16 އޯގަސްޓް 2022 - 19:12

ތާއީދުކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސަކު ހޮވުމަށް ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތާއިދު އޮތީ ރިޔާސީ ނިޒާމަށްކަން އެމަނިކުފާނު މިއަދު ހާމަކުރައްވައިފި އެވެ.
ރިޔާސީ ނިޒާމަށް ތާއިދުކުރައްވާ ކަމަށް ޝާހިދު މި ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދަވަން މަސައްކަތްކުރައްވަމުން އަންނަނިކޮށެވެ. ނަޝީދު އަންނަނީ ގާނޫނު އަސާސީ އަށް އެ ބަދަލު ގެންނަން، އެމްޑީޕީގެ ރުހުން ހޯދަން ހަފުތާ ބަންދުގައި އޮންނަ އެ ޕާޓީގެ ކޮންގްރެސް އަށް ހުށަހަޅުއްވަން ތައްޔާރުވަމުންނެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ ތާއިދުކުރައްވަނީ ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް އަދި އަދުލް އިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް ކަމަށެވެ.
"ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ގާނޫނަށް ބޯލެނބުމުގެ މަތިވެރި ސިފަ ވެރިންގެ ކިބައިގައި ހުރުމަށް،" އޭނާގެ ޓްވީޓުގައި ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިވަގުތު ނިޒާމް ބަދަލުކުރައްވަން ތާއީދުނުކުރައްވާ ކަމަށް މިއަދު ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅަން 2007 ގައި ނެގި ވޯޓުގައި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ. ޝާހިދު އޭރު އުޅުއްވި ޑީއާރްޕީން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.