ކޮމޭޑިއަން ރާޖޫ ވެންޓިލޭޓަރުގައި
ކޮމޭޑިއަން ރާޖޫ ވެންޓިލޭޓަރުގައި

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން އަދި އެކްޓަރު ރާޖޫ ސްރިވަސްތަވާގެ ސިއްހީ މައްސަލަތަކެއް ދިމާވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 58 އަހަރުގެ ރާޖޫއަށް އެއިމްސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ މިދިޔަ ބުދަ ދުވަހު ހަޓް އެޓޭޖެއް ޖެހިގެންނެވެ.

އޭނާގެ މެނޭޖަރާ ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި އޭނާއަށް ހާލަތަށް އެއްވެސް ބަދަލެއް އަދި ނާދެ އެވެ. އޭނާގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށާއި ޑޮކްޓަރުން ވެސް އޮތީ އޭނާއަށް އުއްމީދު ކަނޑާލާފައި ކަމަށް މެނޭޖަރު ބުނެ އެވެ.

އެކަމަކު އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާޖޫގެ ހާލު ސްޓޭބަލް ކަމަށެވެ. އަދި އޭނާއަށް ދުއާކޮށްދިނުމަށް އެދިފައިވެ އެވެ.

އެކަމަކު ޑޮކްޓަރާ ހަވާލާދީ އީޓައިމްސްގައި ރިޕޯޓްކުރާ ގޮތުގައި ރާޖޫގެ އޮތީ ވެންޓިލޭޓަރުގަ އެވެ.

ރާޖޫއަށް ހާޓް އެޓޭކެއް ޖެހުނީ ހޮޓެލްގެ ޖިމުގައި އޭނާ ކަސްރަތަށް ހުއްޓާ ކަމަށްވެ އެވެ.

ރާޖޫއަކީ 80 ގެ ފަހުކޮޅުން ފެށިގެން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނެކެވެ. އޭނާ ބޮޑަށް މަޝްހޫރުވީ "ދަ ގްރޭޓް އިންޑިއަން ލާފާ ޗެލެންޖް" 2005 ގައި ބައިވެރިވި ފަހުންނެވެ. އޭގެ ފަހުން ކޮމެޑީ ނައިޓް ވިޓް ކަޕިލްގެ އިތުރުން އެކި ކަހަލަ ކޮމެޑީ ޝޯތަކުން އޭނާ ފެނުނެވެ.

އޭނާ މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި "މެއިނޭ ޕިޔާރު ކިޔާ" އާއި "ބާޒީގަރު" އަދި "ބޮމްބޭ ޓު ގޯއާ" ހިމެނެ އެވެ. ރާޖޫ ވަނީ ބިގް ބޮސްގެ ތިން ވަނަ ސީޒަނުން ވެސް ފެނިފަ އެވެ.