12 އޯގަސްޓް 2022 - 23:05

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔުނު ފޮތުގެ މައްސަލާގައި މީގެ އެތައް އަހަރެއް ކުރިން މަރުގެ އިންޒާރު ލިބުމުން ސިއްރު ދިރިއުޅުމެއް އުޅޭ ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ ކަރަށް ސްޓޭޖެއްގެމަތީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އިންޑިއާ ދަރިކޮޅުގެ އިނގިރޭސިއެއް ކަމަށްވާ ރުޝްދީ 1988 ވަނަ އަހަރު ލިޔުނު "ދަ ސާތާނިކް ވާސަސް" ގެ މައްސަލާގައި އީރާނުން އޮތީ މަރުގެ އިންޒާރު ދީފަ އެވެ. އޭގެ ފަހުން އޭނާ އުޅެމުން އަންނަނީ ވަރަށް ސިއްރު ދިރިއުޅުމެކެވެ.
އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އަދަބީ ފެއާއެއްގައި ރުޝްދީއަށް ހަމަލާ ދިނީ ސްޓޭޖެއްގައި ވާހަކަ ދައްކަން ހުއްޓަ އެވެ. ފުލުހުން ބުނީ މި މައްސަލާގައި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކަރަށް ދިން ހަމަލާއާ އެކު ރުޝްދީ ވަނީ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ހާލާ ބެހޭ ގޮތުން މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.
އިންޑިއާގެ މުސްލިމް އެކަމަކު ދީންވެރި ނޫން އާއިލާއަކަށް އުފަން ރުޝްދީ، 75، އަކީ މިހާރު އެއްވެސް ދީނެއް ގަބޫލުކުރާ މީހެއް ނޫނެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގައި އެމެރިކާގައި އުޅޭ ރުޝްދީ ފުރަތަމަ މަޝްހޫރުކަން ހޯދީ 1981 ގައި ލިޔުނު "މިޑްނައިޓްސް ޗިލްރެން". ފޮތުންނެވެ. އެކަމަކު 1988 ގައި ލިޔުނު :ސާތާނިކް ވާސަސް" އާ އެކު އީރާންގެ އިންގިލާބީ ލަޝްކަރުގެ ލީޑަރު އާޔަތުﷲ ރޫހުﷲ ޚާމަނާއީ ވަނީ ރުޝްދީ މަރަންޖެހޭ ކަމަށް ބުނެ ފަތުވާއެއް ނެރެފަ އެވެ.
ގިނަ މުސްލިމުން ގަބޫލުކުރާ ގޮތުގައި މި ފޮތަކީ އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ފޮތެކެވެ.