12 އޯގަސްޓް 2022 - 14:11

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ރޭ ދޫކޮށްލައިފި އެވެ.
އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުން ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށްފަހު އިތުރަށް ބަންދުގައި ބައިތިއްބަން އެ އޮފީހަށް ނުފެންނަ ކަމަށް ނިންމުމުން ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ތިން މީހުން ދޫކޮށްލަން ނިންމީ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ކަށަވަރުކުރުމަށްފަހުގަ އެވެ.
މި މައްސަލައާ ގުޅުންހުރި 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރެވެ.
ނާޒިމާއި ނަޝީދު އަދި އަބްދުއްރަހުމާން ހައްޔަރުކުރީ އޭގެ ފަހުން މިދިޔަ މަހުގެ 28 ގަ އެވެ.