ވީޑިއޯ ލީކުވި ނަމަވެސް މިއަންމާ މުސްލިމުންނަށް އަނިޔާ ނުކުރާ ކަަމަށް ބުނެފި
ވީޑިއޯ ލީކުވި ނަމަވެސް މިއަންމާ މުސްލިމުންނަށް އަނިޔާ ނުކުރާ ކަަމަށް ބުނެފި

ޔަންގޫން (ޖެނުއަރީ 4) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވީ ނަމަވެސް މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް އެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވީޑިއޯ ލީކުވި ނަމަވެސް މިއަންމާ މުސްލިމުންނަށް އަނިޔާ ނުކުރާ ކަަމަށް ބުނެފި
ވީޑިއޯ ލީކުވި ނަމަވެސް މިއަންމާ މުސްލިމުންނަށް އަނިޔާ ނުކުރާ ކަަމަށް ބުނެފި

މިއަންމާގެ ސްޓޭޓް ކައުންސިލާ އަން ސަން ސޫކީގެ އޮފީހުން ބުނީ މުސްލިމުންނަށް އަނިޔާކުރަނިކޮށް ލީކުވެފައިވާ ވީޑިއޯ އިން ފުލުހުންގެ ހަތަރު އޮފިސަރުން ފާހަގަކޮށްފައިވާ ކަމަށާއި އިތުރު މީހުން މުސްލިމުންނަށް އަނިޔާކޮށްފައިވޭތޯ ބަލަމުންދާ ކަމަށެވެ.

މި މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން މިއަދު ނެރުނު ވަގުތީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަންމާ ސިފައިން މުސްލިމުންނަށް އަނިޔާ ކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރޮހިންޖާ މުސްލިމުން ރަކީން ސްޓޭޓުން ނެރެލުމަށް ސިފައިން ކެމްޕޭނެއް ފަށާފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ރަކީން ސްޓޭޓުގެ 'ބެންގާލީ' އާބާދީ އާއި މިސްކިތްތަކާއި ދީނީ އިމާރާތްތައް ސަލާމަތުން ހުރުމަކީ އެ ސްޓޭޓުގައި އެއްވެސް ގަތުލް އާއްމެއް ހިންގައިފައި ނުވާ ކަމުގެ ހެއްކެއް،" ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިއަންމާ ސިފައިންގެ ކުރީގެ ޖެނެރަލެއް އިސްކޮށް ހުރި ކޮމިޝަނުން ބުނެފައި ވަނީ މުސްލިމުން ރޭޕްކޮށް އެ މީހުންގެ އިމާރާތްތަކުގައި އަލިފާން ޖަހާފައިވާ ކަމުގެ އެކަށީގެންވާ ހެކި ވެސް ލިބެން ނެތް ކަމަށެވެ. މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. ރަކީންގެ އާއްމުންގެ 485 މީހަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ. ކޮމިޝަނުގެ އިސްވެރިކަން ހުރި ސިފައިންގެ ޖެނެރަލް އެމރިކާ އިން މީގެ ކުރިން ވަނީ ބްލެކްލިސްޓް ކޮށްފަ އެވެ.

މިއަންމާ ސަރުކާރުން ބުނެފައި ވަނީ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯ ނަގާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ފުލުސް އޮފިސަރެއް ކަމަށެވެ. ރަކީން ސްޓޭޓް ވަނީ ނޫސްވެރިންނާއި ތަހުގީގު ކުރާ ފަރާތްތަކަށް ބަންދުކޮށްފަ އެވެ. އެހެންވެ އެ ތަނުގައި ހިންގާ ޖަރީމާތަކުގެ ފުރިހަމަ މައުލޫމާތެއް ނުލިބެ އެވެ.

މުސްލިމުންނަށް އަނިޔާ ކުރަމުންދާ އިރު، ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ސަރުކާރުން ބުނީ މުސްލިމުންނަށް އަނިޔާ ކުރާ ވީޑިއޯ ނަގާފައި ވަނީ ފުލުހުން ހިންގި ކްލިއަރެންސް އޮޕަރޭޝަނެއްގައި ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ރަކީން ސްޓޭޓުގެ ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ކުރިމަތީގައި ސަފަކަށް ބޭތިއްބުމަށް ފަހު އެއް އޮފިސަރަކު މުސްލިމަކަށް އަނިޔާކުރެ އެވެ. އަނެއް އޮފިސަރު ބޫޓުން މުސްލިމެއްގެ މޫނުމަތީގައި ޖަހަ އެވެ. އަދި އެހެން މީހަކު ވެސް ކޮޅުފައިން ޖަހަ އެވެ.

ރަކީންގައި މުސްލިމުންނަށް ވަރަށް ބޮޑަށް އަނިޔާކުރަމުންދާ ކަމުގެ ތުހުމަތުތައް ކޮށްފައިވެ އެވެ. އަދި މިއަންމާ ސަރުކާރުން އަމަލުކުރަމުން ދަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ނައްތާލަން ކަމަށް ވެސް ނޯބެލް ސުލްހައިގެ އިނާމު ހޯދާގައިވާ 11 ފަރާތެއް ގުޅިގެން ނެެރެފައިވާ ބަޔާނެއްގައި ދާދި ފަހުން ވަނީ ބުނެފަ އެވެ.

މިއަންމާ ސިފައިން އޮކްޓޯބަރު މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޖާ ދަރިކޮޅުގެ 86 މުސްލިމަކު މަރާފައިވެ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ މި އޮޕަރޭޝަން ފެށީ ފުލުހުންގެ ނުވަ މީހަކު މަރާލުމާ ގުޅިގެން ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވަނީ އެ މީހުން ހިންގަނީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ކަމަށެވެ. އދ. އިން ބުނި ގޮތުގައި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން، ރޮހިންޖާ މުސްލިމުންގެ 34،000 މީހުން ވަނީ ރަކީން ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފަ އެވެ. ގިނަ މީހުން ދަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.

ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.