13 އޯގަސްޓް 2022 - 05:58

ބޮލީވުޑްގެ ތަރި، ޝިލްޕާ ޝެޓީގެ ކުރިއަށް އޮތް ފިލްމު، "އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓިންތަކުގައި އުޅެނިކޮށް އޭނާގެ ފަޔަށް އަނިޔާވެ ބްރޭކެއް ނަގައިފި އެވެ.
މީގެ ދުވަސްތަކެއް ކުރިން ޑައިރެކްޓަރު ރޯހިތު ޝެޓީ ވަނީ އެ ފިލްމުގެ ސެޓުގެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި ސިދާތު މަލްހޯތުރާ އާއި ޝިލްޕާ އަދި ނިކެތަން ދީރް ފެންނަނީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ކުރިއަށް ގެންދަނިކޮށެެވެ.
ބެލެވޭ ގޮތުގައި އެ އެކްޝަން ސީކުއެންސްތައް މާރަނގަޅަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ޝިލްޕާ، އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ފޮޓޯގައި ފެންނަނީ އޭނާ ވީލްޗެއާއެއްގައި އިންދާ އެވެ. ވަރަށް ބޮޑަށް އަނިޔާވެ ވައަތު ފައިގެ ކަކުލާ ދިމާލުން ބޮޑު ޕްލާސްޓަރުގަނޑެއް ވެސް އަޅާފައި އޮތެވެ.
ކެޕްޝަނުގައި ބުނީ ހަ ހަފްތާ ވަންދެން އޭނާ އެއްވެސް އެކްޝަނެއް ނުޖައްސާނެ ކަމަށެވެ. އަދި ދުއާގައި އޭނާ ބައިވެރިކުރުމަށާއި ވަރަށް އަވަހަށް އެނބުރި މަސައްކަތަށް ނިކުންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ޝިލްޕާ އެންމެ ފަހުން ފެނުނީ މިއަހަރު ރިލީޒްކުރި "ނިކައްމާ" ގަ އެވެ. ސަޕޯޓަރުންނަށް ފިލްމުގައި އޭނާގެ ފެނިލުން ވަރަށް ކަމުދިޔަ އެވެ. ރޯހިތުގެ ވެބް ސީރީޒް، އިންޑިއަން ޕޮލިސް ފޯސްއަކީ ވަރަށް އަވަހަށް އެމަޒޮން ޕްރައިމް ވީޑިއޯއަށް ރިލީޒްކުރާނެ ފިލްމެކެވެ.