12 އޯގަސްޓް 2022 - 07:56

ހަގު އުމުރެއްގައި ކައިވެންޏެއްކޮށް ގދ. ހޯނޑެއްދޫ، ނައުޝާ އިރުޝާދު ދުށީ ފޮނި ހުވަފެންތަކެކެވެ. އާއިލާއެއް ބިނާކޮށް އުފާވެރި ދިރިއުޅުމެއްގެ އުންމީދުތަކެކެވެ. އެކަމަކު ލޯބިވާ ފިރިމީހާ އާއި ހަ އަހަރުގެ ދަރިފުޅާ އެކު އެ ހުވަފެނުގައި ހަގީގީ ކުލަ ޖައްސަމުންދަނިކޮށް އެ ކުޑަކުޑަ އާއިލާ އަށް ކުރިމަތިވީ ވަރަށް ބޮޑު ހިތާމައެކެވެ. ދުވަހަކު ވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާފައި ނުވާ، ނައުޝާ ވަރަށް ބޮޑަށް ބަލިވެ، އެނދުމަތިވީ އެވެ.

އިންޑިއާގައި މިހާރު ފަރުވާ ހޯދަމުން އަންނަ 25 އަހަރުގެ ނައުޝާ، "މިހާރު" އަށް ކިޔައިން ގޮތުގައި މިއީ ކުއްލިއަކަށް ދިމާވި ކަމެކެވެ. މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ނޭވާލާން އުނދަގޫވެގެން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ އަށް ގޮސް ޑޮކްޓަރަށް ދައްކައިފަ އެވެ. އެކަމަކު ޓެސްޓުތަކުން ފުއްޕާމޭގައި މައްސަލައެއް ހުރި ކަމަށް ދެއްކިޔަސް އެއީ ކޮން ބައްޔެއް ކަމެއް އޭރަކު ނޭނގެ އެވެ.

"ވަރަށް ބޮޑަށް ނޭވާލާން އުނދަގޫވެގެން ދިޔައިމަ ޓެސްޓްތަކެއް ހެދި ހޮސްޕިޓަލުން. މޭ މަތީގެ ސްކޭނެއް ހަދާފައި ބުނީ ފުއްޕާމޭގައި މައްސަލައެއް އެބަ ހުއްޓޭ. އެކަމަކު އޭރު ވެސް ކޮން ބައްޔެއް ކަމެއް ނޭނގެ،" ނައުޝާ ކިޔައިދޭން ފެށި އެވެ.

ނޭވާލާން އުނދަގޫވެގެން އޭޑީކޭ ހޮސްޕިޓަލުގެ ޕަލްމޮނޮލޮޖިސްޓަށް ދެއްކުމުން ތިން މަސް ފަހުން ޗެކަޕެއް ހަދަން ދިން ނަމަވެސް ޖެހިގެން އައި ދުވަހު، ހާލަތު މުޅިން ގޯސްވާން ފެށި އެވެ. އެހެންވެ، ފަރުވާ އަށް ބެންގަލޫރަށް ދާން އެ މީހުން ނިންމީ އެވެ.

"ކުޑަތަންކޮޅަކަށް ހިނގާލީމަ ވަރުބަލިވާން ފެށީ. އެކަމަކު އޭރު ވެސް އޮކްސިޖަން ބޭނުމެއް ނުކުރަން. ޖެނުއަރީ 9 ގައި ބެންގަލޫރަށް އައީ. ފްލައިޓް މަތީގައި އޮކްސިޖަން ލެވެލް ދަށްވެ، ފްލައިޓުން އެމަޖެންސީކޮށް އޮކްސިޖަން ދިނީ."

ނައުޝާއަށް ވާގޮތެއް އެނގުނީ ބެންގަލޫރުގެ އެސްޓާ ސީއެމްއައި ހޮސްޕިޓަލުން ހެދި ޓެސްޓުތަކަށް ފަހު އެވެ. އޭނާއަށް ޖެހިފައި ވަނީ އިންޑަސްޓްރިއަލް ލަންގް ޑިޒީސް ވިތު ސިންތެޓިކް ސިންޑްރޮމް އެވެ. އެ ބަލީގެ ސަބަބުން ފުއްޕާމޭގެ ޓިޝޫތައް ވަރަށް އަވަހަށް ހަލާކުވެ، ފުއްޕާމެ އަށް އެކަށީގެންވާ ގޮތެއްގައި އޮކްސިޖަން ފޯރުކޮށެއް ނުދެވެ އެވެ. އެހެންވެ އޭރު ނައުޝާ އަށް ޖެހުނީ ކޮންމެ ދުވަހަކު ދެ ލީޓަރުގެ އޮކްސިޖަން ދޭށެވެ.
