އެތުލެޓިކްސްގެ ދުވެލި އަލުން ބާރު ކުރަން ޖެހިފައި
އެތުލެޓިކްސްގެ ދުވެލި އަލުން ބާރު ކުރަން ޖެހިފައި

ބަންގްލަދޭޝްގައި 2010 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި އެތުލެޓިކްސް އިން ހަމައެކަނި ބަދަލުކޮށްލީ އެ ކުޅިވަރުގެ ތާރީހެއް ނޫނެވެ. ރާއްޖޭގެ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތާރީހު ވެސް މެ އެވެ. ހަސަން ސާއިދާއި އަލީ ޝަރީފާއި އަޒްނީމް އަހުމަދާއި ހުސެއިން ހަލީމް ހިމެނުނު ރާއްޖޭގެ ސްޕްރިންޓް ޓީމުން އެ ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދުން ވެގެންދިޔައީ ދިވެހިން އޭގެ ކުރިން ހިޔާލަށް ވެސް ގެނެސްފައި ނުވާ ފަދަ ކާމިޔާބަކަށެވެ.

އެތުލެޓިކްސްގެ ދުވެލި އަލުން ބާރު ކުރަން ޖެހިފައި
އެތުލެޓިކްސްގެ ދުވެލި އަލުން ބާރު ކުރަން ޖެހިފައި

އެ ކާމިޔާބީން ލިބުނު ހިތްވަރާ އެކު، އޭރުގެ އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ އިންޑިވިޖުއަލް އެތުލީޓުންނަށް ތަމްރީން ސްކޮލަޝިޕްތަކެއް ދޭން ފެށި އެވެ. އަދި އޭރުގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ވަރަށް ބޮޑު ދައުރަކާ އެކު ޒުވާން ދުވުންތެރިޔާ ހަސަން ސާއިދު ސްކޮލަޝިޕެއްގައި ޖެމެއިކާ އަށް ފޮނުވާލި އެވެ. ނަތީޖާ ވަރަށް ފޮންޏެވެ.

އެތުލެޓިކްސްގެ ދުވެލި އަލުން ބާރު ކުރަން ޖެހިފައި
އެތުލެޓިކްސްގެ ދުވެލި އަލުން ބާރު ކުރަން ޖެހިފައި

އޭގެ ފަސް އަހަރު ފަހުން، 2015 ގައި ރިޔޫނިއަންގައި އޮތް އިންޑިއަން އޯޝަން ގޭމްސްގައި ސާއިދު 100 މީޓަރު ދުވުމުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނެވެ. އެއީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބެވެ. އެއާ އެކު ސާއިދު ފަސް ބެލުމެއް ނެތި ކުރިއަށް ގޮސް ވޯލްޑް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕާއި އޭޝިއަން ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ނިސްބަތުން ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އަދި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީ، ބިލިއަން އާބާދީއެއް ހިމެނޭ މި ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފް ހޯދި އެވެ.

އެކަމަކު މިހާރު ފެންނަނީ ސާއިދުގެ ދުވެލީގައި ބުރެކި ޖެހެމުން އަންނަ މަންޒަރެވެ. ދާދި ފަހުން ނިމުނު ކޮމަންވެލްތު ގޭމްސް އާއި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އޭނާގެ ނަތީޖާތައް ދަށެވެ. އޭނާގެ ފަހަތުން އަރާނެ މާގިނަ ދުވުންތެރިންތަކެއް ވެސް ފެންނާކަށް ނެތެވެ. ސާއިދު އޭރު ހޯދި ކާމިޔާބީތަކަކީ އޭގެ މަތީގައި ބިންގަލެއް އަޅައި ކުރިއަށް ދިޔަ ނަމަ ރާއްޖެ، އެތުލެޓިކްސްގައި މި ސަރަހައްދުން އަތުނުވެވޭހާ ހިސާބަށް ދެވިދާނެ ފަދަ ކާމިޔާބީތަކެކެވެ. ސާއިދުގެ ތަމްރީނުތައް ރާއްޖޭން ބޭރުގައި އިތުރަށް ކުރިއަށް ގެންދިއަ ނަމަ އޭނާ އަކީ މި ސަރަހައްދުން 10 ސިކުންތަށް ވުރެ އަވަހަށް ދުވާ ފުރަތަމަ ދުވުންތެރިޔާ އަށް ވުމުގެ ފުރުސަތު އޮތެވެ. ސާއިދުގެ ކާމިޔާބީއާ އެކު އެތުލެޓިކްސްގެ ތެރެއަށް އިތުރުވި ޅަކުދިންނަށް ރަނގަޅަށް ބަލަހައްޓައި ތަމްރީން ދިން ނަމަ ސާއިދަށް އޮތް ޕްރެޝަރު ވެސް ކުޑަވީހެވެ.

