11 އޯގަސްޓް 2022 - 11:09

ހުޅުމާލޭ ފޭސް އެކެއްގައި ހަދާފައިވާ ވަގުތީ މަސް މާރުކޭޓް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނީ މިމަހުގެ 22 ވަނަ ދުވަހުގެ 9:30 އާއި 11:00 އާ ދެމެދު ކަމަށެވެ. އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރަށް ފޯމު ހުށަހަޅައި ގުރު ނެގުން އޮންނާނީ ހަމަ އެ ދުވަހުގެ 11:30 ގަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި މާރުކޭޓް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައަޅާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނަގާ ގުރަކުންނެވެ.
ހުޅުމާލޭ ވަގުތީ މަސް މާރުކޭޓަކީ 2،378 އަކަފޫޓުގެ ތަނެކެވެ. އެތަނުގައި މަސް ކަނޑާ ހަ އަށްޓާއި މަސް ބަހައްޓާ ހަ ހަށި ހުންނާނެ އެވެ. އަދި ކޮންމެ އަށްޓެއް ކައިރިން ސަޕްލައި ފެން ލިބެން ހުންނާނެ އެވެ.
އެއް އަހަރުގެ މުއްދަތަށް އެތަން ކުއްޔަށް ދޫކުރަނީ މަހު ކުލީގެ ގޮތުގައި 5،000ރ. ނަގާ ގޮތަށެވެ. މާރުކޭޓް ކުއްޔަށް ހިފުމަށް ފުރުސަތު ލިބުނުކަން އަންގާ ސިޓީ ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި ލީސް ޑިޕޮސިޓްގެ ގޮތުގައި 15،000ރ. ދައްކަން ޖެހެ އެވެ.
މާރުކޭޓް ކުއްޔަށް ހިފާ ފަރާތުން އެތަނުގައި މަސްކަނޑާ ދިނުމުގެ ހިދުމަތް ދެވޭނީ އެޗްޑީސީން ކަނޑައަޅާފައިވާ އަގުގަ އެވެ. އަދި އަގު ލިސްޓު އާންމުންނަށް ފެންނާނެހެން އެތަނުގައި ބަހައްޓަން ޖެހެ އެވެ.
ގުރުއަތުން ހޮވޭ ފަރާތަކަށް މާރުކޭޓް ކުއްޔަށް ދޫކުރަން ނިންމާފައިވާއިރު މީގެ ކުރިން ވަނީ އެގޮތަށް މާރުކޭޓް ދޫކޮށްގެން މައްސަލަ ވެސް ބޮޑުވެފަ އެވެ. ބިޑް އިވެލުއޭޓް ކުރުމަކާނުލައި، ގުރުއަތުން ހޮވޭ ފަރާތަށް އެތަން ހިންގަން ހަވާލުކުރި މައްސަލަ ބޮޑުވެ ބަޔަކު ވަނީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފަ އެވެ.
އެކަމަކު އޭރު ވެސް އެޗްޑީސީން ބުނީ މަސް މާރުކޭޓަށް ކުރިމަތިލާން ހުޅުވާލީ ބިޑް ކުރާ އުސޫލުން ނޫން ކަމަށާއި އެކުންފުނިން އެކަން ކުރިއަށް ގެންދިޔައީ ކުރިމަތިލި އެންމެން ބައިވެރިކޮށްގެން ކުރި އިއުލާނާ އެއްގޮތަށް ކަމަށެވެ.