12 އޯގަސްޓް 2022 - 10:41

ރާއްޖެ އަށް މި އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވެއްޖެ އެވެ.

މިއަދު ހެނދުނު ގަރަތު އެއާވޭސްގެ ފްލައިޓަކުން އައި ޓޫރިސްޓުންގެ ތެރެއިން، އެއް މިލިއަން ވަނަ ޓޫރިސްޓަކީ ޗެކް ރިޕަބްލިކަށް އުފަން އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ އެވެ. އޭނާ ރާއްޖެ އައީ "ރޮބިންސަން ކްލަބް ނޫނު" ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށެވެ.

ޑެނިއެލާ ބުނީ މިއީ އޭނާ ރާއްޖެއަށް އައި ތިން ވަނަ ފަހަރު ކަމަށާއި ރާއްޖެއަކީ ހިތްހަމަ ޖައްސާލައި ޗުއްޓީ ހޭދަކޮށްލަން އެންމެ ގަޔާވާ މަންޒިލް ކަމަށެވެ. ކޮވިޑަށް ފަހު އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި އެއް މިލިއަން ވަނަ ޓޫރިސްޓަށް ހޮވުމުން އޭނާ ހުރީ ވަރަށް ބޮޑަށް އުފަލުންނެވެ.
"އުއްމީދެއް ނުކުރަން ދުވަހަކު ވެސް މިފަދަ ޝަރަފެއް ލިބޭނެ ކަމަށް. ވަރަށް އުފާވޭ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވުމުން،" އޭނާ ބުންޏެވެ.
މީގެ 10 އަހަރު ކުރިން ޑެނިއެލާ ފުރަތަމަ ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރީ ކުރެއްދޫ ރިސޯޓުގަ އެވެ. ދެ ވަނަ ފަހަރު އައިސް ހުރީ އަދާރަން މީދުއްޕަރުގަ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަން ހުރަސްކުރަން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އެއް މިލިއަން ވަނަ ޓޫރިސްޓް ކަނޑައަޅަން ހާއްސަ ހަފުލާއެއް އެއާޕޯޓްގައި އޮވެ އެވެ. މިއަދު ބޭއްވި މި އަހަރުގެ ރަސްމިއްޔާތުގައި ޑެނިއެލާއަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް އިން ހާއްސަ ހަދިޔާއެއް ދިނެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު ވިދާޅުވީ އުއްމީދު ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ 1.6 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ނޮވެމްބަރުގައި ވާސިލްވުން ކަމަށެވެ.
"މީގެ ކުރިން (އަހަރުގެ) މިހާ ހިސާބުގައި އެއް މިލިއަން ހާސިލުވީ އެންމެ އަހަރަކު. އެއީ 2019 ގައި. މީގެން ދައްކައި ދެނީ އިންޑަސްޓްރީ ކުރިއަރުވަން ކުރެވޭ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ދުނިޔޭގެ ވާދަވެރި މަންޒިލްތައް ހުޅުވިފައިވަނިކޮށް އަހަރުގެ މެދު ތެރެއިން ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން ހަމަވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓޫރިޒަަމް އިތުރަށް ކުރިއަރާނެ ކަމަށެވެ.
ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ގިނަ ސަރަހައްދުތަކެއް މިހާރު ކަވަރު ކުރާ ކަމަށެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުގައި އަބަދުވެސް ތަފާތު ކާރިސާތައް އެބަ ހިނގާ. އެ ހުރިހާ ކަމަކާ އެކު ޓޫރިޒަމް މި ޕްރޮމޯޓް ކުރަނީ. އިޝްތިހާރު ކުރުމުގައި ވެސް ރަނގަޅަށް މީހުން އަންނާނެ މަންޒިލްތަކަށް ބަލައިގެން ކަންކަން ބައްޓަން ކުރަނީ،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ މިހާތަނަށް އެމްއެމްޕީއާރްސީއިން ވަނީ ދުނިޔޭގެ 12 ގައުމެއްގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ހަރަކާތްތައް ބާއްވާފަ އެވެ. މިއަހަރުގެ ބާކީ އޮތް ހަތަރު މަހު އިތުރު 15 ހަރަކާތެއް ބޭރުގެ ގައުމުތަކުގައި ބާއްވާނެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން މިހާތަނަށް ޓޫރިސްޓުން އައިސްފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 140،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައި އިނގިރޭސި ވިލާތުގެ ޓޫރިސްޓުންގެ އަދަދަކީ 110،000 އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 103،00 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.