ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލައިފި
ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލައިފި

ހ. ޝީރީންވިލާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު މިއަދު އިންޑިއާ އަށް ފޮނުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޝިއާއުގެ ހަށިގަނޑު މިހާރު އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށާއި އަދި މާދަމާ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ.

ގެއެއްގެ ތެރޭގައި އަންހެނަކު މަރާލައިގެން ފުލުހުންނަށް އެ ރޭ 11:30 ހާއިރު ކުރި ރިޕޯޓާ އެކު ފަސް ވަރަކަށް މިނެޓް ތެރޭ ފުލުހުން އެޓެންޑުވެ، މައްސަލައިގެ ތުހުމަތުގައި ޝިއާއުގެ ލޯބިވެރިޔާ ކަމަށް ބުނާ އަލީ ޝާހިލް، 22، ވަނީ ސީނުން ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ފުލުހުންނަށް ބެލެވެނީ ޝިއާއު އަށް ހަމަލާދީ އަތްފައި އަދި ކަރު ބުރިކޮށްފައި ވަނީ އެ ރޭ 9:00 ގެ ފަހުންނެވެ. އެކަމަކު، އެ މައުލޫމާތުތައް ކަށަވަރުވާނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއު އަށް ހަމަލާދިން ކަމަށް ބެލެވޭ ހަތިޔާރުތަކެއް ވެސް ވަނީ ފެނިފަ އެވެ.