13 އޯގަސްޓް 2022 - 09:16

ލަ ލީގާގެ އާ ސީޒަން ފަށަން ބާސެލޯނާ މިރޭ ކުޅެން ހަމަޖެހިފައިވާ އެޓީމުގެ ފުރަތަމަ މެޗުގެ ކުރިން، ޔޫލުސް ކޫންޑޭ ފިޔަވައި އަލަށް ގެނައި ހަތަރު ކުޅުންތެރިން ކަމަށްވާ ފްރޭންކް ކެސިއޭ އާއި އަންޑްރެސް ކްރިސްޓެންސެން އަދި ރޮބާޓް ލެވަންޑޯސްކީގެ ރެޖިސްޓްރޭޝަން ފުރިހަމަ ކޮށްފި އެވެ.
ބާސެލޯނާ އިން ވަނީ މި ހަތަރު ކުޅުންތެރިންގެ އިތުރުން މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް އާކުރުވި އުސްމާން ޑެމްބެލޭ އާއި ސާޖި ރޮބާޓޯގެ ރަޖިސްޓްރޭޝަން ވެސް ލީގުގައި މިރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުމުގެ ކުރިން ފުރިހަމަ ކޮށްފަ އެވެ.
ޓީމުގެ ހަރަދުތައް ލަ ލީގާގެ ފައިނޭންޝަލް ފެއާ ޕްލޭ އުސޫލުތަކަށް ނުފެތޭތީވެ، ބާސެލޯނާ އަށް ވަނީ ކުޅުންތެރިން ރަޖިސްޓާ ކުރުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެޓީމުން ހަ ކުޅުންތެރިންގެ ރެޖިސްޓްރޭޝަން ފުރިހަމަ ކުރީ، ބާސާ ސްޓޫޑިއޯސްގެ 24.5 ޕަސެންޓު ހިއްސާ ވިއްކާލައިގެންނާއި ޑިފެންޑަރު ޖެރާޑް ޕީކޭގެ މުސާރަ ކުޑަ ކޮށްގެންނެވެ.
ބާސެލޯނާ އިން ކޫންޑޭގެ ރެޖިސްޓްރޭޝަން ފަސްކޮށްލަން ނިންމީ، ޓީމުގައި ތިބި ފިޓު ކުޅުންތެރިންނަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ކޫންޑޭ އަންނަނީ ދާދި ފަހުން ލިބުނު އަނިޔާއަކާ ގުޅިގެން ހެދި ސާޖަރީއަކުން އަރައިގަންނަން މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ބާސެލޯނާއާ ގުޅުމަށް ފަހު ފަރިތަކުރުންތަކުގައި ވެސް ބައިވެރި ވަނީ ރިކަވަރީ އަށް ވަގުތު ހުސްކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ކެސިއޭ އާއި ކްރިސްޓެންސެން އަދި ރޮބާޓޯ އަށް ވުރެން ވެސް ކޫންޑޭގެ މުސާރަ ބޮޑުވާނެ އެވެ.
މިއާ އެކު ލީގުގެ ދެވަނަ މެޗުގެ ކުރިން ބާސެލޯނާ އަށް ވަނީ ކޫންޑޭގެ އިތުރުން، ޗެލްސީގެ ވާތު ބެކް މާކޮސް އޮލޮންސޯގެ މުސާރައާ ގުޅޭގޮތުން ވެސް ގޮތެއް ނިންމަން ހަފްތާއެއްގެ މުއްދަތު ލިބިފަ އެވެ. ޗެލްސީ އިން ވަނީ އިނގިރޭސި ޕްރިމިއާ ލީގު ފެށުމުގެ ކުރިން، އެޓީމުގެ ވާތު ބެކް ބެން ޗިލްވެލްގެ ބެކަޕަކަށް ބްރައިޓަން އަށް ކުޅެމުން ދިޔަ މާކް ކުކުރޭޔާގެ ސޮއި ހޯދައިފަ އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ހިލޭ ޓްރާންސްފާގައި ގެނައި ފޯވާޑް މެމްފިސް ޑިޕާއި އާއި ފޯވާޑް ޕިއޭ އެމެރިކް އޮބާމެޔަން ވެސް މި ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން ކުލަބު ބަދަލުކުރާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ޑިޕާއި ގެންދަން އިޓަލީގެ ޔުވެންޓަސް އިން މަސައްކަތް ކުރަމުން އަންނައިރު، އޮބާމެޔަން އެނބުރި ޕްރިމިއާ ލީގަށް ބަދަލުވެދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހުކުރު ދުވަހުގެ ރޭ ލަ ލީގާގެ އާ ސީޒަން ފަށާފައި ވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އޮސަސޫނާ އާއި ސެވިއްޔާ އެވެ. މިދިޔަ ސީޒަނުގައި ލީގު ހަތަރު ވަނައިގައި ނިންމި ސެވިއްޔާ ރަށުން ބޭރުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ އޮސަސޫނާ އެވެ.
އާ ސީޒަނުގައި ބާސެލޯނާގެ ފުރަތަމަ މެޗުގައި އެޓީމު ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.