ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މީހުން ކަމަށް ބުނާ ބައެއްގެ ފޮޓޯ އާންމުކޮށްފި!
ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މީހުން ކަމަށް ބުނާ ބައެއްގެ ފޮޓޯ އާންމުކޮށްފި!

މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް ބައެއްގެ ފޮޓޯ އާއި އެ މީހުންގެ ބައެއް މައުލޫމާތު ސޯޝަލް މީޑިއާ އަށް ލީކުކޮށްލައިފި އެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ، ހިނގާފައި ދިޔަ އެ އަންހެންމީހާގެ ފަށް ފޭރިގަތް މައްސަލައިގައި އަދި ބަޔަކު ހައްޔަރު ނުކުރާ ކަމަށެވެ.

އިއްޔެ އާންމުވި އެ ވީޑިއޯ އިން ފެންނަނީ ދިލްބަހާރު މަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެންމީހާގެ ކަރުގައި އަޅާފައި އޮތް ފަށް، އޭނާގެ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ބަޔަކު ޖަހައިގަންނަ މަންޒަރެވެ.

އަންހެން މީހާއާ ސައިކަލް ކައިރި ކޮށްލާ ތަނުން، ސައިކަލުގެ ފަހަތުގައި އިން މީހާ، ފަށް ޖަހައިގަނެ، ސައިކަލް ދުއްވާލަ އެވެ. އޭރު އަންހެންމީހާ ހުރީ ގޮތް ހުސްވެ، ޝޮކެއްގެ ތެރޭގައި ކަން ވީޑިއޯ އިން އެނގެ އެވެ.

އެ ވަގުތު އެ މަގުގައި މާ ގިނަ ބަޔަކު ނެތުމުން އެ ކަމާ އަޅާލާނެ މީހަކު ނުވެ އެވެ.

ނަމަވެސް މިހާރު ވަނީ އެ ކަން ކުރި ދެ މީހުންގެ ފޮޓޯ އާއި އެ މީހުންގެ ފޭސްބުކް އެކައުންޓު ކަމަށް ބުނެ އެ ދެ މީހުންގެ އެކައުންޓު އާންމުކޮށްފަ އެވެ. އެ މީހުންގެ ފޮޓޯއާއެކު މީހުން ގޮވަމުން ދަނީ ހައްޔަރު ކުރުމަށެވެ.

އެ މީހުން ފޭރޭ މަންޒަރު، ސީސީޓީވީ ކެމެރާއަކަށް އަރާފައިވާއިރު އެކަން ކުރާ މީހުންގެ މޫނާއި ސައިކަލު ނަމްބަރު ވެސް ވަރަށް ސާފުކޮށް ވީޑިއޯއިން ފެނެ އެވެ.

ފަށް ފޭރިގަތީ ކޮން ބައެއްކަން އެހާ ސާފުކޮށް އެނގޭއިރު، އަދި ފޮޓޯ ވެސް އާންމުކޮށްފައިވާތީ އެ ދެ މީހުން ހައްޔަރު ނުކުރުމަކީ އާންމުންގެ ކޮމެންޓްތަކުން ބޮޑު ކަންބޮޑުވުމެކެވެ.