12 އޯގަސްޓް 2022 - 15:28

ދިރާގުން ރާއްޖެ އަށް ހައި ސްޕީޑް އިންޓަނެޓު ދިނުމަށް އަޅާ "ގްލޯބަލް ސުޕާ ހައިވޭ ސީ-މީ-ވީ 6" ސަބްމެރިން ކޭބަލްއާ ގުޅާލާ ލޭންޑިން ސްޓޭޝަން އެޅުމަށް އެ ކުންފުންޏަށް އެޗްޑީސީން ބިމެއް ކުއްޔަށް ދޫކޮށްފި އެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ އެޗްޑީސީގެ ސީއީއޯ/ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދާއި ދިރާގުގެ ސީއީއޯ/ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
ދިރާގުން ބުނީ އެ ސަބްމެރިން ކޭބަލް އަކީ ދުނިޔޭގެ 13 ގްލޯބަލް ޓެލެކޮމް އަދި ޓެކް ކުންފުންޏަކާ ސީދާ ގުޅުވާދޭނެ ކޭބަލެއް ކަމަށެވެ. މި އަހަރު ކުރީކޮޅު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އެ ކޭބަލުގެ ޒަރީއާއިން ދެކުނު އޭޝިއާ އާއި ޔޫރަޕު ސަރަހައްދުގައި ހިމެނޭ އެ ކުންފުނިތަކުގެ މައި އިންޓަނެޓު އެކްސްޗޭންޖު ޕޮއިންޓުތަކަށާއި ޑޭޓާ ސެންޓަރުތަކަށް އެކްސެސް ވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ރާއްޖެއާ ގުޅާދޭން މަސައްކަތް ކުރާ ސަބްމެރިން ކޭބަލަކީ 19،200 ކިލޯމީޓަރުގެ ކޭބަލެއް ކަމަށެވެ. އެ ކޭބަލަކީ، ދެކުނު އިރުމަތީ އޭޝިއާ އާއި ޔޫރަޕުގެ ހުޅަނގުގެ 11 ގައުމެއްގެ ގްލޯބަލް ހަބުތަކާ ގުޅާދޭނެ ކޭބަލެކެވެ.
ދިރާގުން ބުނީ ހުޅުމާލެއިން ހޯދި ބިމުގައި އެ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެ ޕްރޮޖެކްޓް ނިމޭނެ ކަމަށް ދިރާގުން ލަފާކުރާ ތާރީހަކީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރެވެ.
ދިރާގުން ބުނީ އެ ކޭބަލްގެ ޒަރީއާއިން ދިރާގުގެ ނެޓްވޯކު މެދު އިރުމައްޗާއި، ޔޫރަޕާއި، އިންޑިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކާއި ގުޅި، ހިދުމަތް އިތުރަށް ތަރައްގީވެ، ހެޔޮ އަގުތަކެއްގައި ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގެން ދާނެ ކަމަށެވެ.
އަދި އެ ޕްރޮޖެކްޓަށް ކޮށްފައިވާ އިންވެސްޓްމަންޓަކީ ޓެކްނޮލަޖީގެ ވަސީލަތްތަކާއި އެކު ވިޔަފާރިތައް ކުރިއަރުވާ، ގޭމިން ފަދަ ސިނާއަތްތައް އިތުރަށް ތަރައްގީކޮށް، އެކި ރޮނގުތަކުން ރާއްޖެ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކޮށްފައިވާ އިންވެސްޓްމެންޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.