14 އޯގަސްޓް 2022 - 09:56

ބާސެލޯނާ (އޮގަސްޓް 14) - އާ ސީޒަނަށް ތައްޔާރުވާން ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރި އެއް ކުލަބު ކަމުގައިވާ ބާސެލޯނާ، ސީޒަންގެ ފުރަތަމަ މެޗުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ލީގު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ބާސެލޯނާ އަށް ވަނީ މިދިޔަ ސީޒަނުގެ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ލަނޑެއް ނުޖެހި ނިންމާލަން ޖެހިފަ އެވެ. މިއާ އެކު މިއީ ފާއިތުވި 19 އަހަރު ތެރޭ ބާސެލޯނާ އިން ލީގުގައި ޖެހިޖެހިގެން ތިން މެޗުގައި ލަނޑެއް ނުޖެހުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބާސެލޯނާ އަށް ޖެހިޖެހިގެން ތިން މެޗުގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނީ 2003 ވަނަ އަހަރެވެ.

ލީގު ފެށުމުގެ ކުރިން ބާސެލޯނާ އިން އަލަށް ރަޖިސްޓްރީ ކުރި، ޓީމާ އަލަށް ގުޅުނު ރޮބާޓް ލެވަންޑޯސްކީ އާއި އަންޑްރެސް ކްރިސްޓެންސެން އަދި ރަފީނިއާ އަށް ވެސް ކޯޗު ޒަވީ ހެނާންޑޭސް ވަނީ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ދެ ވަނަ ހާފުގައި ފްރޭންކް ކެސިއޭ ކުޅެން އެރުވި އެވެ. މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން ސާޖިއޯ ބުސްކެޓަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ބާސެލޯނާ އިން ވަޔެކާނޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އިރު، ގޯލްކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގަން ވަނީ ޖެހިޖެހިގެން ތިން މެޗުން މެޑްރިޑަށް ނިސްބަތްވާ ވަޔެކާނޯ އަތުން ބަލިނުވެ ޓީމު ސަލާމަތް ކުރަން މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ބާސާ އިން ވަޔެކާނޯއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ބަލިވީ 1-0 އިންނެވެ.
ރޭގެ މެޗުގައި ބާސެލޯނާ އަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތު ލިބުނީ، ލެވަންޑޯސްކީ އަށެވެ. ބާސެލޯނާ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު އިރު ވިންގަށް ކުޅުނު އުސްމާން ޑެމްބެލޭ އާއި ރަފީނިއާ އަށް ހުސް ޖާގަތައް ލިބެމުން ދިޔަ ނަމަވެސް ލެވަންޑޯސްކީއާ އެކު ޕާޓްނާޝިޕް އެހާ ރަނގަޅަކަށް ނުފެނުނެވެ.
މެޗުގެ 12 ވަނަ މިނިޓުގައި ލެވަންޑޯސްކީ، އިދިކޮޅު ގޯލްކީޕަރުގެ ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަދި ޕިއޭ އެމެރިކް އޮބާމެޔަންގް ކުޅެން އަރައި، މެޗު ނިމެނިކޮށް ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅަ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ.
މިއާ އެކު ލެވަންޑޯސްކީ އަށް ވަނީ އޭނާ އެންމެ ފަހުން ކުޅުނު ހަތް ސީޒަނުގައި ވެސް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި ދަމަހައްޓަމުން އައި ރެކޯޑު ވެސް ނިމިފަ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ކެސިއޭ އަށް މެޗު ނިމެނިކޮށް ލިބުނު ރީބައުންސް ބޯޅައެއްގައި ގޯލެއް ޖެހި ނަމަވެސް އެފަހަރު ވެސް ރެފްރީ ނިންމީ އޮފްސައިޑު ކަމަށެވެ.
ވަޔެކާނޯ އިން ވަނީ ލިބުނު މަދު ފުރުސަތުގަކުގައި ބާސާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވަޔެކާނޯގެ އަލްވާރޯ ގާސިއާ ފޮނުވާލި ހަމަލާއެއް ޓާ ސްޓޭގަން ދިފާއު ކުރި އިރު، ދެ ވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ވެސް އެ ޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ ނަމަވެސް އޭނާ މުޅިން ހުސްކޮށްލާފައި މަތިން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.
މީގެ އިތުރުން ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ، އިތުރު ވަގުތުގައި ބުސްކެޓަށް ރަތް ކާޑު ދެއްކި ފަހުން، ރީބައުންސްވި ބޯޅައެއްގައި ވަޔެކާނޯގެ ފަލްކާއޯ ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ބުސްކެޓަށް ރެފްރީ ރަތް ކާޑު ދެއްކީ ވަޔެކާނޯ އަށް ކުޅޭ ކޮލަމްބިއާ ފޯވާޑް ރަޑެމެލް ފަލްކާއޯ ހިފަހައްޓަން އުޅުމުގެ ތެރޭގައި އުޅަނބޮށިން އޭނާގެ މޫނުގައި ޖެހި ކަމަށް ނިންމައިފަ އެވެ.
މިއީ ބާސެލޯނާގެ ތާރީހުގައި އެ ޓީމުން ލީގުގެ ފުރަތަމަ މެޗުގައި ލަނޑެއް ނުޖަހައި ނިންމާލި ހަ ވަނަ ފަހަރެވެ. އަދި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ލީގުގެ ފުރަތަމަ މެޗެއްގައި ލަނޑެއް ނުޖަހައި ނިންމާލީ ސެޕްޓެމްބަރު 1968 ގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.