ހަތަރުގަނޑު ފޮޓޯއިން ދިފާއު ވާން ނަޝީދުގެ ވާހަކަ އެހެން ދިމާއަކަށް!
ހަތަރުގަނޑު ފޮޓޯއިން ދިފާއު ވާން ނަޝީދުގެ ވާހަކަ އެހެން ދިމާއަކަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން ނަޝީދަށް އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަން މިއަދު ދެކޮޅު ހައްދަވައި މުޅިން އެހެން ދިމާއަކަށް މިސްރާބު އަނބުރާލައްވައިފި އެވެ.

ހަތަރުގަނޑު ފޮޓޯއިން ދިފާއު ވާން ނަޝީދުގެ ވާހަކަ އެހެން ދިމާއަކަށް!
ހަތަރުގަނޑު ފޮޓޯއިން ދިފާއު ވާން ނަޝީދުގެ ވާހަކަ އެހެން ދިމާއަކަށް!

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް މިދިޔަ މަހުގެ 29 ގައި ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައި ވަނީ، އެ މަނިކުފާނުގެ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ވެސް ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ.

ހަތަރުގަނޑު ފޮޓޯއިން ދިފާއު ވާން ނަޝީދުގެ ވާހަކަ އެހެން ދިމާއަކަށް!
ހަތަރުގަނޑު ފޮޓޯއިން ދިފާއު ވާން ނަޝީދުގެ ވާހަކަ އެހެން ދިމާއަކަށް!

އޭގެ ފަހުން ފުރަތަމަ ފަހަރަށް ނަޝީދު މިއަދު ނޫސްވެރިންގެ ކުރިމައްޗަށް އަރާވަޑައިގަތުމުން ގިނަ ނޫސްވެރިން އެ ހަތަރުގަނޑު ފޮޓޯގެ ތަފުސީލު ދެއްވަން އެދުމުން އެ ވާހަކަ ދައްކަވަން އެ މަނިކުފާނު ދެކޮޅު ހެއްދެވި އެވެ. އެ ފޮޓޯތަކާ ގުޅިގެން ނޫސްވެރިން އެކި ގޮތްގޮތަށް ސުވާލު ކުރުމުން މަސައްކަތްޕުޅު ކުރެއްވީ، ރައީސަށް ކުރެއްވި ބޮޑު ތުހުމަތުން ރެކިވަޑައިގަތުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ނަޝީދު ފުރަތަމަ ވިދާޅުވީ އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަން ކަމަށާއި ހަތަރުގަނޑު ފޮޓޯގެ ވާހަކައާ ވެރިކަމުގެ ނިޒާމާ ގުޅުމެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް ހިއެއް ނުވޭ އެކަން ނިޒާމީ މައްސަލައާ ގުޅޭ ހެނެއް. އެހެންވެ އެ ސުވާލު ދޫކޮށްލައްވާ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން އެކި ނޫސްވެރިން ފުލުފުލުން އެ ސުވާލު ކުރުމުން ނަޝީދު ވަނީ އެ މަނިކުފާނު އެ ސުވާލަށް ތައްޔާރުވެވަޑައިގެން ކުރިން ލިޔުއްވާފައިވާ ކަމަށް ވިދާޅުވެ، ގަނޑެއް ނަންގަވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ މައުލޫއުގައި ވާހަކަފުޅު ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޝްވަރާ ގުނަވަނެއްގެ ތެރޭގައި ކަމަށާއި އެ ވާހަކަފުޅުތަކުގެ ބަސްތައް ގުޅެނީ އެ ވަގުތު ހިނގަމުން ދިޔަ، "ރާވައިގެން ބަރަހަނާ ފޮޓޯ އުފައްދައި އެ ތަކެތި ބޭނުންކޮށް، އެތައް ބައެއްގެ އަތުން ފައިސާ ނަގަމުން" ދިއުމާ ކަމަށެވެ.

"އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކާ ވެސް އެ ބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް އެއާ މެދު އަމަލުކުރަން ޖެހޭނެ ކަމަށް. އަދި އެއީ ރައިސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ވިދާޅުވެ، ބައެއް މީހުން ދައުރު ކުރި އެއްޗަކަށް ވިޔަސް އަޅުގަނޑާ ގުޅޭ ގޮތުން ބަޔަކު މީހުން ދައުރު ކުރަމުން ދިޔަ އެއްޗެއް ކަމުގައި ވިޔަސް..." އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖުތަކާ ބެހޭ ގޮތުން ނަޝީދު މިއަދު ވިދާޅުވި އެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހިމެނި، އޭނާ ހައްޔަރުކުރުމާ އެކު ނުރުހުންވެ، އެންމެ ޒަަމާންވީ، އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތު ކުރައްވައި ފޮނުއްވި މެސެޖުތަކާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ ހެއްކަކީ ކޮބައި ކަމާއި ފޮޓޯ އަކީ ކޮބައިކަން ގާނޫނު ވަރަށް ސާފުކޮށް ބުނާ ކަމަށެވެ.

"މި މައުލޫގައި އަޅުގަނޑު ތިބޭފުޅުންނާ މިއަދަކު ދައްކާނެ އިތުރު ވާހަކައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ދެން މިސްރާބު ބަދަލުކުރެއްވީ، ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންގެ ފޮޓޯފުޅުތައް ދެ ބޭފުޅުންގެ އަތްޕުޅުގައި ވެސް ހުންނާނެ ކަމަށް ވިދާޅުވެ އެވެ.

"...ދެން އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާ އާ ވަރަށް ގިނަ ފޮޓޯ، އަޅުގަނޑުމެން ދެ މީހުންގެ ފޮޓޯ އެކުގައި ވެސް ވަކިވަކިން ވެސް ވަރަށް ބައިވަރު އަޅުގަނޑުގެ އަތުގައި ވެސް ހުންނާނެ. އަޅުގަނޑުމެން ދެ މީހުންގެ އަލްބަމް ބައްލަވައިފިއްޔާ އެނގިވަޑައިގަންނަވާނެ އެކަކު އަނެކަކުގެ ފޮޓޯކަން އޭގައި ހުންނާނީ،" މުޅިން އެހެން ދިމާއަކަށް މައުލޫއު ގެންދަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަމިއްލަ ދަތުރުފުޅެއްގައި އެންމެ ފަހުން އިނގިރޭސި ވިލާތުގެ ރެސްޓޯރަންޓެއްގައި ހުންނަވަނިކޮށް، އެ މަނިކުފާނުގެ ފޯނު ފޭރިގަތް މައްސަލަ އެ ގައުމުގެ ފުލުހުންނަށް އަދި ނަޝީދު ވިދާޅުވާ ފޮޓޯތަކުގެ މައްސަލަ ދިވެހި ފުލުހުންނަށް ހުށަނޭޅުއްވީ ކީއްވެތޯ ވެސް ނޫސްވެރިން ސުވާލު ކުރި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޒިނޭގެ ތުހުމަތު ކުރައްވާއިރު އޭގެ ޒިންމާ ނުނަންގަވާތީ ވެސް ސުވާލުކުރި އެވެ.

ފޮޓޯތަކުގެ ސުވާލާ ގުޅިގެން ސަމާސާ ރާގެއްގައި ނަޝީދު ވިދާޅުވަމުން ގެންދެވީ ނޫސްވެރިން ކުރާ ހުރިހާ ސުވާލެއްގެ ޖަވާބު އެ މަނިކުފާނު ދެއްވި ޖަވާބުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވިގޮތުގައި، އެ މަނިކުފާނު ފޯނު ޖަހައިގަތަސް އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައެއް ނުގަންނަވަ އެވެ. ސަބަބަކީ ހުރިހާ މައުލޫމާތެއް އައިކްލައުޑްގައި ރައްކާ ކޮށްފައި ހުންނާނެތީ ކަމަށް ވިދާޅުވި އެވެ.

ރައީސް ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރުމާ ގުޅިގެން، އެމްޑީޕީގެ އެތެރޭގައި ނުރުހުން ފާޅުކުރައްވަމުންނެވެ. ނަމަވެސް ނާޒިމްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވަނީ ނަޝީދު ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.