ބަފްޓާގެ އާ ޗެއާއަކަށް ޖޭން ލަޝް
ބަފްޓާގެ އާ ޗެއާއަކަށް ޖޭން ލަޝް

ދަ ބްރިޓިޝް އެކެޑަމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބަފްޓާ) ގެ އާ ޗެއާއަކަށް ޖޭޝް ލަޝް ހަމަޖައްސައިފި އެވެ.

ބަފްޓާގެ އާ ޗެއާއަކަށް ޖޭން ލަޝް
ބަފްޓާގެ އާ ޗެއާއަކަށް ޖޭން ލަޝް

އޭނާ ކުރިން ހުރީ ބަފްޓާގެ ޑެޕިއުޓީ ޗެއާގެ މަގާމުގަ އެވެ. އަލަށް ހަމަޖެހުނު މަގާމާ އެކު، ޖޭން ކުރިއަށް އޮތް ދެ އަހަރު ބަފްޓާގެ ޗެއާގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ.

އެ މަގަމާން ޖޭން ހަމަޖެހުމާ ހަމައަށް ބަފްޓާގެ ޗެއާއަކަށް ހުރީ އޭން މޮރިސަން އެވެ. އޭނާ މިހާރު ހުރީ ޑެޕިއުޓީ ވައިސް ޗެއާމަންގެ މަގާމުގަ އެވެ. ބަފްޓާގެ ޗެއާއަކަށް މޮރިސަން ހަމަޖެއްސީ 2014 ވަނަ އަހަރު އެވެ.

ކުރިއަށް އޮތް އަހަރު ދުވަހު މޮރިސަން ވައިސް ޗެއާގެ ދައުރު އަދާ ކުރާނެ އެވެ.

ބަފްޓާގެ ޗެއާގެ މަގާމު ލިބުނު ޖޭންއަކީ ބީބީސީގައި 35 އަހަރު މަސައްކަތްކޮށް ތަޖުރިބާ ހޯދައިފައިވާ މީހެކެވެ. އޭނާ ބީބީސީން ވަކިވީ 2006 ގަ އެވެ.

ޖޭން ވަނީ ފާއިތުވި 10 ވަރަކަށް އަހަރު ބަފްޓާ އާ އެކު ވަރަށް ބުރަކޮށް، ވަރަށް ގާތުން މަސައްކަތްކޮށްފަ އެވެ.

އެގޮތުން ބަފްޓާގެ ބޯޑް އޮފް ޓްރަސްޓީގެ ޑެޕިއުޓީ ޗެއާގެ ގޮތުގައި ޖޭން ވަނީ 2010 ވަނަ އަހަރުން ފެށިގެން މަސައްކަތްކޮށްފަ އެވެ.

އަލަށް ހަވާލުވި ޒިންމާތަކާ އެކު އޭނާ ބުނީ ބަފްޓާގެ ޗެއާއަކަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ފިލްމާއި ޓީވީ ދާއިރާ އިން ޒުވާން ހުނަރުވެރިން އުފައްދައި ކުރިއަރުވަން އޭނާގެ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ޖޭން ވަނީ ދީފަ އެވެ.

"އަހަރެން މިހިރީ ބަފްޓާގެ ހުނަރުވެރި ޓީމާ އެކު ކުރިއަށް ދިއުމުގެ އަޒުމުގައި،" އޭނާ ބުންޏެވެ. "ބަފްޓާގެ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ބައްޓަންވެގެން ދާނީ ކުރިއަށް ވުރެ ވަރުގަދަކޮށް، ކުލަ ގަދަކޮށް އަދި ފުޅާކޮށް."

ބަފްޓާއަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން ދެވޭ އެންމެ ނުފޫޒު ގަދަ އެއް އެވޯޑް ވެސް ފަންނާނުންނަށް ދެމުން އަންނަ އެކެޑަމީއެކެވެ. އެހެންވެ ބަފްޓާ އެވޯޑަކީ ފަންނާނުން އަބަދު ވެސް އިންތިޒާރު ކުރާ އެވޯޑެކެވެ.

ބަފްޓާ ވުޖޫދަށް އައީ 1947 ގަ އެވެ.