އަކްޝޭގެ "ރަކްޝާ ބަންދަން" ވެސް ފްލޮޕަކަށް
އަކްޝޭގެ "ރަކްޝާ ބަންދަން" ވެސް ފްލޮޕަކަށް

ބޮލީވުޑްގެ ތަރި، އަކްޝޭ ކުމާރް ލީޑު ރޯލު ކުޅެފައިވާ ފިލްމު، "ރަކްޝާ ބަންދަން" ފްލޮޕް ވެއްޖެ އެވެ.

އަކްޝޭގެ ފިލްމާއި އާމިރު ހާންގެ ފިލްމު ރިލީޒްކުރީ ދާދި އެކު އެކީގަ އެވެ. އެހެންވެ ބޮކްސްއޮފީހުގައި ދެ ފިލްމަށް ލިބެމުންދާ ތަރުހީބު ވެސް ދަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަކްޝޭގެ ފިލްމަށް ތިން ދުވަހުން ލިބިފައި ވަނީ 20 ކްރޯޑް ރުޕީސް އެވެ.

ރަކްޝާ ބަންދަންގައި ދައްކުވައިދެނީ ކައިވެނިކުރާއިރު އަންހެން މީހާ، ފިރިހެން މީހާއަށް ދޭން ޖެހޭ ފައިސާ އާއި މުދަލާ ގުޅޭގޮތުން އިންޑިއާގައި އޮތް ނޭދެވޭ ސަގާފަތާއި ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެކެވެ.

ފިލްމުގައި އަކްޝޭގެ ހަތަރު އަންހެން ކޮއްކޮ އުޅެ އެވެ. އެހެންވެ އޭނާއަށް އެކަމުގައި ކުރަންޖެހޭ ހޭދަ ބޮޑުވެ އުޅޭ ގޮތް ދައްކުވައިދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުމްބާއީ އާއި ޕޫނޭ އަދި ކޮލްކަތާ އާއި ބެންގަލޫރާއި ހައިދަރުއާބާދު ކަހަލަ ހިސާބުތަކުގައި ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

އަކްޝޭގެ ފިލްމު ވެސް ފްލޮޕްވިއިރު މިފަހުން ބޮލީވުޑްގައި ފިލްމުތަކާ ދެކޮޅަށް ހިންގާ ކެމްޕެއިންތައް އިތުރުވެ ބޮކްސްއޮފީހުގައި ފިލްމުތަކަށް ލިބޭ ތަރުހީބު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.