ޔޯގާ ހަމަނުޖެހުމަށް ފަހު ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލައިފި
ޔޯގާ ހަމަނުޖެހުމަށް ފަހު ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލައިފި

މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، އެކަން ހުއްޓުވަން ވަދެގަނެ ހަމަނުޖެހުން ހިންގުމުގެ ތުހުމަތުކުރެވޭ މީހަކު ސިފަ ބަދަލުކޮށްގެ އުޅެނިކޮށް ހައްޔަރުކޮށް ބަންދުގައި 44 ދުވަސް ހޭދަކުރި ފަހުން ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

ފުލުހުން ކޯޓުގައި ބުނީ، އުމުރުން 25 އަހަރުގެ އަހްމަދު އަކްސަމް އުޅުނީ ހަމަނުޖެހުމުގައި ބައިވެރިވުމަށް ފަހު، ސިފަ ބަދަލުކޮށް އަދި އޭނާ ގެންގުޅޭ ފޯނު ވެސް ބަދަލުކޮށްގެން ކަމަށެވެ. ގާޒީ ވިދާޅުވީ، އެއީ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަމުގެ ކޮންމެވެސް ވަރެއްގެ ހެއްކެއް ކަމަށާއި އެކަމަކު ބަންދުން ދޫކޮށްލަން ނިންމީ ބަންދުގައި ހޭދަކުރި މުއްދަތާއި އޭނާގެ ފަރާތުން މީހަކަށް އަނިޔާއެއް ވެސް ވެފައި ނުވާތީ އެ ކަންކަމަށް ބަލާފައި ކަމަށެވެ.

އަކްސަމް ހައްޔަރުކުރުމުގެ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ހެއްކަށް ނުފޫޒު ފޯރުވާން މަސައްކަތް ކޮށްފާނެ ކަމަށް ކޮންމެވެސް ވަރަކަށް ބެލެވުނު ކަމުގައި ވިޔަސް މިހާރު ތަހުގީގު ގޮސް އޮތް ހިސާބަށް ބަލާއިރު، މިހާރު ހުރި ހެއްކަށް އަދި ހޯދިދާނެ ކަމަށް ބެލެވޭ ހެއްކަށް ނުފޫޒު ފޯރުވިދާނެ ކަމަށް ނުބެލެވޭ ކަމަށް ކޯޓު އަމުރުގައި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވި އެވެ.

ބަންދުން ދޫކޮށްލަނީ ޝަރުތުތަކެއް ކޮށްފައި ކަމަށާއި އެހެންވެ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި ފުލުހުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔޯގާ ހަމަނުޖެހުމުގެ ތަހުގީގު މުއްދަތު އިތުރުކޮށްދޭން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. ކޯޓަށް ހާޒިރުވި ފުލުހުންގެ އިންވެސްޓިގޭޓިން އޮފިސަރު ވިދާޅުވީ، ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ހަތް މީހަކު ކަމަށެވެ.

ތުހުމަތުވާ އަކްސަމްގެ ވަކީލު ވެސް ވިދާޅުވިގޮތުގައި، އަކްސަމްއާ އެއް ހާލަތެއްގައި ތިބި ބަޔަކު ވެސް ކުރިން ބަންދުން ދޫކޮށްލި އެވެ.

ޔޯގާ ހަރަކާތް ހުއްޓުވަން ހަމަނުޖެހުން ހިންގި މައްސަލާގައި ދީނީ ދެ އިލްމުވެރިޔަކު ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު ހައްޔަރުކުރި އެވެ. މި މީހުންގެ މައްޗަށް ޓެރަރިޒަމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުކުރެ އެވެ.