08 ޖޫން 2016 - 07:21

ދެހާސް އެގާރަ ވަނަ އަހަރު "ޓަވާ ހެއިސްޓް" ގައި އެކުގައި މަސައްކަތް ކުރި ޑައިރެކްޓަރު ބްރެޓް ރަޓްނާ އާއި މަޝްހޫރު އެކްޓަރު އެޑީ މާފީ އާ ފިލްމަކަށް ތައްޔާރު ވާން ފަށައިފި އެވެ.

މި ދެ މީހުން މި ފަހަރުގައި އެކުގައި މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ނެޓްފްލިކްސް އިން ހަދާ ފިލްމެއްގަ އެވެ. މި ފިލްމަކީ 1960 ގެ އަހަރުތަކުގައި މުރޭ މުރޭގެ ނަމުން ވިދާލި ލަވަ ކިއުންތެރިޔާގެ ހަޔާތަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ކްރިސް ކޭސް ސްކްރިޕްޓް ލިޔާ ފިލްމަށް ދީފައިވާ ނަމަކީ "ސޯލް ސޯލް ސޯލް: ދަ މުރޭ މުރޭ ސްޓޯރީ" އެވެ. ކްރިސްއަކީ ޓީވީ ސިލްސިލާ "ސިން ސިޓީ" އާއި "ލެޖިޓް" ގެ ސްކްރީންޕްލޭ ވެސް ލިއުނު މީހާ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބްރެޓާއި މާފީ މިހާރު އިންތިޒާރުކޮށްގެން ތިބީ ސްކްރީންޕްލޭ އެ މީހުންގެ އަތަށް އަރާނެ ވަގުތަކަށެވެ. އަދި ދެ މީހުން ސްކްރިޕްޓާ ގަޔާވާ ނަމަ ފިލްމާއިގެން ކުރިއަށް ދާ ގޮތަށް ތިބީ ނިންމައިގެންވެ.
މާފީ އާ އެކު "ބެވަލީހިލްސް ކޮޕް 4" ވެސް ޑައިރެކްޓް ކުރި ބްރެޓް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ 2014 ގައި ރިލީޒް ކުރި "ހާކިއުލެސް" އެވެ.
ޖޯނީ ޑެޕް ލީޑް ރޯލް ކުޅޭ "ދަ ލިބަޓިން" ގެ ޑައިރެކްޓް ކުރަން ވެސް ހަމަޖެހިފައި ވަނީ އޭނާ އެވެ.
"ދަ ނަޓީ ޕްރޮފެސާ" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ މާފީ އެންމެ ފަހުން ފެނުނީ މިދިޔަ އެޕްރީލް މަހު ރިލީޒް ކުރި "އަ ތައުންޒަންޑް ވޯޑްސް އެންޑް މިސްޓަ ޗާޗް" އިންނެވެ.