15 އޯގަސްޓް 2022 - 19:17

ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށާއި އެއީ އަބަދުވެސް ތާއީދުކުރައްވަމުން އައި ގޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ގަރާރު މިއަދު ވަނީ އާއްމުކުރައްވައިފަ އެވެ. އޭގެ ތަފްސީލް ދެއްވަމުން، އެ ނިޒާމު ގެންނެވުމުގައި މިނިސްޓަރު ފައްޔާޒްގެ ތާއީދު ވެސް ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެ ގަރާރުގައި ވަނީ ބަރުލަމާނީ ނިޒާމުގައި އޮންނަ ގޮތަށް ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުން ސަރުކާރު ހިންގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ރަމްޒީ މަގާމެއްގެ ގޮތުގައި ރައީސް ދެމިހުންނަވުމަށެވެ. މިއީ، މިވެރިކަން ފެށުނުއިރު ވެސް ނަޝީދު ވަކާލާތު ކުރައްވަމުން ގެންދެވި ބަދަލެކެވެ.
ފައްޔާޒް "މިހާރު"އަށް ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިންގަން އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ނިޒާމަކީ އާ ގާނޫނުއަސާސީއާ އެކު ދެމިތިބި ރިޔާސީ ނިޒާމު ކަމަށެވެ.
"އަޅުގަނޑަކީ ފެށުނީއްސުރެ ދިވެހި ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމް ކަމަށް ތާއީދުކުރާ މީހެއް،" ފައްޔާޒް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަށް ބަދަލުވާން ތާއީދަށް އެދިވަޑައިގަތް އިރު، މި ފަހުން ނަޝީދު ވަނީ ފައްޔާޒާ ދެކޮޅަށް ނުކުންނެވުމަކީ ހެއްދެވުނު ގޯހެއް ކަަމަށް ވިދާޅުވެފަ އެވެ. ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރެއްވޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕެއްގައި ނަޝީދު ވިދާޅުވެފައި ވެ އެވެ.
ބަރުލަމާނީ ނިޒާމެއްގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގައި ފައްޔާޒުގެ ތާއީދަށް އެދިވަޑައިގެންފައި އޮތަސް 2023ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުގައި ވާދަކުރައްވައިގެން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. ޗެއާޕާސަން ކަމުގައި އެންމެ އިސް އަމާޒެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ ވެސް އެމްޑީޕީއަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ކަށަވަރުކޮށްދެއްވުން ކަމަށް ފައްޔާޒް ވިދާޅުވެފައިވެ އެވެ.
ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވައި އާއްމުކުރައްވާފައި ވަނީ މިހާރު ވެސް ސަރުކާރު ހިންގާ ޕާޓީތަކާ އެކު ކޯލިޝަނަކުން ވެރިިކަން ކާމިޔާބު ކުރެއްވުމެވެ. ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގައި ވިސްނުންފުޅު ސާފުކޮށް ވިދާޅުނުވެ ތަކުރާރުކުރައްވާފައި ވަނީ އެއީ ރައްޔިތުންގެ ވޯޓަކުން ނޫނީ ނިންމެން އޮތް ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ގޮތެއް ކަނޑައަޅައި ގާނޫނުއަސާސީގައި ލިއެފައިވާ ނިޒާމު ބަދަލުކުރެވޭނީ އަނެއްކާވެސް ރައްޔިތުންނަށެވެ.