16 އޯގަސްޓް 2022 - 11:39

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ހޯދަން ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދެނީސް އިތުރަށް 500،000 އަށް ވުރެން ގިނަ ރުފިޔާ ދިން މައްސަލަ ބަލައި، އެ ފައިސާ އަނބުރާ ހޯދަން އަންގައިފި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާއްމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮވިޑާ ގުޅާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި 8.9 މިލިއަން ރުފިޔާގެ ތަކެތި އެއްބަސްވުމާ އެއްގޮތަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ. ޕީޕީއީގެ ތެރޭގައި ހިމެނޭ ގްލޯވްސް އާއި ގައުންސް އަދި ޝޫކަވާ ފަދަ ތަކެތި ހޯދަން އަމިއްލަ ފަރާތަކާ އެކު މާޗް، 9، 2020 ގައި ސޮއިކުރީ ހަފުތާއެއްގެ ތެރޭގައި ފޯރުކޮށްދޭން ޖެހޭ ގޮތަށެވެ.
"ނަމަވެސް އެއްބަސްވުމުގައިވާ މުއްދަތަށް މިއިން އެއްވެސް އައިޓަމެއް މިނިސްޓްރީއަށް ލިބިފައި ނުވާކަން ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.
ހަވާލުކުރި އައިޓަމްތަކުގެ ތެރެއިން 55،800 ގައުންސް އާއި 100،450 ޝޫކަވާ އާއި 100،450 ހެޑްކަވާ ހަވާލުކޮށްފައި ވަނީ މަހެއްހާ ދުވަސް ފަހުން އެޕްރީލް 9 ގައި ކަމަށް އޮޑިޓުގައިވެ އެވެ. މި ތަކެތީގެ އަގަށްވާ 4.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ވަނީ ސެޕްޓެމްބަރު، 2020 ގައި ދައްކައިފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ފޯރުކޮށްނުދެވޭ ނަމަ އެކަން އަންގަން އެއްބަސްވުމުގައި އޮތަސް އެ ކުންފުނިން މިނިސްޓްރީއަށް އެކަން އެންގީ މަހެއްހާ ދުވަސް ފަހުންނެވެ.
ރިޕޯޓުގައި ބުނީ އެއްބަސްވުމުގައި ބުނާ މުއްދަތު ހަމަވިފަހުން ހަވާލުކުރި ތަކެތިން ލިކުއިޑޭޓެޑް ޑެމޭޖަސް ނުވަތަ އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދަން ޖެހޭނެ ކަމަށް އޮޑިޓް އޮފީހަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު މިނިސްޓްރީން ފައިސާ ދެއްކީ އެބައި އުނި ނުކޮށް ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން މި މަސައްކަތް ހަވާލުވި ފަރާތުން ފޯރުކޮށްދީފައިވާ އައިޓަމްތަކަށް ފައިސާ ދައްކާފައިވާ އިރު 517،915ރ. އިތުރަށް ދީފައިވާކަން ފާހަގަކުރެވެ އެވެ،" އޮޑިޓުގައިވެ އެވެ.
އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި އޮތީ، އެއްބަސްވުމުގައި ބުނާ ބްރޭންޑްތަކުގެ ގައުންތައް ފޯރުކޮށްދީފައި ނުވާތީ 44،450 ގައުންއާ މިނިސްޓްރީން ހަވާލު ނުވުމެވެ.
"ނުނިމޭ މަސައްކަތަށް ޖުމްލަ އަގު އަދާކޮށްފައި ވުމުން މަސައްކަތާ ހަވާލުވި ފަރާތުން މަސައްކަތް ފުރިހަމަނުކޮށް ލަސްވިކަމުގައި ވިޔަސް އެޅޭނެ އެކަށީގެންވާ ހަރުދަނާ ފިޔަވަޅެއް ނޯންނާނެ ކަމާއި މަސައްކަތުން ލިބެން ޖެހޭ މަންފާ ނުލިބި ގިނަ ދުވަސްތަކެއް ވެގެންދާނެކަން ފާހަގަކުރުމެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި ޕީޕީއީ ގަތުމަށް ހަވާލުކުރި ފަރާތަށް އިތުރަށް ދީފައިވާ 500،000 އަށް ވުރެން ގިނަ ރުފިޔާ ދައުލަތަށް ހޯދަން ޖެހެ އެވެ. މި ފައިސާ ނުލިބިއްޖެ ނަމަ އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހޯދައި ޖަމާކުރަން ޖެހޭ އެކައުންޓަކަށް ޖަނާކުރަން ޖެހޭނެ ކަަމަށް ވެސް ބުނެފައިވެ އެވެ.
އަދި މި މައްސަލައިގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާތީ ގަވާއިދުގައި ބުނާ "މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީ"އަށް ހުށަހެޅުމަށާއި އިހުމާލުވި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީއަށް ހުށަހަޅަން ލަފާދީފައިވެ އެވެ.
ކޮވިޑާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ހޭދަކުރި ގޮތް ބަލައި މީގެ ކުރިން އާއްމުކުރި ރިޕޯޓުތަކުގައި ވެސް ގިނަ ކަންކަން އިސްލާހުކުރަން ލަފާދީފައިވެ އެވެ.