ކަރާޓޭ މެޑަލް ހޯދި ދަރިވަރުންނާ މެދު ބޮޑު އުއްމީދެއް
ކަރާޓޭ މެޑަލް ހޯދި ދަރިވަރުންނާ މެދު ބޮޑު އުއްމީދެއް

އިންޑިއާގެ 10 ސްޓޭޓޭއްގެ ކަރާޓޭ އެތުލީޓުންނާ ވާދަކޮށް، އެ ގައުމުގައި އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕުގެ ނަމުގައި ބޭއްވި މުބާރާތުން 38 މެޑަލް ހޯދި ދިވެހި ދަރިވަރުންނާ މެދު ކުރިމަގުގައި ބޮޑު އުއްމީދެއް ކުރެވޭ ކަމަށް ކޯޗު ސެންސެއި ރަފާނީ ބުނެފި އެވެ.

ކަރާޓޭ މެޑަލް ހޯދި ދަރިވަރުންނާ މެދު ބޮޑު އުއްމީދެއް
ކަރާޓޭ މެޑަލް ހޯދި ދަރިވަރުންނާ މެދު ބޮޑު އުއްމީދެއް

މުބާރާތުގައި ވާދަކުރީ ރާއްޖޭގައި ހިންގާ ޖަޕާން ޝޮޓޮކަން ކަރާޓޭ އެސޯސިއޭޝަނުގެ ތަމްރީންތައް ހަދަމުން އަންނަ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ނުވަ ދަރިވަރުންނާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުން އަދި މަޖީދިއްޔާ ސްކޫލުގެ އެއް ދަރިވަރެކެވެ. މީގެ ތެރޭގައި ހިމެނެނީ 11 އަހަރުން ދަށާއި 13 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ ދަރިވަރުންނެވެ.

އިންޑިއާގެ ޓެމިން ނާޑޫގެ ތިރުނެލްވެލީގައި މި މަހު ބޭއްވި މުބާރާތުން މި ދަރިވަރުން ވަނީ 17 ރަން މެޑެއްޔާއި ފަސް ރިހި މެޑަލް އަދި 16 ލޯ މެޑަލް ހޯދައިފަ އެވެ. މިއީ ސީދާ އޭޝިއާގެ ރަސްމީ މުބާރާތް ނޫން ނަމަވެސް، އިންޑިއާ ފަދަ ބޮޑު ގައުމެއްގެ ސްޓޭޓް ފެންވަރުގެ އެތުލީޓުންނާ ވާދަކޮށް މިވަރުގެ ކާމިޔާބެއް ހޯދުމަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.

ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ މި ދަރިވަރުންނާ ބައްދަލުކޮށް ކާމިޔާބީގެ އަގުވަޒަންކޮށްފަ އެވެ.

މި ދަރިވަރުން މުބާރާތުގައި ވާދަކުރީ ކަރާޓޭގެ މަޝްހޫރު ވައްތަރެއް ކަމަށްވާ ޝޮޓޮކަން ކަރާޓޭގެ ތިން މަސް ދުވަހުގެ މުގައްރަރު ފުރިހަމަކޮށްފަ އެވެ.

"ހާއްސަކޮށް މިދިޔަ އެއް މަސް ދުވަހު ވަރަށް ބުރަކޮށް ތަމްރީންތައް ފުރިހަމަކުރި. ހެނދުނާއި ހަވީރު ކޮންމެ ދުވަހަކު ތިން ގަޑިއިރު ޕްރެކްޓިސްކުރި،" ރަފާނީ ބުންޏެވެ.

ތިން މަސް ދުވަހުގެ ޕްރޮގްރާމް ފުރިހަމަކުރުމުން މި ދަރިވަރުންނަށް ޝޮޓޮކަންގެ އަނެއް ލެވެލް އަށް ދެވޭނެ އެވެ. މީގެ ތެރެއިން ތިން ދަރިވަރަކު ވަރަށް އަވަހަށް ބްލެކް ބެލްޓް ހާސިލްކުރާނެ ކަމަށް ކޯޗު ބުންޏެވެ.

"މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާ. ކޮވިޑުގެ ލޮކްޑައުންގެ ތެރޭގައި ވެސް ހުއްޓުމެއް ނުގެނެސް އޮންލައިންކޮށް ތަމްރީންތައް ކުރިއަށް ގެންދިޔައީ،" ރަފާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަރާޓޭ އަކީ ހަމައެކަނި ތެޅުމެއް ނޫނެވެ. މިއީ ދިރިއުޅުމުގެ މުހިއްމު އެތައް ހުނަރެއް ދަސްކޮށްދޭ އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުގަދަކޮށްދޭ، ތައުލީމުގެ ބައެއް ކަމަށް އޭނާ ބުންޏެވެ.

"މުގައްރަރެއް ގޮތަށް ކުރިއަށް ދާނީ. އަބަދުވެސް އެއް ލެވެލް އިން އަނެއް ލެވެލަށް ދިއުމުގެ ފުރުސަތު އޮންނާނެ،"

އޭނާ ބުނި ގޮތުގައި ދަރިވަރުން ޕްރެކްޓިހުގައި ހަދާ ތަމްރީންތަކާއި އުޅޭނޫޅޭ ގޮތް ބެލެނެވެރިންނާއި ޓީޗަރުންނަށް ބަލައި މޮނީޓާކުރެވޭނެ ކަމަށާއި މިއީ ކިޔެވުމާ އެއްކޮށް ކުރިއަށް ގެންދެވޭނެ މުހިއްމު ކުޅިވަރެއް ކަމަށެވެ.

"މެޑަލް ހޯދި ދަރިވަރުންގެ މުސްތަގުބަލް މި ކުޅިވަރުގައި ވަރަށް އުޖާލާކޮށް ފެންނަނީ،" ކޯޗު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑިއާ މުބާރާތުން މި ދަރިވަރުން ހޯދި ކާމިޔާބީއާ އެކު މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

"ރާއްޖޭގައި ވާދަކޮށް އިތުރު ކާމިޔާބީ ހޯދޭނެ ކަމަށް މި އުއްމީދުކުރަނީ،" ކޯޗު ބުންޏެވެ.