13 އޯގަސްޓް 2022 - 23:03

އެމްޓީސީސީ އުތުރު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގުރޫޕް ސީ ގައި އިއްޔެ ކުޅުނު މެޗުން ކެނދިކުޅުދޫ ފުޓުބޯޅަ ކުލަބުން 3-0 އިން ހޮޅުދޫ ފުޓުބޯޅަ ކުލަބް ބަލިކޮށްފި އެވެ.

ކެނދިކުޅުދޫ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ލީޑު ނެގީ ހަތްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އަލީ ބުސްރީ އެވެ. ދެވަނަ ހާފުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ އައްޒާމް އަބްދުﷲ އާއި އަލީ ސަމާލް އެވެ. ދެވަނަ ލަނޑު 57 ވަނަ މިނިޓުގައި އައްޒާމް ޖަހައިދިން އިރު، ސަމާލް އެޓީމުގެ ތިންވަނަ ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށެވެ.
މީގެ ކުރިން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކުގެ ކެޕްޓަންކަން ވެސް ކޮށް، ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުން ފާހަގަވި، ނ. މާފަރަށް އުފަން އައްޒާމް އަބްދުﷲ ވަނީ، ކެނދިކުޅުދޫ ޓީމުގެ ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ހޮޅުދޫ ޓީމުގެ ގޯލްކީޕަރު މުހައްމަދު އަފްރާހަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
މި މުބާރާތުގައި ކެނދިކުޅުދޫ ޓީމުގެ ގޯލު ބަލަހައްޓަނީ އުމުރުން 20 އަހަރުގެ ޒުވާޏް ގޯލްކީޕަރު އިސްމާއިލް ރާއިފް (ރާއްޕެ) އެވެ. ރާއިފް އަކީ މި ސީޒަނަށް ތައްޔާރުވާން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި ފާހަގަވި ކީޕަރެކެވެ. އަދި މާޒިޔާ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއިފް އާއެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއި ވެސް ކޮށްފަ އެވެ.
ކެނދިކުޅުދޫ އާއި ހޮޅުދޫ ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި ކެނދިކުޅުދޫ އިން ހަނި ގޮތަކަށް ސޮސައިޓީ ފޯ މާޅެންދޫ ޔޫތު ޑިވެލޮޕްމަންޓް ބަލިކުރި އިރު، ހޮޅުދޫ ވަނީ އަމިއްލަ ދަނޑުގައި ކުޑަފަރީ ފުޓްބޯޅަ ކްލަބް ބަލިކޮށްފަ އެވެ.
ފުރަތަމަ މެޗުގައި ކެނދިކުޅުދޫ އަތުން ބަލލިވި ނަމަވެސް މާޅެންދޫ ވަނީ ދެވަނަ މެޗުގައި 2-1 އިން ކުޑަފަރީ ބަލިކޮށް، ކުރިއަށް ދިޔުމުގެ އުންމީދު ހޯދައިފަ އެވެ.
ހޮޅުދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މާޅެންދޫ އިންނެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި އެޓީމަށް ޖަހައިދިނީ އިބްރާހިމް ޒަޔާން އެވެ. ޒަޔާން އަކީ އެޓީމުގެ މުހައްމަދު ފައިސަލްގެ ބަދަލުގައި 18 ވަނަ މިނޓުގައި ކުޅެން އެރި ކުޅުންތެރިއެކެވެ.
މާޅެންދޫ އިން ލީޑު ނެގި ނަމަވެސް މި ހާފުގެ 45 މިނިޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ކުޑަފަރީގެ އަލީ ޝިޔާޒް ޖަހައިދިން ގޯލާ އެކު ހާފް ނިންމާލީ ނަތީޖާ އެއްވަރު ވެގެންނެވެ.
މާޅެންދޫ މި މެޗުން މޮޅުވި ލަނޑު ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި އެޓީމަށް ޖަހައިދިނީ އަބްދުﷲ ޝަފީން އެވެ.
މި ނަތީޖާއާ އެކު ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނައިގައި އޮތީ ކެނދިކުޅުދޫ އެވެ. މާޅެންދޫ އާއި ހޮޅުދޫ ވެސް އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު، ކުޑަފަރީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލި ވެފަ އެވެ.
ނ. އަތޮޅުގެ ހަތަރު ޓީމު ހިމެނޭ މި ގުރޫޕުގެ މެޗުތައް ކުރިއަށް ދަނީ ކެނދިކުޅުދޫ އާއި ހޮޅުދޫގަ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ނޯތު ލީގުގެ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނެ އެވެ.
މާދަމާ ހަވީރު ކެނދިކުޅުދޫ އިން އަމިއްލަ ދަނޑުގައި ކުޑަފަރީއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި ހޮޅުދޫގައި ކުޅޭ މެޗުގައި ހޮޅުދޫ ފުޓުބޯޅަ ކުލަބާ ދެކޮޅަށް ނުކުންނާނީ މާޅެންދޫ ޔޫތު ޑިވެލޮޕްމަންޓެވެ.