ރެކޯޑް މޮޅަކާ އެކު ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި
ރެކޯޑް މޮޅަކާ އެކު ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި

ލަންޑަން (އޮގަސްޓް 13) - ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތްދަށުވުމުން ކުރިއަށް ވުރެ ވަރުގަދަކޮށް ނުކުންނާނެ ކަމަށް ބެލެވުނު މެންޗެސްޓާ ޔުނައިޓެޑް، އެޓީމުގެ ދެ ވަނަ މެޗުގައި ބްރެންޓްފޯޑް އަތުން ލަދުވެތި ގޮތަކަށް 4-0 އިން ބަލިވެއްޖެ އެވެ.

ރެކޯޑް މޮޅަކާ އެކު ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި
ރެކޯޑް މޮޅަކާ އެކު ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި

މި ނަތީޖާއާ އެކު ޔުނައިޓެޑް މިވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެ، ލީގު ފުލުގަ އެވެ. މިއާ އެކު ޔުނައިޓެޑް މިވަނީ 1992 ވަނަ އަހަރުގެ އޮގަސްޓް 12 އަށް ފަހު، ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ދުވަހެއްގައި ލީގު ފުލުގައި އޮންނަން ޖެހިފަ އެވެ. ހަމަ އެއާ އެކު މިއީ 1921/22 ސީޒަނުގައި ޔުނައިޓެޑް ފުރަތަމަ ދެ މެޗުން ބަލިވި ފަހުން އެޓީމު އެންމެ ދަށް ކޮށް ފެށި ސީޒަނެވެ.

ރެކޯޑް މޮޅަކާ އެކު ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި
ރެކޯޑް މޮޅަކާ އެކު ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި

މިދިޔަ ސީޒަނުގައި ރަލްފް ރަންގްނިކުގެ އިރުޝާދުގެ ދަށުން ލީގުގައި އެންމެ ފަހުން އަވޭގައި ކުޅުނު ހަ މެޗުގައި ވަނީ ބަލި ވެފަ އެވެ. މިރޭގެ މެޗަކީ ޔުނައިޓެޑުން އާ ސީޒަނުގައި ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. މިއާ އެކު ޔުނައިޓެޑް ވަނީ ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު ހަތް މެޗުން ވެސް ބަލިވެފަ އެވެ.

ޔުނައިޓެޑަށް ލަދުވެތި ނަތީޖާއެއް ނަމަވެސް ބްރެންޓްފޯޑަށް މިއީ އެޓީމުން ކުރިއަށް އޮތް ދިގު މުއްދަތަކަށް ހަނދާން ހުންނާނެ ވަރުގެ މެޗެކެވެ. އެޓީމުން އެންމެ ފުރަތަމަ ޔުނައިޓެޑް ބަލި ކޮށްފައި ވަނީ 1938 ވަނަ އަހަރުގެ އެފްއޭ ކަޕުގައި 2-0 އިންނެވެ. މިރޭގެ މޮޅަކީ އެޓީމު ޔުނައިޓެޑް އަތުން މޮޅުވި ދެވަނަ މެޗެވެ. މީގެ ކުރިން ބްރެންޓްފޯޑުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ހަތް މެޗުން ވެސް މޮޅެއް ނުވެ އެވެ.

ހަމަ އެއާ އެކު މިއީ 1938 ގެ ފަހުން އިނގިރޭސި ފުޓުބޯޅައިގެ އެންމެ މަތީ ލެވެލްގައި ބްރެންޓްފޯޑުން ހޯދި އެންމެ ތަފާތު ބޮޑު ބޮޑު މޮޅެވެ. ބްރެންޓްފޯޑުން ވަނީ 1937/38 ސީޒަނުގައި އިނގިރޭސި އެއްވަނަ ޑިވިޝަނުގައި ކުޅެމުން 6-1 އިން ގްރިމްސްބީ ޓައުން ބަލިކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި މުޅިން އަލަށް ޕްރިމިއާ ލީގަށް ކޮލިފައިވި ބްރެންޓްފޯޑުން މިރޭ ޖެހި ހަތަރު ލަނޑު ވެސް ޖަހާފައި ވާނީ ފުރަތަމަ ހާފުގަ އެވެ.

ޔުނައިޓެޑްގެ ފަހަތުން ގިނަ ގޯސްތަކެއް ފެނުނު މި މެޗުގައި ބްރެންޓްފޯޑުން ލީޑު ނެގީ މެޗުގެ 10 ވަނަ މިނިޓުގަ އެވެ. ޔުނައިޓެޑަށް ލިބުނު އެއްލުމަކުން ލިބުނު ބޯޅައެއް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޮންޓްރޯލް ނުވެ އުޅެނިކޮށް ބްރެންޓްފޯޑްގެ މެތިއަސް ޔެންސެން ހޯދައި ޖޯޝް ޑަސިލްވާ އަށް ޖައްސާލުމުން އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަނީ، ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފަ އެވެ.

