ވެނެޒުއޭލާ ކެޕްޓަން ރިންކޮން ޔުވެންޓަސް އަށް
ވެނެޒުއޭލާ ކެޕްޓަން ރިންކޮން ޔުވެންޓަސް އަށް

ޓިއުރިން (ޖެނުއަރީ 4) – ޖެނޯއާ އަށް ކުޅޭ ވެނެޒުއޭލާ ގައުމީ ޓީމުގެ ކެޕްޓަން ތޯމަސް ރިންކޮން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ސޮއިކޮށްފި އެވެެ.

ޑިފެންސިވް މިޑްފީލްޑަރަކަށް އަދި ކަނާތު ބެކަކަށް ވެސް ކުޅެވޭ އުމުރުން 28 އަހަރުގެ ރިންކޮން ޔުވެންޓަސްއާ ގުޅުނީ ތިން އަހަރާ ބައިގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ޖެނޯއާ އިން އޭނާ ވިއްކާލީ 8 މިލިއަން ޔޫރޯ އަށެވެ.

މީގެ ކުރިން ޖަރުމަނުގެ ހެމްބާގަށް ކުޅުނު ރިންކޮން އަކީ އިޓަލީގެ އެންމެ ކާމިޔާބު ޓީމަށް ކުޅޭ ވެނެޒުއޭލާގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ވެނެޒުއޭލާ ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން 81 މެޗު ކުޅެދީފަ އެވެ.

ޗެމްޕިއަންސް ލީގުގެ ތަށްޓަށް އަމާޒު ހިފާފައިވާ ޔުވެންޓަސް އިން ވަނީ މި ސީޒަނުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި ބޮސްނިއާ މިޑްފީލްޑަރު މިރެލަމް ޕިޔަނިޗާއި ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވެސް އާއި މޮރޮކޯގެ މެހްދީ ބެނާޝިއާ އާއި ކްރޮއޭޝިއާގެ ފޯވާޑް މާކޯ ޕިޔަޗާ އާއި އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ހިމެނެ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ޔުވެންޓަސް މިވަގުތު އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އިޓާލިއަން ލީގުގެ އެއް ވަނައިގަ އެވެ.

ޖެނޯއާގެ އިޓަލީ ފޯވާޑެއް ކަމަށްވާ ލެއޮނާޑޯ ޕަވެލޮޓީ ވަނީ ނަޕޯލީއާ ގުޅިފަ އެވެ. މި ސީޒަނުގައި ނުވަ މެޗުން ތިން ގޯލް ޖަހާފައިވާ ފޯވާޑުގެ ޓްރާންސްފާގެ އިތުރު ތަފްސީލެއް ދެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެ އެވެ. --ބީބީސީ