"ބްރަހްމަސްތުރާ" ބޮއިކޮޓްކުރަން ގޮވާތީ ކަރަން ބިރުން
"ބްރަހްމަސްތުރާ" ބޮއިކޮޓްކުރަން ގޮވާތީ ކަރަން ބިރުން

ބޮޑު ހަރަދެއްކޮށްގެން އުފައްދާފައިވާ ފިލްމު، "ބްރަހްމަސްތުރާ" ބޮއިކޮޓްކުރުމަށް ފިލްމާ ދެކޮޅަށް ހިންގަމުންދާ ކެމްޕެއިންތަކާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބިރުން ހުރި ކަމަށް ބުނެފި އެވެ.

އަޔާން މުކަރުޖީ ޑައިރެކްޓްކޮށް ނެރޭ އެ ފިލްމަކީ އާލިއާ ބަޓާއި ރަންބީރު ކަޕޫރަށް ހާއްސަ ފިލްމެކެވެ. އެމީހުން ދިމާވެ ލޯބީީގެ ގޮތުން ގުޅުނީ އެ ފިލްމުގެ ސެޓުން ދިމާވެގެންނެވެ.

ވިޝުއަލް އިފެކްޓްސްގެ ބުރަ މަސައްކަތްތަކެއްކޮށްފައިވާ އެ ފިލްމަކީ މިއަހަރު ނެރޭ އެންމެ އަގު ބޮޑު އެއް ފިލްމެވެ.

އެކަމަކު ޓްވީޓާގައި އެ ފިލްމު ބޮއިކޮޓްކުރުން ޓްރެންޑްވެ، "އެއްވެސް ފިލްމަކަށް ވާނެ ގޮތެއް ނޭނގޭ" ކަމަށް ކަރަން ވަނީ ބުނެފަ އެވެ. އޭނާ އެގޮތަށް ބުނެފައި ވަނީ މަޝްހޫރު އެކްޓަރު އާމިރު ހާންގެ ފިލްމު "ލާލް ސިންގް ޗައްދާ" އަށް ވެސް މާބޮޑު ތަރުހީބެއް ނުލިބުމުންނެވެ.

ފިލްމުގެ ޑައިރެކްޓަރު އަޔާންގެ އުފަން ދުވަހާ ދިމާކޮށް ކަރަން ކުރި ޕޯސްޓުގައި ވަނީ ވަރަށް ބޮޑަށް އަޔާނަށް ތައުރީފްކޮށްފަ އެވެ. އަދި އެ ފިލްމު އުފެއްދުމަށް އޭނާ ކުރި ބުރަ މަސައްކަތް ފާހަގަކުރި އެވެ. ކުރިއަށް ވާނެ ގޮތެއް އެއްގޮތަކަށް ބުނަން ނޭނގުނަސް އެ ފިލްމަށް ވަަރަށް މަސައްކަތްކުރި ކަމަށް އޭނާ ބުނެފައިވެ އެވެ.

ބްރަހްމަސްތުރާ ބޮއިކޮޓްކުރުމަށް ގޮވާލަނީ އެ ފިލްމަށް އެންމެ ފުރަތަމަ ނެގި ތަރިއަކީ ސުޝާންތު ސިންގް ރާޖުޕުތު ނަމަވެސް އޭނާ ފިލްމުން ބޭރުކޮށްލައި ރަންބީރު ފިލްމަށް ނެގީ ކަމަށް ބުނެ އެވެ. އެހެންވެ ސުޝާންތުގެ ސަޕޯޓަރުން ރުޅިގަދަވެ ފިލްމު ބޮއިކޮޓްކުރަން ގޮވަމުން އަންނައިރު ސުޝާންތުގެ މަރަށް ފަހު ނެޕޮޓިޒަމްގެ ބަހުސް ބޮޑުވެ ކަރަންއަށް ފާޑުކިޔުން ކުރިމަތިވި އެވެ.

މީގެ ފަސް ވަރަކަށް އަހަރުކުރިން ފެށި އެ ފިލްމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެ ރިލީޒްކުރުން އެތައް ފަހަރަކު ފަސްވީ އެވެ.

ހިޔާލީ ވާހަކައަކަށް ގެނެސްދޭ އެ ފިލްމު ބިނާކޮށްފައި ވަނީ ހިންދޫ މިތޮލޮޖީއަކަށެވެ. ސުޕަހީރޯ ސްޓައިލަށް އެ ފިލްމު ގެނެސްދެނީ ޒަމާނީ ރަހަތަކާ އެކު އެވެ.

ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ މަހުގެ 9 ގަ އެވެ.