"އެ ހިސާބުން އޮކްސިޖަން ބޭނުންކުރަން ޖެހުނީ 24 ގަޑިއިރު ކޮންމެ ދުވަހަކު ދެ ލީޓަރުގައި. ތިން ދުވަހުގެ ޓްރީޓްމަންޓަށް ފަހު ގެއަށް ފޮނުވާލީ ހޯމް އޮކްސިޖަންގައި،" އާސަންދަ ނުލިބޭ އެ ހޮސްޕިޓަލުގައި އަމިއްލަ އަށް ހަރަދުކުރަން ޖެހުނު ގޮތް އޭނާ ކިޔައިދެ އެވެ.
އެކަމަކު ހޮޓަލުގައި ތިއްބާ އޭގެ ތިން ދުވަސް ފަހުން އޮކްސިޖަން ލެވެލް 80 ޕަސެންޓަށް ވެއްޓުނެވެ.
ނައުޝާ ބުނީ އެ ހޮޓަލުން އިމަޖެންސީކޮށް އެމްބިއުލާންސްގައި ގެންދިޔައީ ކޮލަމްބޯ އޭޝިއާ ހޮސްޕިޓަލަށް ކަމަށެވެ. އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އެތަނުން ހެދި ސީޓީ ސްކޭނަށް ފަހު ބުނެފައި ވަނީ ފުއްޕާމޭ ކައިރީގައި ގޭސް ހެދިފައިވާ ކަމަށާއި އޭނާ ވަރަށް ކްރިޓިކަލް ކަމަށެވެ.
"ރެސްޕިރޭޓަރީ ހައިކަމުން އެ ހޮސްޕިޓަލުގައި އައިސީޔޫ އަށް ލީ. އަދި 10 ލިޓާ އޮކްސިޖަންގައި އެ މީހުން ފަރުވާ ފެށީ. ފުއްޕާމޭގެ ހާލަތާއި އޮކްސިޖަން ދަށްވި ވަރުން ފިރިމީހާ ލައްވާ ސޮއި ވެސް ކުރުވި ވެންޓިލޭޓަރަށް ލާން ޖެހިދާނެ ކަމަށް."
އެކަމަކު ފުން ނޭވާއަކާ އެކު އޭނާގެ ހާލަތު ތަންކޮޅެއް ރަނގަޅުވެ ބޭއްވީ އައިސީޔޫގައި ކަމަށް ބުންޏެވެ.
"އައިސީޔޫގައި 15 ވަރަކަށް ދުވަސް ހޭދަކުރަން ޖެހުނު. ރޫމަޓޮލޮޖިސްޓް ޑޮކްޓަރު އައިސް ބުނީ އިމިއުން ސިސްޓަމަށް ޖަހަންޖެހޭ ޑޯޒެއް ޖެހީމަ ފުއްޕާމޭގެ ހާލަތު ރަނގަޅުވާނެއޭ. އެ މީހުން އެ ރިސްކް ނަގާފައި ފުރަތަމަ ޑޯޒް ޖެހީ އައިސީޔޫގައި ބާއްވައިގެން އެއީ އިންޖެކްޝަން ޖެހީމަ ކުއްލިއަކަށް ހިތް ފެއިލް ވެދާނެތީ،"
ފުރަތަމަ ޑޯޒަށް ފަހު، އޭގެ ސައިޑް އިފެކްޓްތަކެއް ނުފެނެ އެވެ. އެހެންވެ ރޫމަކަށް ޝިފްޓްކޮށް އެތަނުގައި ފަރުވާއަށް ބޭއްވި އެވެ.
"މި ހޮސްޕިޓަލަކީ ވެސް އާސަންދަ ކަވާކުރާ ތަނެއް ނޫން. އެހެންވެ މި ހޮސްޕިޓަލަށް ވެސް ހުރިހާ ހަރަދެއް ކުރީ ހަމަ އަމިއްލަ ހަރަދުގައި."
އެތައް ހަފްތާއެއް ވަންދެން އެ ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު ގެއަށް ދޫކޮށްލީ ހާލަތު ތަންކޮޅެއް ރަނގަޅުވުމުންނެވެ. އޭގެ ފަހުން "ރިޓަކްސިމަބް" އިންޖެކްޝަންގެ ދެވަނަ ޑޯޒް ނެގީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ.
"އެ އިންޖެކްޝަނަށް ފަހު ތަންކޮޅެއް ރަނގަޅު އިހުސާސެއް ކުރެވުނު. އެކަމަކު އެޑްމިޓްކުރި ފަހުން އުޅެން ޖެހެނީ ވީލްޗެއާގައި."
