11 އޯގަސްޓް 2022 - 11:24

މާލޭގައި މިނީ ބަސް ފަށަން ބައެއް މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ހަމަޖައްސައިދީފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "މިހާރު" އަށް ވިދާޅުވީ ޕާކިން ޒޯން ހެދުމަށް އެކި ހިސާބުތަކުން ބިން ހަމަޖައްސައި އެކަން ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
- ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅެއް
- އެކުވެނި ޓްރެކް ކައިރިން ދެ ތަނެއް
- ދަރުބާރުގެ ކައިރި
- ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެއް
ނަރީޝް ވިދާޅުވީ އަމީނީ މަގު ޕޯޓް ކޮމްޕްލެކްސް ކައިރިން އަދި ހައި ކޯޓު ކައިރީގައި ރައީސް އޮފީހުން ނާސަރީ ހިންގި ވެސް ބިން ވެސް ދޭނެ ކަމަށް ބުނި ކަމަށެވެ. އެކަމަކު، އެ ބިންތައް އަދި ކައުންސިލާ ހަވާލެއް ނުކުރެ އެވެ.
އޭގެ އިތުރުން ވެސް އެހެން ތަންތަން ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް ހަދާ ޕާކިން ޒޯނުތަކަށް ބަދަލުކުރާނީ، މާލޭގެ މަގުތަކުން ޕާކިން ޒޯނު ކުއްޔަށް ދީފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ސައިކަލެވެ. އަލަށް ހަދާ ޒޯންތަކުގައި ޕާކް ކުރެވޭނެ ވަރެއް އެނގޭނީ އެ ތަންތަން ކުރަހައި ނިމުމުންނެވެ.
"މިހާރު ލިބިފައި ހުރި ބިންތަކުގައި މަސައްކަތް ކުރަމުން އަންނަނީ. ޕާކިން ޒޯން ހަދަންޖެހޭ ގާތައް ނުލިބިގެން ލަސްވަނީ. ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް މި މަހު ފެށުމަށް މާލޭގެ ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭ ގޮތް ހަދައިދިނުމަށް އެމްޓީސީސީން ކައުންސިލްގައި އެދުމުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ، ނަރީޝް ވިދާޅުވި ގޮތުގައި، އެ މަގުތަކުގައި ޕާކްކުރަމުން ދިޔަ އުޅަނދުތައް ޕާކްކުރުމަށް އެހެން ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.
އެކަމަކު، ކައުންސިލުން މަސައްކަތްކުރަނީ އެ މައްސަލަ ހައްލުކުރުމަށް ކަމަށް ނަރީޝް ވިދާޅުވި އެވެ.
ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ޖުލައި 31ގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާށެވެ. ނަމަވެސް އެ ދަތުރުތައް ފެށޭނީ ތިން ހަފުތާގެ ތެރޭގައި ކަމަށް، މިދިޔަ މަހުގެ 28 ގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.