ޝަޕޮކޮއެންސް އިން 20 ކުޅުންތެރިން ގަންނަނީ
ޝަޕޮކޮއެންސް އިން 20 ކުޅުންތެރިން ގަންނަނީ

ސައޮ ޕައޮލޯ (ޖެނުއަރީ 4) - މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައި ޓީމުގެ މެޖޯރިޓީ ކުޅުންތެރިން މަރުވެ ހާލުގައި ޖެހިފައިވާ ބްރެޒިލްގެ ޝަޕޮކޮއެންސް އިން އަންނަ ސީޒަނަށް 20 ކުޅުންތެރިން ގެންނަން ނިންމައިފި އެވެ.

މަތިންދާބޯޓް ވެއްޓުނީ ދެކުނު އެމެރިކާގެ ކްލަބް މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށެވެ. މި ހާދިސާގައި ސަލާމަތްވީ ޝަޕޮކޮއެންސްގެ ދެ ކުޅުންތެރިންނެވެ.

ޝަޕޮކޮއެންސްގެ ފުޓްބޯލް ޑިރެކްޓަރު ރުއީ ކޮސްޓާ ވިދާޅުވީ އެ ޓީމުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި އަންނަ ސީޒަނަށް ތައްޔާރުވުމަށް ގިނަ ކުޅުންތެރިން ގެންނާނެ ކަމަށެވެ.

"އަހަރެމެން މި އަންނަނީ ވަރަށް ގިނަ ލޯންތަކުގެ ބޭނުންކުރަމުން. މިއީ ޓީމު ކޮޅަށް ޖަހަންވީ ވަގުތު،" ރުއީ ކޮސްޓާ ބުންޏެވެ.

މިހާދިސާގައި ސަލާމަތްވި ދެ ކުޅުންތެރިން ކަމަށްވާ ނޭޓޯ އާއި އެލަން ރުޝެލް އަށް އެ ޓީމުން އަދިވެސް ފުރުސަތު އެބައޮތް ކަމަށް ކޮސްޓާ ވަނީ ވިދާޅުވެފަ އެވެ،

"ނޭޓޯ އާއި ރުޝެލް އަށް އަދިވެސް ޓީމުން ފުރުސަތު އެބައޮތް. އެ ދެ ކުޅުންތެރިންގެ ޖާޒީ މި ސީޒަނުގައި އެހެން ކުޅުންތެރިން ބޭނުމެއް ނުކުރާނެ އެ ދެ ކުޅުންތެރިން އެނބުރި އަންނަން ނިންމައިފިނަމަ އެ ދެ ކުޅުންތެރިންނަށް މަރުހަބާ ކިޔަން އަހަރެމެން ބޭނުން،" ކޮސްޓާ ވިދާޅުވި އެވެ.

މި މަހު 26 ވަނަ ދުވަހު ފަށާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޝަޕޮކޮއެންސް ޓީމުގެ ފަރިތަކުރުންތައް ފަށަން އެ ޓީމުން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު އެވެެ. އެ ޓީމަށް ފައިސާގެ ގޮތުންނާއި ކުޅުންތެރިންގެ ގޮތުން އެހީދޭން ދުނިޔޭގެ މަޝްހޫރު ކްލަބްތަކުން ވަނީ ނިންމައިފަ އެވެ.