އިންޑިއާގައި ފަސް މަސް ހޭދަކުރުމަށް ފަހު އެނބުރި އޭނާ ރާއްޖެ އައީ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. އަދި ހަ މަސް ފަހުން ތިން ވަނަ ޑޯޒް ޖެހުމަށް އިންޑިއާ އަށް ދާން ވެސް ޑޮކްޓަރު އެންގި އެވެ.
"މާލެއަށް އައިއިރު ވެސް އިނީ ވީލްޗެއާގައި. އޭރު ޓްރީޓްމަންޓް ނަގައިގެން އެއް ލިޓާ އޮކްސިޖަންގައި މެނޭޖްކޮށްލެވޭ. ސިޓިން ޓައިމް ދެ ގަޑިއިރު ވަންދެން އޮކްސިޖަންއާ ނުލާ ވެސް ރެސްޓްގައި އޮވެވޭ."
ރާއްޖެއަށް އަނބުރާ އައުންވީ މާރަނގަޅު ނިންމުމަކަށް ނޫނެވެ. ނައުޝާ، ހުން އައިސް ރޯގާ ޖެހުމުގެ ސަބަބުން އައިޖީއެމްއެޗުގައި އެޑްމިޓްކުރީ ފުއްޕާމޭގައި އިންފެކްޝަން އުފެދިގެންނެވެ.
"އައިޖީއެމްއެޗުން 15 ދުވަސް ވަންދެން ފަރުވާދީފައި ފޮނުވާލީ. އެކަމަކު އޭގެ ދެ ދުވަސް ފަހުން ނޭވާލާން އުނދަގޫވާން ފެށީ. ނުވެސް ހިނގޭ. ފާހާނާއަކަށް ވެސް ނުދެވޭ. އޮކްސިޖަން ބޭނުންކުރާ ލެވެލް ފަހަކަށް މަތިވި."
ނައުޝާގެ ހާލަތު ގޯސްވާން ފެށުމުން އޭނާ، އައިޖީއެމްޗުން ބެލި ޑޮކްޓަރުން މަޝްވަރާކުރުމަށް ފަހު ވަނީ ޗެންނާއީގެ ބީޖީއެސް ގްލެނީގަލްސް ގްލޯބަލް ހޮސްޕިޓަލަށް ލަންގް ޓްރާންސްޕްލާންޓް އެސެސްމެންޓް ހެދުމަށް ދިއުމަށް ލިޔުން ދީފަ އެވެ. އެކަމަކު އާސަންދަ އަށް އެދުމުން ބުނެފައި ވަނީ ބެންގަލޫރުގެ ހޮސްޕިޓަލުން އާސަންދަ ހަމަޖައްސައިދެވިދާނެ ކަމަށެވެ.
އާސަންދަ ހަމަޖެހުނުތަނާހެން އަނެއްކާ ވެސް ކުއްލިއަކަށް ނައުޝާގެ ހާލު ދެރަވެގެން އިމަޖެންސީގައި ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުން ޑޮކްޓަރުން އެންގީ ފުއްޕާމޭގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އަދި އަވަހަށް ފުރައިގެން ބޭހަށް ދިއުމަށް އެންގުމުން ނައުޝާ އާއި އޭނާގެ އާއިލާ، ބެންގަލޫރުގެ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލަށް ދިޔައީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ނައުޝާ ބުނީ ފަރުވާ އަށް އެތަނުގައި މަޑުކުރަން ޖެހިފައިވާ ކަމަށާއި އޭނާއަށް ޓްރާންސްޕްލާންޓް ހެދެން އޮތީ މިހާގެ ހަށިގަނޑު ފިޓްވެގެން ކަމަށެވެ. އެހެންވެ ފުއްޕާމޭގެ ކެޕޭސިޓީ އާއި ފިޒިއޮތެރަޕީ އާއި ޕްރި ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށް ނައުޝާ ބުންޏެވެ.
އެ ކަންކަމަށް އެތަނުގައި ހަ މަސް ދުވަހު މަޑުކުރަން ޖެހިފައިވާއިރު ޓްރާންޕްލާންޓަށް ފަހު ވެސް އެއް އަހަރު ވަންދެން މަޑުކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ނައުޝާ ބުނެ އެވެ.
އެކަމަކު ފުރަތަމަ ދަތުރުގައި އަމިއްލަ ޖީބުން ބޮޑު ހަރަދެއް ކުރަން ޖެހުމުގެ ސަބަބުން ނައުޝާގެ އާއިލާއަށް އަމިއްލައަށް އިތުރަށް ފަރުވާ ގެންދެވޭކަށް ނެތެވެ. އެހެންވެ އެ އާއިލާ އެދެނީ އާންމުންގެ އެހީތެރި ކަމަށެވެ.
