އާސެނަލްގެ ދަނޑުގައި ޖީސަސްގެ ފުރަތަމަ ރަސްމީ މެޗުން ވިދާލައިފި
އާސެނަލްގެ ދަނޑުގައި ޖީސަސްގެ ފުރަތަމަ ރަސްމީ މެޗުން ވިދާލައިފި

ލަންޑަން (އޯގަސްޓް 13) - އާސެނަލް އަށް މި ސީޒަނުގައި ގެނައި ބްރެޒިލްގެ ވިންގާ ގެބްރިއެލް ޖީސަސް އެޓީމުގެ ހޯމް ސްޓޭޑިއަމް ކަމަށްވާ އެމިރޭޓްސް ގައި ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި ޖެހި ދެ ގޯލާ އެކު 4-2 އިން ލެސްޓާ ސިޓީ ބަލި ކޮށްފި އެވެ.

އާސެނަލްގެ ދަނޑުގައި ޖީސަސްގެ ފުރަތަމަ ރަސްމީ މެޗުން ވިދާލައިފި
އާސެނަލްގެ ދަނޑުގައި ޖީސަސްގެ ފުރަތަމަ ރަސްމީ މެޗުން ވިދާލައިފި

މެންޗެސްޓާ ސިޓީ އިން އާސެނަލް އަށް ބަދަލުވެ، ޖީސަސް ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި ޕްރީ ސީޒަން ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. ސެވިއްޔާއާ ދެކޮޅަށް ކުޅެ 6-0 އިން އާސެނަލް މޮޅުވި މެޗުގައި ޖީސަސް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި ރަށުން ބޭރުގައި އާސެނަލް އިން ކްރިސްޓަލް ޕެލަސް ބަލިކުރި މެޗުގައި ޖީސަސް އަށް ލަނޑެއް ނުޖެހުނު ނަމަވެސް، މިރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ފުރަތަމަ ދެ ލަނޑު ޖެހީ ޖީސަސް އެވެ. ގެބްރިއެލް މާޓިނެލީ އާއި ގްރޭނިޓް ޒާކާ ވެގެން ތަނަވަސްކުރި ފުރުސަތެއްގައި މެޗުގެ 23 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހި އިރު، 35 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހީ ޒާކާ ނަގައިދިން ކޯނަރެއްގަ އެވެ.

މި ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ލެސްޓާގެ ޖެމީ ވާޑީ، އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ކައިރިން ނައްޓާފައި ދާން އުޅެނިކޮށް އޭނާ ފައުލް ކުރީ ކަމަށް ހީކޮށް ރެފްރީ ވަނީ ޕެނަލްޓީ އެއް ދޭން ނިންމައިފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ޖީސަސްގެ ދެ ލަނޑުން ލީޑުގައި އޮވެ އާސެނަލް އިން ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން އަށްވަނަ މިނިޓުގައި އެޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަތުން ބައިކޮޅަށް ވަން ލަނޑަކާ އެކު ލެސްޓާ އިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. ނަމަވެސް އޭގެ ތިން މިނިޓް ފަހުން ޖީސަސްގެ އެހީތެރިކަމާ އެކު ޒާކާ ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.

ބަދަލު ކުޅުންތެރިއެއް ގޮތުގައި ނުކުތް ކެލެޗީ އިހެނާޗޯގެ އެހީތެރިކަމާ އެކު ޖޭމްސް މެޑިސަން ވަނީ މެޗުގެ 74 ވަނަ މިނިޓުގައި ލަނޑު ޖަހައި އަނެއްކާ ވެސް ލެސްޓާ އަށް ލީޑު ކުޑަ ކޮށްދީފަ އެވެ. ނަމަވެސް މިފަހަރު އާސެނަލް އިން ވަނީ އަލުން ކުޅުން ފަށައިގެން ޖެހިގެން އައި މިނިޓުގައި ލަނޑު ޖަހައި އަލުން ދެ ގޯލުގެ ލީޑު ހޯދައިފަ އެވެ. ޖީސަސްގެ އެހީތެރިކަމާ އެކު މި ލަނޑު ޖަހައިދިނީ މާޓިނެލީ އެވެ.

މި ނަތީޖާއާ އެކު އާސެނަލް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިފަ އެވެ. ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ ސިޓީ އެވެ.

ސިޓީ އިން މިރޭގެ މެޗު ކާމިޔާބުކުރީ، އަލަށް ޕްރޮމޯޓްވި ބޯންމައުތާ ދެކޮޅަށް ކުޅެ 4-0 ގެ ނަތީޖާއަކުންނެވެ.

ބޯންމައުތާ ދެކޮޅަށް ސިޓީ އިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އިލްކޭ ގުންޑޮއާން އެވެ. މެޗުގެ 19 ވަނަ މިނިޓުގައި މި ލަނޑު ޖަހަން އޭނާއަށް ފުރުސަތު ތަަވަސް ކޮށްދިނީ، މި ސީޒަނުގައި އަލަށް ގެނައި އާލިން ބްރައުޓް ހާލަންޑެވެ. ތިން ޑިފެންޑަރުން ކައިރީ ބޯޅަ ހޯލްޑް ކޮށްފައި ހާލަންޑް ވަނީ ގުންޑޮއާން ކުރިއަށް އެރި ވަގުތު މުޅިން ހުސްކޮށްލާފައި އޭނާއަށް ޕާސް ކޮށްފަ އެވެ.

ސިޓީގެ ދެވަނަ ލަނޑު 31 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ޖަހައިދިން އިރު، 37 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފިލް ފޮޑެން އެވެ. އަދި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ބޯންމައުތުގެ ޖެފާސަން ލާމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެސްޓަން ވިލާ އިން ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގެ 31 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޑެނީ އިންގްސް އެވެ. އަދި 85 ވަނަ މިނިޓުގައި އެމީ ބުއެންޑިއާ އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިން އިރު، އެވަޓަންގެ ހަމައެކަނި ލަނޑަކީ، 87 ވަނަ މިނިޓުގައި ލޫކާ ޑީނޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޑީނޭ އަކީ މިދިޔަ ސީޒަން މެދުތެރޭން އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑާ މެދު ހިތްހަމަ ނުޖެހިގެން ޓީމު ދޫކޮށް އެސްޓަން ވިލާ އަށް ބަދަލުވި ކުޅުންތެރިއެކެވެ.

ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކުރި ބްރައިޓަން އިން މިރޭ އެޓީމުގެ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި އަލަށް ޕްރޮމޯޓްވެ ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން ޕޮއިންޓެއް ހޯދި ފުލަމް މިިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.