16 އޯގަސްޓް 2022 - 13:55

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ކުށުގެ ވެށިން ފެންނަ ފޮޓޯތައް ދައުރު ނުކުރަން ފުލުހުން އެދިއްޖެ އެވެ.
ފުވައްމުލަކަށް އުފަން 22 އަހަރުގެ ޒުވާނާ މަރާލައިފައި އޮއްވައި ފެނުނީ ހ. ޝީރީންވިލާގެ ނުވަވަނަ ބުރީގެ އެޕާޓްމަންޓަކުންނެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިންޑިއާ އިން ހެދުމަށް ފަހު ރާއްޖެ ގެނެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަޅުލީ ފުވައްމުލަކުގަ އެވެ.
ޝިއާއުގެ ހަށިގަނޑު ކުށުގެވެށިން ފެންނަ ފޮޓޯތަކެއް އިއްޔެ ވަނީ ސޯޝަލްމީޑިއާގައި ކޮންމެވެސް ވަރަކަށް ދައުރުވެފަ އެވެ. އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވި ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބުލެވޭ ކަމަށެވެ.
އެ ފޮޓޯތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރާ ފޮޓޯތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް މީހަކު އެ ފަދަ ފޮޓޯއެއް ނަގައި ލީކުކޮށްފައިވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވައެ ފޮޓޯތަކަކީ އަނިޔާވެރިކަން ފެންނަ، ގިޔަ ބަޔަކަށް އަސަރުކުރުވާނެ ފޮޓޯތަކެއް ކަމަށް ވާތީ އެ ފޮޓޯތައް ދައުރު ނުކުރަން އެދޭ ކަމަށެވެ.
ލީކުވެފައިވާ ފޮޓޯތަކުގައި ޝިއާއުގެ ހަށިގަނޑު ސިޓިންރޫމު ތެރޭގައި ބާއްވާފައި އޮންނަތަން ފެނެ އެވެ. އަދި އެ ގޭގެ ބަދިގެ ކައިރީގައި ވަރަށް ގިނަ ލޭ ހުރި ފޮޓޯއެއް ވެސް ވަނީ ލީކުވެފަ އެވެ.
ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލުތައް، އާއިލާގެ އެދުމުގެ މަތިން ފުލުހުން ހާމައެއް ނުކުރެ އެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް މީޑިއާ އަށް އާންމެއް ނުކުރެ އެވެ.
ޝިއާއުގެ މަރާ ގުޅިގެން ފުލުހުން ވަނީ މަޝްހޫރު ސްކޭޓަރު، އަލީ ޝާހިލް، 22، އެ އެޕާޓްމަންޓުން ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ ޝާހިލް ހައްޔަރު ކުރި އިރު ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އޭނާ ނޫން އެހެން މީހަކަށް މި ކަމުގައި ތުހުމަތު ނުކުރެވޭކަމަށް ފުލުހުން ބުންޏެވެ.