ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕުގައި 400 އަށް ވުރެ ގިނަ ކުދިން ހިތާނުކުރި
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕުގައި 400 އަށް ވުރެ ގިނަ ކުދިން ހިތާނުކުރި

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހިންގި "ހިތާނީ ކޭމްޕު 2022" ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.

އެ ހޮސްޕިޓަލިން ބުނީ 400 އަށް ވުރެ ގިނަ ކުދިން މި ކޭމްޕުގައި ހިތާނުކޮށްފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ކޮންސަލްޓޭޝަނުން ފެށިގެން ފޮލޯ-އަޕް އާ ހަމައަށްދާ ހުރިހާ ޕްރޮސެސެއްގެ ހިދުމަތްތައް ފަސޭހަކަމާ އެކު މި ކޭމްޕްގައި ދީފައިވެ އެވެ.

ހިތާނީ ކޭމްޕުގެ ޕެކޭޖުގައި ހިމެނި ހިދުމަތްތަކަކީ އޮޕަރޭޝަންނަށް ހާއްސަ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރުގެ ކޮންސަލްޓޭޝަނާއި ލެބް އިންވެސްޓިގޭޝަންތަކެވެ. އަދި ސާޖަރީއަށް ފަހު ދޭ ބޭހާއި، ޑޭ ކެއާ ޔުނިޓުގެ ހިދުމަތާއި ފޮލޯ އަޕް ކޮންސަލްޓޭޝަންގެ ހިދުމަތް ވެސް އެ ޕެކޭޖުގައި ހިމެނި އެވެ.

އެ ހިތާނީ ކޭމްޕުގައި ރޫމް އަޕްގްރޭޑް ކުރަން ބޭނުންވާ މީހުންނަށް ހާއްސަ އަގުތަކެއް ވެސް ދިނެވެ.

ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި މަސައްކަތްކުރެއްވީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ އުބައިދު، ޑރ. އައިޝަތު އަޒްނާ، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. މުހައްމަދު ޝަރީފް އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ، ޑރ. މެހްމެތު އޯޑާ އަދި ޑރ. އަބްދުﷲ އަދުސަރު ކަމަށެވެ.