15 އޯގަސްޓް 2022 - 12:11

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ނިއު ރޭޑިއަންޓް ބަލިކޮށް ފައިނަލަށް ދަތުރު ކުރި ބުރު ސްޕޯޓްސް ކްލަބްގެ އޮތީ މުބާރާތުން ފެންނާނެ އެންމެ ތަޖުރިބާކާރު ސްކޮޑެވެ. އެ ކްލަބްގެ މެނޭޖަރު މުހައްމަދު ހަސަން ބުނި ގޮތުގައި ތަޖުރިބާ އޮތީ ބުރުގެ ސްކޮޑްގައި އެކަންޏެއް ނޫނެވެ.
މިހާރު ފުރަތަމަ ޑިވިޝަންގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް 2016 ގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އިރު އޭރު ގްރީންގައި އޮތް މެނޭޖުމެންޓްގެ އިސްކޮށް އުޅުނު ބައެއް ފަރާތްތައް މިހާރު ތިބީ ބުރު ސްޕޯޓްސް ހިންގުމުގަ އެވެ. މައްޗަންގޮޅިން ނިކުތް ގްރީންގެ މެނޭޖުމެންޓާ ވަކިވެ މެނޭޖުމެންޓްގެ އެ ޓީމުން ބުރު ސްޕޯޓްްސް އާ ގުޅި މުބާރާތްތަކުގައި ވާދަކުރަން ޓީމެއް އެކުލަވާލީ ފުޓްބޯޅަ އަށް އޮތް ޝައުގެއްގެ ބޮޑު ކަމުން ކަމަށް މުހައްމަދު ބުންޏެވެ
"މީގައި މިތިބަ މީހުންނަކީ ފުޓްބޯޅަ އަށް ވަރަށް ޕެޝަނޭޓް ބައެއް،" އޭނާ ބުންޏެވެ.
މިދިޔަ އަހަރު ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރުން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅު ވެގެންނެވެ. ދެވަނަ ޑިވިޝަންގެ ފައިނަލާ ހަމަ އަށް ކުރި ދަތުރުގައި ވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. މުހައްމަދު ބުނި ގޮތުގައި ތިން ވަނަ ޑިވިޝަންގައި ވެސް ހުރިހާ މެޗަކުން މޮޅުވުމުން ދެ ވަނަ ޑިވިޝަންގައި ވެސް އެ ޓްރެކް ދެމެހެއްޓުމަށް ކްލަބްގެ މެނޭޖުމެންޓުން އިސްކަން ދިނެވެ.
"އަޅުގަނޑަށް ހީވަނީ މި ވެދާނެ ކަންނޭނގެ ރާއްޖޭގެ ރެކޯޑަކަށް ވެސް ތިންވަނަ ޑިވިޝަނުން ފެށި ގޮތަށް ހުރިހާ މެޗަކުން މޮޅުވަމުން ގޮސް ފަސްޓަށް ވަނުން،" އޭނާ ބުންޏެވެ.
"އެގޮތުގައި މި މެނޭޖުމެންޓް އޮތީ. އެހެންވެ އެހާ ވަރުގަދަ ސްކޮޑެއް އެކުލަވާލީ ވެސް. މީގައި މިތިބަ މީހުން ބޭނުންވޭ ތަފާތެއް ގެނެވޭނެ ކަހަލަ މަސައްކަތެއް ކުރަން."
ދެވަނަ ޑިވިޝަންގައި ކުރީގެ މަޝްހޫރު ދެ ކްލަބް، ނިއު އާއި ވިކްޓަރީ އޮއްވައި ބުރުން ވަރުގަދަ ޓީމެއް އެކުލަވާލީ ކުޅުންތެރިންނަށް އެ އިތުބާރު ހޯދައިދީގެން ކަމަށް ބުރު ބުންޏެވެ. ތިން ވަނަ ޑިވިޝަންގައި ވެސް އެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ދެވަނަ ޑިވިޝަންގައި ވެސް ހިމެނުނެވެ. އަދި ކުރިން ފުރަތަމަ ޑިވިޝަންގައި ވެސް ކުޅުނު ގިނަ އަދަދެއްގެ ކުޅުންތެރިން ގެންދިޔައީ ބުރުންނެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ބުރުގެ ތަފާތަކީ ވެސް ފުރަތަމަ ޑިވިޝަންގައި ކުޅުނު ގިނަ ކުޅުންތެރިން ވެސް އެ ޓީމުގައި ތިބުމެވެ.
"ކުޅުންތެރިޔަކަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ވެސް ނުދީ ނުހުންނާނެ. ތާޑްގައި އޮތްއިރު ވެސް އަޅުގަނޑުމެން ބޭނުންވީ އެ ގެރެންޓީ ދޭން،" މުހައްމަދު ބުންޏެވެ.
މުބާރާތަށް ތައްޔާރުވާން ބައެއް އެހެން ޓީމުތަކުން ބުރަށް ވުރެ ބޮޑު ހަރަދެއް ކޮށްފައި އޮވެދާނެ އެވެ. އެކަމަކު މުހައްމަދު ބުނި ގޮތުގައި ބުރުގެ ޓީމުގެ ތަފާތަކަށްވީ ރަނގަޅު ވަގުތުގައި ރަނގަޅު އިންވެސްޓްމެންޓް ރަނގަޅު ކުޅުންތެރިންނަށް ކޮށްފައި އޮތުމެވެ.
"ކުޅުންތެރިން އެކަންޏެއް ނޫން ކޯޗިން ސްޓާފުން ހޯދުމުގައި ވެސް ބެލީ އެގޮތަށް،" އޭނާ ބުންޏެވެ.
ދެވަނަ ޑިވިޝަންގައި ވުރުގެ ކޯޗަކީ އާފިއު މުހައްމަދު ހަމީދު (އާފީ) އެވެ. ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު އާފީ އަކީ ކްލަބް ވެލެންސިއާގައި އެއް އެސިސްޓެންޓެވެ. އިސްމާއީލް އާސިފް (ކުޑަހީނާ) ގެ ކޯޗުކަމުގެ ދަށުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު ހީނާގެ އެހީތެރިަޔަކށް ހުރީ އާފީ އެވެ.