަރު، ސީސީޓީވީ ކެމެރާއަކަށް އަރާފައިވާއިރު އެކަން ކުރާ މީހުންގެ މޫނާއި ސައިކަލު ނަމްބަރު ވެސް ވަރަށް ސާފުކޮށް ވީޑިއޯއިން ފެނެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ފަށް ހޯދީ ރަން ހަދާ ތަނަކަށް ވިއްކާލާފައިވަނިކޮށް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާއަށް އުފަން ޖޫލީއަކީ ގޭގެއަށް ގޮސް ކައްކައިދީ ސާފުކޮށްދީގެން އާމްދަނީ ހޯދާ މީހެކެވެ. އޭނާ ރާއްޖޭގައި އުޅޭތާ ހަ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އޭނާގެ ފިރިމީހާ ވަނީ މީގެ ހަތަރު އަހަރުކުރިން ކުއްލި ގޮތަކަށް މަރުވެފަ އެވެ. އޭގެ ފަހުން، ދެ ކުދިންގެ ކަންތައްތައް ބަލަހައްޓަނީ ޖޫލީ އެކަންޏެވެ.