16 އޯގަސްޓް 2022 - 06:34

މީގެ 10 އަހަރުކުރިން ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު، "އެކްތާ ޓައިގާ" ގެ ތިން ވަނަ ފިލްމު ރިލީޒްކުރާނެ ތާރީހު އިއުލާންކޮށްފި އެވެ.
އޭކްތާ ޓައިގާއަކީ ސަލްމާނާއި ކެޓްރީނާ ލީޑު ރޯލުން ފެންނަ ފިލްމެކެވެ. ފިލްމަށް 10 އަހަރުވުމާ ދިމާކޮށް ސަލްމާން ބުނީ މި އެކްޝަން ސީރީޒްގެ ތިން ވަނަ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރީލް 21 ގައި ކަމަށެވެ.
ސަލްމާން ބުނި ގޮތުގައި އެ ފިލްމު ހިންދީ ބަހާއި ތެލޫގޫ އަދި ތަމަޅައިން ވެސް ނެރޭނެ އެވެ.
ފިލްމުގެ ދެވަނަ ބައި ނެރުނީ "ޓައިގާ ޒިންދާ ހޭ" ގެ ނަމުގަ އެވެ. އެ ބައިގައި ވެސް ސަލްމާނާ އެކު ފެނުނީ ކެޓްރީނާ އެވެ.
ތިން ވަނަ ފިލްމުގެ ޓީޒާއެއް ވެސް އިއްޔެ އާންމުކުރި އެވެ. ޓީޒާ އިން 2012 އާއި 2017 ގެ ފިލްމުގެ މަންޒަރުތައް ފެނެ އެވެ. އޭގެ ފަހުގައި "ޓައިގާ އެނބުރި އަތުވެއްޖެ" ކަމަށް ބުނެ އެވެ.
ސަލްމާނާއި ކެޓްރީނާގެ އިތުރުން ތިން ވަނަ ފިލްމުގައި އެމްރާން ހާޝިމީ ވެސް ފެންނާނެ ކަމަށްވެ އެވެ.