14 އޯގަސްޓް 2022 - 10:57

"ދޮށީ އުމުރާ ސިއްހަތު" ގެ ނަމުގައި އިސް ރަށްވެހިންނަށް ހާއްސަކޮށް އެޗްޑީސީން ބޭއްވި "މަންސަ" ޕްރޮގްރާމުގައި ދުވަސްވީ ގިނަ ބަޔަކު ބައިވެރިވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލާއި ކޮމިއުނިޓީ ނާސް ވޮލުންޓިއާސް އަދި ޝާލޫ ދި ޓްރެއިނާ ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިވެންޓުގައި ދުވަސްވީ ގިނަ ބަޔަކަށް ވަނީ ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލްގެ އިތުރުން ދޮށީ އުމުރުގެ މީހުންގެ ކެއުން ބުއިމާއި އާދަކާދަތަކާއި ކަސްރަތާ ގުޅޭ މުހިއްމު ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފަ އެވެ.
އެތަނުގައި ހުރި ސްޓޯލްތަކުން ލޭގެ ޕްރެޝާ ޗެކްކުރުމާއި ހަކުރު ޗެކްކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖެއްސި އެވެ.
ކޮންމެ މަހަކު ކުރިއަށް ގެންދަން ނިންމާފައިވާ އެ އިވެންޓުގެ އެންމެ ބޮޑު އެއް މަގްސަދަކީ އިސްރަށްވެހިންގެ ގުޅުން ބަދަހިކޮށް ސިއްހީ މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދީ އެމީހުން ހޭލުންތެރިކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.