ޗެމްޕިއަން މިލާނަށް ސީޒަނުގެ ފެށުން ކާމިޔާބު
ޗެމްޕިއަން މިލާނަށް ސީޒަނުގެ ފެށުން ކާމިޔާބު

މިލާން (އޮގަސްޓް 14) - އިޓާލިއަން ސެރީއޭގެ ޗެމްޕިއަން އޭސީ މިލާނުން އާ ސީޒަނުގެ ފުރަތަމަ މެޗުގައި އުދިނޭޒީއާ ވާދަކޮށް 4-2 އިން މެޗު ކާމިޔާބު ކޮށްފި އެވެ.

ޗެމްޕިއަން މިލާނަށް ސީޒަނުގެ ފެށުން ކާމިޔާބު
ޗެމްޕިއަން މިލާނަށް ސީޒަނުގެ ފެށުން ކާމިޔާބު

ސެން ސީރޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފޯރި ގަދަ ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އުދިނޭޒީ އިންނެވެ. ބާސެލޯނާ އަށް ކުރިން ކުޅުނު ޖެރާޑް ޑެލޮފެއޫ މެޗުގެ ދެ ވަނަ މިނިޓުގައި ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ރޮޑްރިގޯ ބެކާއޫ އެވެ.

ޗެމްޕިއަން މިލާނަށް ސީޒަނުގެ ފެށުން ކާމިޔާބު
ޗެމްޕިއަން މިލާނަށް ސީޒަނުގެ ފެށުން ކާމިޔާބު

އުދިނޭޒީ އިން ނެގި ލީޑަށް މާ ގިނައިރެއް ނުވެ، މިލާނަށް އެއްވަރުކޮށްދިނީ މެޗުގެ 11 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ތެއޯ ހެނާންޑޭޒް އެވެ. މިއީ މިލާނުގެ ކެޕްޓަން ޑޭވިޑް ކެލަބްރިއާ އަށް އުދިނޭޒީގެ ބްރެންޑަން ސޮޕީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ނަތީޖާ އެއްވަރު ކުރިތާ ހަތަރު މިނިޓު ފަހުން މިލާނަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ކެލަބްރިއާ ނަގައިދިން ހުރަހަކުން އަންޓޭ ރެބިޗް އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮބާޓޯ ޕެރޭރާ ނަގައިދިން ހުރަހެއް ޑައިވިން ހެޑާ އަކުން ބޮލުން ޖަހައި އުދިނޭޒީ އަށް އެއްވަރު ކޮށްދިނީ އެޑަމް މަސީނާ އެވެ.

މިލާނުން ވަނީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ލަނޑު ޖަހައި އަލުން ލީޑު ހޯދައިފަ އެވެ. ހެނާންޑޭޒް ނަގައިދިން ހުރަހެއް، އުދިނޭޒީ އަށް އެއްވަރު ކޮށްދިން މަސީނާ އަށް ރަނގަޅަށް ދިފާއު ނުކުރެވުމުން އެ ބޯޅަ ލިބުނު ބްރަހިމް ޑިއާޒް ވަނީ ފަސޭހަ ކަމާ އެކު ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިލާނުން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު ވެސް ޖަހައިދިނީ އެ ޓީމަށް މެޗުގައި ފުރަތަމަ ލީޑު ނަގައިދިން ރެބިޗް އެވެ. އޭނާ މި ލަނޑު ޖެހީ އުދިނޭޒީގެ ޕެރޭރާ އަތުން ބޯޅަ ހޯދައި ޑިއާޒް ތަނަވަސް ކުރި ފުރުސަތެއްގަ އެވެ.

މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ވަނީ، އެ ޓީމުން މި ސީޒަނުގައި ލިވަޕޫލުން ގެނައި ބެލްޖިއަމް ފޯވާޑް ޑިވޮކް އޮރީގީ އަށް މެޗުގެ ފަހު ފަސް މިނިޓަށް ފުރުސަތު ދީފަ އެވެ.

މިލާނުން 11 އަހަރަށް ފަހު މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ނެގީ، ވާދަވެރި އިންޓަ މިލާނަށް ވުރެ ދެ ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. އޭގެ ކުރީ ސީޒަނުގައި އިންޓަ އިން ވެސް ލީގު ޗެމްޕިއަންކަން ހޯދީ 11 އަހަރަށް ފަހު އެވެ.

އިންޓަ އިން ވަނީ މި ސީޒަނުގެ ލީގު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ލެޗޭ އާ ވާދަކޮށް 2-1 އިން މޮޅު ވެފަ އެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނިޓުގައި ޖަހައިދިނީ އެއް ސީޒަނަށް ފަހު އަލުން އެނބުރި ލޯނު އުސޫލުން އެޓީމާ ގުޅުނު ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ލެޗޭ އިން އެއްވަރުކުރީ ދެ ވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެއްގައި ފެޑެރީކޯ ޑި ފްރެންޗެސްކޯދިން ބޯޅައަކުން އައްސާން ސީސޭ އެވެ.

މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ޑެންޒެލް ޑަމްފްރީސް ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ހުރަސް ދަނޑިއަށް އަމާޒު ވެފަ އެވެ. އޭގެ 10 މިނިޓު ފަހުން ލުކާކޫ އިތުރު ލަނޑެއް ޖެހި ނަމަވެސް ބޯލުގެ ބިލްޑް-އަޕް ގައި ފައުލް ކޮށްފައި ވާތީވެ ރެފްރީ އެ ގޯލު ބަލައިގެންފައެއް ނުވެ އެވެ.

އެއަށް ފަހު ވެސް ލުކާކޫ އަށް ވަނީ އިންޓަ އަށް ލީޑު ނަގައިދޭން ފުރުސަތު ލިބިފަ އެވެ. ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އެޑިން ޒެކޯ އަށް ތިރިތިރިން ޑަމްފްރީސް ހުރަސް ކޮށްލި ބޯޅަ ޒެކޯ އަށް ނުލިބުނު ނަމަވެސް ކައިރީ ހުރި ލުކާކޫ ވަނީ ގޯލް ލައިނާ ވަރަށް ކައިރީ ހުރެ އެ ބޯޅަ ފޮނުވާލައިފަ އެވެ. ނަމަވެސް ލެޗޭގެ ގޯލްކީޕަރު ވްލަޑިމީނޯ ފަލްކޯން ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ އިޓަލީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން އަލުން އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ލެޗޭއާ އެއްވަރު ވެގެން މެޗު ނިމެން ދަނިކޮށް އިންޓަ އަށް ތިން ޕޮއިންޓް ޔަގީން ކުރީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި ޑަމްފްރީސް ޖެހި ލަނޑުންނެވެ. ނިކޯލޯ ބަރޭލާ ކޯނަރަކުން ނަގައިދިން ބޯޅަ ލައުޓާރޯ މާޓިނޭޒްގެ ބޮލުން ޖެހިފައި ދެކޯ އަށް ނުލިބި އުޅެނީސް ޑަމްފްރީސް ވަނީ ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.

ޓޮރީނޯ އިން އަލަށް ޕްރޮމޯޓްވި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރި އިރު، ލީގުގައި އެންމެ ފުރަތަމަ ކުޅުނު މެޗުގައި އެޓަލާންޓާ ވަނީ 2-0 އިން ސަމްޑޯރިއާ ބަލިކޮށްފަ އެވެ.