16 އޯގަސްޓް 2022 - 11:45

މުޅި ދުނިޔޭގައި ވެސް ސްނޯކުލް ކުރަން އެންމެ ރަނގަޅު ދެ ވަނަ މަންޒިލަކަށް ރާއްޖެ ހޮވިއްޖެ އެވެ.
މަޝްހޫރު އޮންލައިން ފްލެޓްފޯމް "ބައުންސް" އިން ހެދި ދިރާސާގައިވާ ގޮތުން ރާއްޖޭގައި 9،000 ކިލޯމީޓަރުގެ ފަރުގެ ސަރަހައްދެއް އޮންނަ އިރު އެއީ ދުނިޔޭގެ ފަރުގެ ސަރަހައްދުގެ ތިން ޕަސެންޓެވެ. ރާއްޖޭގައި މަހުގެ 1،100 އަށް ވުރެ ގިނަ ބާވަަތާއި ކަނޑުގެ ދިރުން އުޅޭ ކަމަށާއި ރާއްޖެއަކީ ސްނޯކްލިން އަށް ވަރަށް ފުރިހަމަ މަންޒިލެއް ކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖެއަށް އަންނަ ގިނަ ޓޫރިސްޓުންނަކީ ރާއްޖޭގެ ކަނޑުގެ ރީތިކަން ދެކިލަން އަންނަ މީހުންނެވެ.
މި ލިސްޓުގެ އެއް ވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ. އޮސްޓްރޭލިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ފަރު "ގްރޭޓް ބެރިއާ ރީފް" ވެސް އޮންނަ ގައުމެވެ. އެގައުމުގެ ފަރުގެ ސަރަހައްދުގެ ބޮޑު މިނުގައި 49،000 ކިލޯމީޓަރު ހުރެ އެވެ. އަދި ކަނޑުގެ ސަރަހައްދުގައި 4،000 އަށް ވުރެ ގިނަ މަސްމަހާމެހި އުޅެ އެވެ.
މި ލިސްޓުގެ ތިން ވަނައިގައި އޮތީ އެމެރިކާ އާއި ކިއުބާ އެވެ. ލިސްޓުގެ ހަތަރު ވަނައިގައި ބަހާމަސް ހިމެނޭ އިރު ފަސް ވަނައިގައި އޮތީ ޕަޕުއާ ނިއު ގިނީ އެވެ.
ބައުންސް އިން ދުނިޔޭގެ އެންމެ ރަނގަޅު ސްނޯކްލިން ޑެސްޓިނޭޝަން ހޮވާފައިވަނީ، އެ ގައުމެއްގެ ސްނޯކްލިން ޓުއާތައް ބާއްވާ އަދަދާއި ފަރުގެ ސަރަހައްދުގެ ސައިޒާއި ކަނޑުގެ ދިރުންތަކާއި ދުނިޔޭގެ ނިސްބަތުން އެގައުމެއްގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރަށް ބެލުމަށް ފަހު އެވެ.