14 އޯގަސްޓް 2022 - 11:19

ނ. މަނަދޫގައި 40 ހައުސިން ޔުނިޓް އެޅުމަށް 40 މިލިއަން ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 40.3 މިލިއަން ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
އެ މަޝްރޫއު 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏަށް ހަވާލުކުރިއިރު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ 700 އަކަފޫޓުގެ 40 ހައުސިން ޔުނިޓެވެ.
މިނިސްޓްރީން ބުނީ ކޮންމެ ޔުނިޓެއްގައި ވެސް ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ސިޓިން ރޫމާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އާއި ސްޓޯ ރޫމް ހުންނާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން މުޅި ސަރަހައްދު އަލިކޮށް އެތަނުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ގާއިމުކުރާނެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ހައުސިން މަޝްރޫއުތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. މިދިޔަ ހަފްތާގައި މިނިސްޓްރީން ވަނީ ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމަށް ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.