އޯގަ އާޓް ރިސޯޓުގެ ޓީމަށް މީހުން ހޯދަނީ
އޯގަ އާޓް ރިސޯޓުގެ ޓީމަށް މީހުން ހޯދަނީ

މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އޯގަ އާޓް ރިސޯޓަށް މުވައްޒަފުން ހޯދުން، އެފަދަ އެހެން ހަރަކާތްތަކާ މުޅިން ތަފާތު ގޮތަކަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 މިނިޓްގެ ތެރޭގައި ދެވޭ ހިސާބުގައި ހަދަމުން އަންނަ އޯގަ ރިސޯޓަށް 160 މުވައްޒަފުން އެކި ދާއިރާތަކަށް ހޯދަން ނިންމާފައިވާއިރު، އެ މީހުން ހޯދަނީ "އޮޑިޝަން" އެއްގެ ގޮތުގަ އެވެ.

މާދަމާ ހެނދުނު 10 އިން ހަވީރު 5 އަށް މެންހެޓަން ބިޒްނަސް ހޮޓަލުގައި އެ ހަރަކާތް ބާއްވަނީ ވެސް "އޮޑިޝަން ޑޭ" ގެ ނަމުގަ އެވެ.

"އާންމުކޮށް މި ހުންނަނީ ވޯކިން އިންޓަވިއުތަކެއް. އެކަމަކު، އޭގެ ބަދަލުގައި ޑިޖިޓަލް ސީވީއެއް ގެންދިޔައީމާ އެ މީގެ ޕާސަނަލިޓީ އާއި އެ މީހަކަށް ކުރެވޭނެ ތަފާތު ކަންކަން އަޅުގަނޑުމެން ބަލާނީ. މިސާލަކަށް ވަރަށް މޮޅަށް ޖޯކު ކިޔާ މީހަކަށް ވެދާނެ ނޫނީ ވަރަށް މޮޅަށް ވާހަކަ ދައްކަން ކެރޭ މީހަކަށް ވެސް ވެދާނެ. މާނައަކީ ހަމައެކަނި ސީވީއަކަށް ނޫނޭ އަޅުގަނޑުމެން ބަލާނީ،" އޯގާ ރިސޯޓު ހިންގާ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

"އެ މީހެއްގެ ހުރި ޕާސަނަލިޓީއެއް ވެސް ބަލާފައި ރިސޯޓުގައި ކުރިއަށް ދެވޭ ދިމާލަކުން ފުރުސަތު ދޭނެ. ވަރަށް މޮޅަށް ކުރަހާ ޒުވާނެއް ވިއްޔާ ކުރިއަށް ދެވޭނެ ގޮތް ހޯދައިދޭނީ."

އޯގަ ރިސޯޓަކީ ހިތްފަސޭހަ އަދި ޕްރައިވެސީ އެންމެ ފުރިހަމަ ގޮތުގައި ލިބޭ ގޮތަށް ބީޗްގައި ހަދާފައިވާ ކޮޓަރިތަކާއި ވޯޓަ ވިލާތަކުގެ 60 ތަން ހުންނަ ތަނެކެވެ. އަދި ކެއުންބުއިމުގެ ހިދުމަތް ދޭ ހަތަރު ތަނަކާއި ދިވެހި ސަގާފަތާ ގުޅުވައިގެން ހަދާފައިވާ ސްޕާއެއް ވެސް ހުރެ އެވެ. އޯގަ އާޓްސް ރިސޯޓުގައި ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ އާޓިސްޓުންނާއި މަސައްކަތްތެރިންގެ ތަޖުރިބާ ހިއްސާކޮށްލެވޭނެ ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ވަރަށް ބޮޑަށް ދިވެހި ސަގާފީ ކަންކަމަށް އިސްކަން ދޭނެ. ސަގާފީ ކުރެހުންތަކަށް ހާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭނެ. ހާއްސަކޮށް ލޯކަލް އާޓިސްޓުންގެ ހުނަރު ރިސޯޓުން ދައްކަން އަޅުގަނޑުމެން މަސައްކަތް ކުރާނަން" އޮފިޝަލް ވިދާޅުވި އެވެ.

"ރިސޯޓުގެ އެދުމަކީ އަމިއްލަ ކުރިއެރުމާ އެކު، ދިވެހި ސަގާފަތާއި އާދަކާދަތަކަށް ޝައުގުވެރިކަން ހުރި ފަރާތެއް ނަމަ އޮޑިޝަން ޑޭގައި ބައިވެރިވުން."