- ފުރަތަމަ ބެންގަލޫރު ދަތުރަށް 48000 ޑޮލަރު ހޭދަވި (740،160ރ.)
- މާލެ އައިސް އެންސްޕާ އަށް ބިލް ހުށަހެޅުމުން 5000 ޑޮލަރު ދިން.
- ޕޯޓަލް އޮކްސިޖަން މެޝިން ގަންނަން ކޯޓޭޝަން ހުށަހެޅުމުން 20،000ރ. ލިބުނު، އެކަމަކު އޭގެ އަސްލު އަގަކީ 5000 ޑޮލަރު. އެއީ 76،800 ރުފިޔާ.
- އޭގެ ފަހުން ޑޮކްޓަރުގެ ލިޔުމާ އެކު އޮކްސިޖަން ސިލިންޑާ ގަތުމަށް އެހީއަށް އެދުނު. ބޮޑު ދެ ސިލިންޑަރުގެ އަގަކީ 8000ރ. އަށް.
- ރެގިއުލޭޓަރު ލިބެނީ 3500 ރުފިޔާ އަދި ރިފިލިން ފުޅިއެއް 650ރ. (ދެ ދުވަހުން ފުޅިއެއް ބޭނުންވޭ)
އެކަމަކު އެންސްޕާއަށް ލުމުން ލިބިފައިވަނީ އެންމެ ފުޅިއަކާއި އެންމެ ރެގިއުލޭޓަރަަކަށްވާ ފައިސާ އެވެ. އަދި އަމިއްލަ ހަރަދުގައި އޮކްސިޖަން ރިފިލްއަށް ފައިސާ ދައްކަމުން އަންނައިރު ދަތުރުފަތުރަށް ޒަކާތު ފަންޑުން އެހީއަށް އެދުމުން 9000ރ. އެހީގެ ގޮތުގައި ލިބުނު ކަމަށް ނައުޝާ ބުންޏެވެ.
އޭރު އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެ އާސަންދައިން އެއްވެސް އެހީއެއް ނެތި ފަރުވާ ހޯދީ ފިރިމީހާ އާއި އޭނާގެ އާއިލާގެ މެމްބަރުންގެ ވެސް އެހީގަ އެވެ. އަދި އެ މީހުން ސޭވްކުރި ފައިސާ ހުސްވެގެން ފަހުން ލޯނު ނަގަން ޖެހުނެވެ.
"ހޯނޑެއްދޫ ކައުންސިލުން ވަރަށް އެހީވި ފަންޑެއް ބަހައްޓައިގެން. އާއިލާ އިން ވެސް ފަންޑިން އިވެންޓްތައް ބޭއްވި. އާންމުންގެ އެހީވެ ކޮންމެވެސް ވަރަކަށް އޭރު ލިބުނު،"
ނައުޝާގެ މިހާރުގެ ހާލަތު ހުރި ގޮތުން އޭނާއަށް ގިނައިރު އިށީނދެގެން ނީދެވެ އެވެ. އޭނާ އިންޑިއާއަށް ގެންގޮސްފައި ވަނީ ވެސް ސްޓްރެޗާގައި ބާއްވައިގެންނެވެ. އަދި ފާހާނާއަށް ނުދެވޭތީ އޮންނަނީ ނެޕީ ޖަހައިފަ އެވެ. އެ ތަކުލީފުތަކުން ސަލާމަތްވެވެން އޮތީ މީހާ ފިޓްވެ، ޓްރާންސްޕްލާންޓް ހެދިގެންނެވެ.
އަހަރަކަށް ވުރެ ގިނަ ދުވަހު އިންޑިއާގައި މަޑުކުރަން ޖެހިފައިވާތީ އާއިލާއަށް މާލީގޮތުން ވެސް ދަތިވެ އާންމުންގެ އެހީއަށް އެދެ އެވެ.
އަލުން ތެދުވެ އުފާވެރިކަމާ އެކު ދިރިއުޅުމުގެ އުއްމީދުގައި މި ހަނގުރާމައާ ނައުޝާ ކުރިމަތިލަމުން އެ ދަނީ އޭނާގެ ކުޑަކުޑަ އާއިލާއަށް ޓަކަ އެވެ. އެ ހިތްވަރުގައި އޭނާ ކުރިއަށްދާއިރު އެންމެ ބޮޑު ހިތްވަރެއް ދެމުން އެދަނީ ނިންޖެއް އަރާމެއް ނެތި ގާތުގައި ތިބި އޭނާގެ މަންމަ އާއި ފިރިމީހާ އަދި ހަ އަހަރުގެ އަންހެން ދަރިފުޅެވެ. އަދި މާލޭގައި ހުރި ކޮއްކޮ އާއި އެމްއެންޑީއެފްގައި އުޅޭ ބައްޕަ އެވެ.