16 އޯގަސްޓް 2022 - 12:26

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލާމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ހަރުގެ ބައްދަލުވުންތައް ރޭ ފައްޓަވައިފި އެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ އާ ހަމައަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމް ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަން އެމަނިކުފާނަށް ފެންނަ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.
އެ ހުށަހެޅުންތަކުގެ ބައެއް ތަފްސީލުތައް ވެސް އެމަނިކުފާނު މިހާރު އާންމު ކުރައްވާފައިވާ އިރު، ނަޝީދު ރޭ ވަނީ ހެންވޭރު އާޓިފިޝަލް ބީޗު ކައިރީ ހުންނަ އެ ޕާޓީގެ ހަރުގެ އަށް ވަޑައިގެން އާންމު މެމްބަރުންނާ ބައްދަލު ކުރައްވައި އެ ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމްގެ މަޝްވަރާ ކުރިޔަށް ގެންދިޔުމަށް މިރޭ ވެސް އެމަނިކުފާނު ހަރުގެ އަށް ވަޑައިގަންނަވާނެ ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ހުށަހަޅާފައިވާ ގަރާރުގައިވާ ގޮތުން ރިޔާސީ އިންތިހާބު އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް މުތުލަގު ބާރުތަކާ އެކީ ސަރުކާރު ހިންގުން ނާދިރެވެ. އެހެން ޕާޓީތަކާއެކު ކޯލިޝަނެއް ހަދަން ޖެހުމުގެ ސަބަބުން ސަރުކާރު ހިންގުން ގަޑުބަޑުވެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި ސަރުކާރާ މެދު ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރު ކުޑަވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
- ބަރުލަމާނީ ނިޒާމް އެކުލަވާލައި، ބޮޑުވަޒީރެއް އައްޔަން ކުރުން
- ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ އަދަދަށް ބަލައި ނޭޝަނަލް ލިސްޓެއް އެކުލަވައިލުން
- މަޖިލިސް މެމްބަރުންގެ ޖުމުލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ގޮތް ހެދުން
- މަޖިލިސް މެމްބަރުންގެ ތެރެއިން އެކުލެވޭ ވަޒީރުންގެ މަޖިލިސް އެކުލަވައިލުން
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރުން
- ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން
- ލާމަރުކަޒީ އުސޫލުގެ ސިފަތައް ގާނޫނުއަސާސީގައި ހިމެނުން
އެމްޑީޕީގެ ތެރޭގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަނެއް އުފެދިފައިވާ އިރު މި ބަދަލުތަކަށް ތާއީދު ކުރަނީ ނަޝީދު ފެކްޝަންގެ މެމްބަރުން އެކަންޏެވެ. ރައީސަށް ތާއީދު ކުރާ އަދި އެމަނިކުފާނުގެ އަރިސް މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމް ގެނައުން ފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.