އާމިރުގެ ފިލްމު ސިނަމާގައި ނުހިނގިޔަސް ފިލްމު ރީތި
އާމިރުގެ ފިލްމު ސިނަމާގައި ނުހިނގިޔަސް ފިލްމު ރީތި

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ތަރި ކަމަށްވާ، އާމިރު ޚާނާއި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ "ލާލް ސިންގް ޗައްދާ" އަށް ސިނަމާގައި މާބޮޑު ތަރުހީބެއް ލިބެމުން ނުދިޔަ ނަމަވެސް އެ ފިލްމު ވަރަށް ރީތި ކަމަށް ފިލްމު ބެލި ބައެއް ތަރިން ބުނެފި އެވެ.

ހޮލީވުޑްގެ ކާމިޔާބު ފިލްމު، "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރިމޭކް، "ލާލް ސިންގް ޗައްދާ" ރިލީޒްކުރަން ތައްޔާރުވުމާ އެކު ބޮއިކޮޓްކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފެށި އެވެ. ފިލްމާ ގުޅިގެން ނަފްރަތު އުފައްދާ އެތައް ހަރަކާތެއް ހިންގުމުގެ ސަބަބުން، ބޮކްސްއޮފީހުގައި އެންމެ ވަރުގަދަ އެއް ކިންގްގެ ގޮތުގައި ފާހަގަވި އާމިރުގެ އެ ފިލްމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަވެ އެވެ.

ފިލްމު އެޅުވި ދުވަހު 14.11 ކްރޯޑް ރުޕީސް ލިބުނުއިރު ދެވަނަ ދުވަހު ލިބުނީ ހަތް ކްރޯޑް ރުޕީސް އެވެ. ތިން ވަނަ ދުވަހު 10.60 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. އެކަމަކު އެއީ ކުރިން ނަމަ، އާމިރުގެ ފިލްމަކަށް އެންމެ ދުވަަހަކުން ލިބޭ ވަރުގެ އާމްދަނީއެކެވެ.

ސިނަމާގައި އެ ފިލްމަށް ތަރުހީބު ދަށްވިޔަސް ބައެއް ތަރިން ފިލްމު ބެލުމަށް ފަހު ރިވިއުދީފައިވެ އެވެ. އަދި އެއީ ބޮއިކޮޓްކުރާ ވަރުގެ ހަޑި ފިލްމެއް ނޫން ކަމަށް ބުނެ ސިނަމާއަށް ފިލްމު ބަލަން ދިއުމަށް ބާރު އަޅާފައިވެ އެވެ.

ސިނަމާއަށް ގޮސް ފިލްމު ބެލުމަށް ފަހު، ރިތިކް ވަނީ ލާލް ސިންގް ޗައްދާގެ ޕޯސްޓަރެއް އާންމުކޮށް، އެ ފިލްމު އޭނާގެ ހިތާ ކުޅެލާފައިވާ ކަމަށް ބުނެފަ އެވެ. އެ ފިލްމު ވަރަށް ރީތި ކަމަށާއި ފިލްމު ނުބަލާ ދޫކޮށް ނުލުމަށް އޭނާ އެދިފައިވެ އެވެ.

އެކްޓްރެސް ސުޝްމީތާ ސެން ވެސް ވަނީ އެ ފިލްމު ބެލުމަށް ފަހު މުޅި ޓީމުގެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ. އަދި ރިިޗާ ޗައްދާ ބުނެފައިވާ ގޮތުގައި އެ ފިލްމަކީ ވަރަށް ފުރިހަމަ މަަސައްކަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އާމިރު ދެކެ މީހުން ރުޅި އައިސްގެން އުޅެނީ އެ 2015 ގައި އާމިރު ދިން އިންޓަވިއުއެއްގެ ތަންކޮޅެއް ވައިރަލްވި ފަހުންނެވެ. އޭގައި އޭނާ ބުނަނީ އިންޑިއާގައި މީހުން ހިޔާލުތައް ބަލައިގަންނަން ގިނަ ބަޔަކަށް ނޭނގޭތީ އެހެން ގައުމަކަށް ބަދަލުވުމަށް އޭނާގެ ކުރީގެ އަނބިމީހާ ކިރަން ރާއޯ ސަޖެޓްކުރާ ކަމަށެވެ. އެ ވީޑިއޯ ވައިރަލްކޮށްގެން އެ މައްސަލައާ ގުޅިގެން ފިލްމު ބޮއިކޮޓްކުރަން ގޮވީ އެވެ.

އެކަމަކު އާމިރު ވަނީ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ވަރަށް ދެރަވެގެން އެ ވާހަކަ ދައްކައިފަ އެވެ. އަދި އޭނާއަކީ އިންޑިއާ ދެކެ ލޯބިވާ އެ ގައުމުގެ މީހެއް ކަމަށް ބުނެ އާދޭސްކޮށްފައި އެދުނީ ފިލްމު ބަލަންދާށެވެ.