އެޓީމުގެ ދެ ވަނަ ލަނޑު 18 ވަނަ މިނިޓުގައި ޖެހީ ޔެންސެން އެވެ. ލިސަންޑޯ މާޓިނޭޒް ގޯލް ކިކަކުން ކައިރީ ހުރި ކީޕަރު ޑެހެއާ އަށް ޖައްސާލުމުން އޭނާ ވަނީ ކުރިމަތީ ހުރި ކްރިސްޓިއަން އެރިކްސަން އަށް ޖައްސާލައިފަ އެވެ. ނަމަވެސް ކްރިސްޓިއަން ފަހަތުން އައިސް ބޯޅަ ހޯދާފައި ޖެންސެން ވަނީ ކީޕަރަށް ވެސް އޮޅުވާލައިފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 30 ވަނަ މިނިޓުގަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ގޯލް ކިކަކަށް ބޭރުވުމުގެ ކުރިން އެޓީމުގެ އިވާން ޓޮނޭ ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލުމާ އެކު، ޔުނައިޓެޑުގެ ޑިފެންޑަރު މާޓިނޭޒް ކައިރީ ހުރެ ފަސޭހަ ކަމާ އެކު ބޯޅަ ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ ބާންލީ ދޫކޮށް މި ސީޒަނުގައި އެޓީމަށް ބަދަލުވި ޑިފެންޑަރު ބެން މީ އެވެ. ރެފްރީ މި ލަނޑު ބަލައިގަންނަން ނިންމީ ބްރެންޓްފޯޑު ކުޅުންތެރިން އޮފްސައިޑު ވެދާނެ ކަމަށް، ވީއޭއާރު ބެލުމަށް ފަހު އެވެ.

އޭގެ ފަސް މިނިޓު ފަހުން ބްރެންޓްފޯޑުގެ ހަތަރު ވަނަ ލަނޑު ވެސް ޖަހަން އެހީވީ އިވާން ޓޮނޭ އެވެ. ޔުނައިޓެޑުން ކުރީގައި ގެންގުޅުނު ބޯޅައެއްގެ ބޭނުން ނުކުރެވި އުޅެނިކޮށް ބޯޅަ ހޯދައި އުފެއްދި ކައުންޓާ އެޓޭކެއްގައި ޓޮނޭ ވަނީ ބޯޅައާ އެކު ކުރިއަށް އަރައި، ކުރިއަށް އެރި ބްރަޔާން އެމްބެއުމޯ އަށް ޖައްސާލައިފަ އެވެ. އޭނާ ވަނީ ޔުނައިޓެޑުން ފަހަތަށް ފޭބި ލޫކް ޝޯ އަށް ވުރެ ކުރިން ބޯޅަ ހޯދައި ބްރެންޓްފޯޑުގެ ލީޑު ފުޅާ ކޮށްދީފަ އެވެ.

ދެވަނަ ހާފް ފެށުމުގެ ކުރިން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ ތިން ބަދަލެއް ކޮށްފަ އެވެ. މާޓިނޭޒްގެ ބަދަލުގައި ރަފައެލް ވަރާން ކުޅެން އެރުވި އިރު، ޝޯ ގެ ބަދަލުގައި ޓީރެލް މަލަސިއާ ކުޅެން އެރުވި އެވެ. އަދި މިޑްފީލްޑަރު ފްރެޑް ގެ ބަދަލުގައި މި ހާފު ފެށީ ސްކޮޓް މެކްޓޮމިނޭ އަރުވައިގެންނެވެ.

ބަދަލުތަކާ އެކު ފަހު ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް މަދު ފުރުސަތު ވެސް ހޯދި އެވެ. އެރިކްސަން ބޮލުން ފޮނުވާލި ދެ ހަމަލާއެއް ބްރެންޓްފޯޑުގެ ކީޕަރު ޑޭވިޑް ރާޔާ ދިފާއު ކުރި އިރު، ރޮނާލްޑޯ އަށް ލިބުނު ފުރުސަތެއްގައި އޭނާ ބޮލުން ފޮނުވާލި ބޯޅައެއް ބޭރުވީ ގޯލު ހުރަސް ދަނޑި ކައިރިންނެވެ. ބްރެންޓްފޯޑުން މި ހާފުގައި ފޮނުވާލި ހަމަލާ ތަކުގައި ކީޕަރު ޑެހެއާ ވަނީ މުހިއްމު ސޭވަތަކެއް ކޮށްފަ އެވެ.

މި ހާފުގެ ވަކި ހިސާބަކުން ކޯޗު ޓެން ހަގް ވަނީ އެންތޮނީ އެލަންގާ އާއި ޑޮނީ ވެން ޑި ބީކް ވެސް ކުޅެން ނެރެފަ އެވެ. ނަމަވެސް ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ލީގުގައި ޔުނައިޓެޑުން މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު، ބައިކޮޅަށް ވަނީ ހަ ލަނޑު ވަދެފަ އެވެ. ބްރައިޓަން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑަކީ ބައިކޮޅަށް ވަން ލަނޑެކެވެ.