12 އޯގަސްޓް 2022 - 23:34

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފިރިހެން ކެޓަގަރީގެ ލޯންގް ޖަމްޕުގައި ވާދަކޮށް 13 އަހަރުވީ ގައުމީ ރެކޯޑް ރާއްޖޭގެ އުންމީދީ އެތުލީޓް ނާހިލް ނިޒާރު މިއަދު މުގުރާލައިފި އެވެ.

ނާހިލްގެ ކުރިން އެ ރެކޯޑް އޮންނަނީ ހުސައިން ހަލީމް އަތުގަ އެވެ. ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ގޭމްސްގައި ނާހިލް މިއަދު ވަނީ 6.71 މީޓަރު ދުރުމިނަށް ފުންމައިފަ އެވެ.

އޮކްޓޯބަރު 2009 ގައި ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށް ހުސައިން ހަލީމް ފުންމީ 6.47 މީޓަރު ދުރަށެވެ.
މި އަހަރު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރި ނާހިލް، 17، އަކީ އިންޓަ ސްކޫލް މުބާރާތުގައި އެންމެ ވިދާލި އެތުލީޓެވެ. އެ މުބާރާތުގައި އޭނާ ވަނީ ލޯންގް ޖަމްޕްގެ ޖުނިއާ ރެކޯޑް ވެސް ހަދައިފަ އެވެ. އޭރު އޭނާ ޖަމްޕު ޖެހީ 6.43 މީޓަރު ދުރަށެވެ. މިއަދުގެ ރެކޯޑާއެކެ ޖޫނިއާ ރެކޯޑް ވެސް އޭނާ ވަނީ މުގުރައިލައިފަ އެވެ.
އިންޓަ ސްކޫލް މުބާރާތުގައި ލޯންގް ޖަމްޕްުގެ އިތުރުން ސްޕްރިންޓް ރޭސްތަކުގައި ވެސް ނާހިލް ދުވެލި ފެނުނީ ހަލުވިކޮށެވެ. އޭނާ ވަނީ އެ މުބާރާތުގެ 100 މީޓަރު އަދި 200 މީޓަރުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. އަދި ސްކޫލްގެ ރިލޭ ޓީމުގައި ހިމެނިގެން 4 ގުނަ 100 އަދި 4 ގުނަ 200 ގެ އިވެންޓްގެ ރެކޯޑް މުގުރާލުމުގައި ވެސް އޭނާގެ ހިއްސާ އޮތެވެ.
އެތުލެޓިކްސްގައި މިއަދު ދިވެހި އަންހެން ރިލޭ ޓީމުން ވެސް ވަނީ ގައުމީ ރެކޯޑް ހަދައިފަ އެވެ. މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި އައިމިނަތު ލަޔާނާ މުހައްމަދު ހިމެނު ޓީމުން ވަނީ މިއަދު 48.21 ސިކުންތުން ނިންމައިގެން ކޮމަންވެލްތު ގޭމްސްގައި ހަމަ އެ ދުވުންތެރިން ހިމެނޭ ޓީމުން ހެދި ރެކޯޑް މުގުރާލައިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ކޮމަންވެލްތު ގޭމްސްގައި ރިލޭ ޓީމުން ރޭސް ނިންމީ 49.19 ސިކުންތުންނެވެ.
އޭގެ ކުރިން މި ރެކޯޑް އޮތީ ނާޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރިލޭ ޓީމު އަތުގަ އެވެ. އެ ޓީމުގައި އަލްހާ، ހިމްނާ އަދި ރިފާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ހިމެނެނީ ސަރާ މަސްއޫދެވެ. އޭގެ ކުރިން މި ރެކޯޑް އޮތީ ނާޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރިލޭ ޓީމު އަތުގަ އެވެ. އެ ޓީމުގައި އަލްހާ، ހިމްނާ އަދި ރިފާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ހިމެނެނީ ސަރާ މަސްއޫދެވެ.
އިންޑިއާގައި 2016 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރި ރިލޭ ޓީމުން ވެސް އޭގެ ކުރިން ރެކޯޑް ހެދި އެވެ. އަފާ އިސްމާއީލް، އައިމިނަތު ނަޒްރާ، ޝަމްހާ އަހުމަދު އަދި މިރުފަތު އަހުމަދު ހިމެނުނު ޓީމުން ރޭސް ނިންމީ 51.32 ސިކުންތުންނެވެ.
ނާހިލްގެ ރެކޯޑަކީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އެތުލެޓިކްސްއިން ހެދި އިންޑަވިޖުއަލް ދެވަނަ ގައުމީ ރެކޯޑެވެ. މިދިޔަ ބުދަ ދުވަހު ހިމްނާ ވަނީ އަންހެނުންގެ 200 މީޓަރުގެ ގައުމީ ރެކޯޑް ހަދައިފަ އެވެ. އަދި ނިމިދިޔަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރުގެ އަންހެނުންގެ ރެކޯޑް ވެސް ހިމްނާ މުގުރާލި އެވެ. އޭނާ އެ ރެކޯޑް މުގުރާލުމިުގެ ކުރިން 21 އަހަރު އެހެން އެތުލީޓަކަށް އެ ރެކޯޑްގައި އަތް ނުލެވި އޮތެވެ.
ކުރިން އެ ރެކޯޑް އޮންނަނީ 2001 ގެ ކޮމަންވެލްތު ގޭމްސްގައި ދުވި ޝަމްހާ އަހުމަދުގެ އަތުގަ އެވެ.