16 އޯގަސްޓް 2022 - 13:27

ހުޅުމާލޭގައި މިހާރު ފަށާފައިވާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިމެނޭ ގޮތަށް ޖުމުލަ 6،187 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދީ، އާންމުންނަށް ފުއްދުންތެރި ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެއީ ހުރިހާ ފަންތިއެއްގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ހަދާ މިކްސްޑް ހައުސިން ޕްރޮޖެކްޓްގައި 1،042 ފްލެޓް ހިމެނެ އެވެ. އެއީ 120 ކައުންސިލް ހައުސިން ޔުނިޓާއި 240 އެފޯޑަބަލް ހައުސިން ޔުނިޓް އަދި 682 މިޑް ރޭންޖް ހައުސިން ޔުނިޓެވެ.
އެ މަޝްރޫއުގެ އިތުރުން ރީތިގަސް ރެސިޑެންސްގެ ނަމުގައި އެޗްޑީސީން ފަށާފައިވާ މަޝްރޫއުގައި 459 ޔުނިޓް ހިމެނެ އެވެ.
އަނެއް މަޝްރޫޫއުއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ 4،000 ޔުނިޓެވެ. އެ ތަނުގައި ހުންނާނީ ކައުންސިލް އަދި އެފޯޑަބަލް ހައުސިން ޔުނިޓްތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން "ބްލޫ ހެވަން" ގެ ނަމުގައި 116 ޔުނިޓްގެ މަޝްރޫއުއެއް ވެސް ހުޅުމާލޭގައި ކުރިއަށް ގެންދާއިރު އެޗްޑީސީން ބުނިގޮތުގައި، އެސްޖޭ ކޮންސްޓްރަކްޝަނުން "އެސްޖޭ ކްރީކް" ގެ ނަމުގައި 105 ޔުނިޓެއް ހަދަމުން އަންނަ ކަމަށެވެ.
އެޗްޑީސީން ބުނީ، ސާސީ ގްލަޓް ޖޮއިންޓް ވެންޗާ ކުންފުންޏާ ހަވާލުކޮށްގެން "ކްރީކް ވިއު ރެސިޑެންސް" ގައި 129 ޔުނިޓެއް ހަދަމުން އެބަދެ އެވެ. ފެޑޯ ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ 53 ފްލެޓްގެ މަސައްކަތެވެ.
ރެއިންބޯ މެގަ ޑިވެލޮޕްމަންޓާ ހަވާލުކޮށްގެން "ރެއިންކޮރަލް" ގެ ނަމުގައި 162 ފްލެޓެއްގެ މަސައްކަތް ވެސް އެބަކުރެ އެވެ. ނިއުމާކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން 121 މިކްސް ރެސިޑެންޝިއަލް ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުތަކުގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން 2،000 ހައުސިން ޔުނިޓާއި މިޑް ޓު ހައި ލެވެލް އިން މިކްސް ޔޫސް ރެސިޑެންޝިއަލް ޔުނިޓްގެ 1،031 ޔުނިޓާއި ލޯކަލް ޑިވެލޮޕަރުންގެ 12 ޕްލޮޓުން 156 ޔުނިޓާއި މެރީނާ ވިއު އެޕާޓްމެންޓުން 863 ޔުނިޓްް ވެސް އެބަ ހަދަ އެވެ.
ހުޅުމާލޭގައި މިހާރު 6،187 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ކުރިމަގުގައި 4،050 ޔުނިޓް އިމާރާތްކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެެވެ. އޭގެ މާނައަކީ މިހާރު އިމާރާތްކުރާ ފްލެޓްތަކުގެ އަދަދު 11،581 އަށް އިތުރުވުމެވެ.
އެޗްޑީސީން ބުނީ، އެ ހުރިހާ މަޝްރޫއެއް ވެސް ފެށީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކަމަށެވެ.
އެ ކުންފުނިން މަސައްކަތް ކުރަނީ ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.