ރައީސް ކަމަށް ސިޔާމް ވާދަކުރައްވަން އެމްޑީއޭގެ އޮނިގަނޑު އިސްލާހުކުރަނީ
ރައީސް ކަމަށް ސިޔާމް ވާދަކުރައްވަން އެމްޑީއޭގެ އޮނިގަނޑު އިސްލާހުކުރަނީ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވާދަކުރައްވަން އެ ޕާޓީގެ އޮނިގަނޑު އިސްލާހުކުރަން ނިންމައިފި އެވެ.

އެމްޑީއޭ އިން ބުނީ ޕާޓީ އަށް ބަދަލު ގެންނާނީ މިއަދުގެ ހަވީރު ފަށާ ކޮންގްރެސްގައި ކަަމަށެވެ. އެ ޕާޓީގެ ބާރު މުޅި ރާއްޖެ އަށް ފަތުރާލައި، ވެރިކަން ކުރަން އެމްޑީއޭ އަށް ގެންނަން ޖެހޭ ހުރިހާ ބަދަލުތަކެއް ވެސް ގެންނާނެ ކަމަށް ބުންޏެވެ.

އެމްޑީއޭގެ ވެރިކަމެއް މި ގައުމުގައި ކުރުމަށް ބޭނުންވާ ބަދަލުތައް ޕާޓީ އަށް ގެނައުމަށް އޮނިގަނޑު އިސްލާހުކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.

އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމްކަން މިއަދުގެ ކޮންގްރެސްގައި ނިންމާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެއާއެކު އެ ޕާޓީގެ ކައުންސިލް ބޮޑުކޮށް، 300 މެމްބަރުން ތިބޭ ގޮތަށް ބަދަލުކުރާނެ އެވެ.

ސިޔާމް މީގެ ކުރިން ސިޔާސީ މަސައްކަތް ކުރެއްވީ، ގާތް އެކުވެރިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކުގަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅާ ހަމައަށް ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އެމްޑީއޭ ދެމިއޮތެވެ. އެކަމަކު ހިތްހަމަނުޖެހުން ބޮޑުވެ އިންތިހާބާ ހަމައިން ސިޔާމް ވަނީ، ޔާމީނާއި ޕީޕީއެމް ދޫކުރައްވައިފަ އެވެ. އަލުން ސިޔާސީ ހަރަކާތްތަކަށް ނުކުމެވަޑައިގަތީ 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައިންނެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ އަމާޒަކީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކޮށް، ބޮޑު ޖަލްސާއެއްގައި ކެންޑިޑެސީ އިއުލާންކުރުން ކަމަށެވެ.

މައުރޫފް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަކީ ކުޑައިރުއްސުރެ ފެށިގެން ވެސް ސިޔާމް ދަހިވެތިވާ ކަމެއް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި ހޯއްދެވި ކާމިޔާބީތަކާއި ސިޔާސީ ދާއިރާގެ 20 އަހަރުގެ ތަޖުރިބާއާ އެކު ސިޔާމަކީ ރާއްޖޭގެ ލީޑަރުންގެ ތެރެއިން މި ވަގުތު ފެންނާނެ އެންމެ ވަރުގަދަ ލީޑަރު ކަމަށް ވިދާޅުވެފައިވެ އެވެ.

"ސިޔާސީ ގޮތުން ވެސް ވަރަށް ގިނަ ތަޖުރިބާތަކެއް ކުރައްވައިފި. ލީޑަރާއި އަޅުގަނޑުމެންގެ ޕާޓީގެ ވެސް މިހާރުގެ މަންޒިލަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން. އެ މަސައްކަތްތައް ފަށައިގެން ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްޑީއޭ އިން ރިޔާސީ ރޭހަށް ނުކުންނަނީ ވަރަށް ޔަގީންކަމާ އެކުގަ އެވެ. އެކަމަކު އެ ޕާޓީން އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިހާބަށް ވާދަކުރިއިރު ގޮނޑިއެއް ކަށަވަރުވީ ޕާޓީގެ ލީޑަރު ސިޔާމަށް އެކަންޏެވެ. ކައުންސިލް އިންތިހާބުތަކުގައި ގޮނޑި ކަށަވަރު ވަނީ މަޖިލީހުގައި ސިޔާމް ތަމްސީލްކުރައްވާ ދ. އަތޮޅުންނެވެ.