16 އޯގަސްޓް 2022 - 21:20

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާއްވާ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
މުވާސަލާތީ ކުންފުނި އުރީދޫން ބުނި ގޮތުގައި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އެވޯޑަށް ވާތީ މިކަމަށް އެއްބާރުލުން ދިނުމަކީ އުފަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރުވާ، ފަންނީ ހުނަރުވެރިންނަށް ހިތްވަރު ދިނުމަށް ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.
މި އެވޯޑަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަށް ހިތްވަރު ދިނުމަށް ދޭ އެވޯޑެއްކަމަށް ކޮމިޝަނުން ބުނެ އެވެ.
މި އެވޯޑުގައި ހިމެނެނީ ތިން އެވޯޑް ކެޓަގަރީ އެކެވެ. އެއީ އިންޑަސްޓްރީ، ޖާނަލިޒަމް އަދި ޕްރޮޑަކްޝަން އެވޯޑް ކެޓަގަރީ އެވެ. ޕްރޮޑަކްޝަން އެވޯޑް ކެޓަގަރީގެ ބައެއް އެވޯޑްތަކަކީ ޗެނަލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ އެވޯޑުތަކަކެވެ. އަމިއްލަ ފަރާތްތަކުން ހުށަހަޅާ އެންޓްރީތަކަކީ ވެސް ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރަކު މެދުވެރިކޮށް ދުރަށް ފޮނުވާފައިވާ ކޮންޓެންޓަކަށް ވާން ޖެހެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި އެ އެވޯޑަށް ކުރިމަތިލާން ހުޅުވާލުމުން 170 ހުށަހެޅުން ލިބިފައިވެ އެވެ.