ރާއްޖޭގެ ކުރީގެ އެންމެ ބާރު މެރެތަން ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ވިދާޅުވި ގޮތުގައި މިދިޔަ ހަ އަހަށް ބަލާއިރު ސާއިދުގެ ދުވެލި މަޑުމަޑުން ދިޔައީ ދަށް ވަމުން ކަމަށެވެ. ހުސައިން ވިދާޅުވީ ސާއިދުގެ ފަހަތުން އަރާނެ އިތުރު ދުވުންތެރިން ރެކްރޫޓް ކުރުމުގައި ރާއްޖެއަކަށް ކާމިޔާބެއް ނުހޯދުނު ކަމަށެވެ.

"ސާއިދު ވެސް އެހާހިސާބަށް ދިޔައީ ސިފައިންގެ އަށް ވައްދައި ހަމައެކަނި ޓްރޭނިން އަށް ހުސްކޮށްގެން ބަހައްޓައި ބޭރުގެ ޓްރޭނިންތަކަށް ފުރުސަތު ހޯދައިދިނީމާ،" އޮލިމްޕިކް ކޮމިޓީގެ ކުރީގެ ނައިބް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އަރަމުން އަންނަ އެތުލީޓުންނަށް އެ އިންތިޒާމުތަކެއް ހަމަޖައްސައެއް ނުދެވުނެވެ.

"ސާއިދުގެ ލެވެލް އަށް ޒުވާން އެތުލީޓަކު ގެންދެވޭނީ ފަހެއް ނޫނީ ހަތަރު އަހަރުގެ ޓްރޭނިން ހަދައިގެން. ސާއިދު ވެސް ކާމިޔާބުތައް ހޯދީ ހަތަރު އަހަރު ވަންދެން ޖެމެއިކާގައި ޓްރޭނިން ހަދައިގެން،" ކުރީގެ އޮލިމްޕިއަން ވިދާޅުވި އެވެ.

ކުޑަހުސެން ވިދާޅުވި ގޮތުގައި އާ އެތުލީޓުން ރެކްރޫޓް ކުރުމަކީ ހަމައެކަނި އެތުލެޓިކްސް އެސޯސިއޭޝަންގެ ޒިންމާއެއް ނޫނެވެ. ރަށް ރަށުގައި ތިބި ރަނގަޅު ދުވުންތެރިން ދެނެގަނެ މިހާރުން ފެށިގެން އެ ފުރުސަތު ފަހިކޮށްދީ ދިގު މުއްދަތަކަށް ރާއްޖޭން ބޭރުގެ ޓްރޭނިންތަކަށް ފޮނުވާނެ އިންތިޒާމުތައް ހަމަޖެއްސުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ސާއިދު ވަރުގެ އެތައް ސާއިދުތަކެއް އުފެދޭނެ،" ކުޑަހުސެން ވިދާޅުވި އެވެ.

ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއީލް ބުނި ގޮތުގައި ސާއިދުގެ ބޭރުގެ ޓްރޭނިން ޕްރޮގްރާމްތައް މެދު ނުކެނޑި ފޯރުކޮށް ދިންނަމަ ސާއިދުގެ ލެވެލް ހިފެހެއްޓުނީސް ކަމަށެވެ.

"އެއްވެސް މީހަކު ފަހަކުން މަސައްކަތެއް ނުކުރޭ ސާއިދު އަނެއްކާވެސް ބޭރަށް ފޮނުވައިގެން ޓްރޭނިން ހަދާކަށް. ސާއިދު އަދި ދުވުން ހުއްޓާލަން އުޅެނީކީ ނޫން. އެހެންވީމަ ކީއްވެ ސާއިދު ނުފޮނުވެންވީ"،" ނަސީރު ސުވާލު އުފެއްދި އެވެ.

ރާއްޖޭގެ 800 މީޓަރު ދުވުމުގެ ރެކޯޑް އަދިވެސް އޮތް ނަސީރު ބުނި ގޮތުގައި އެތުލެޓިކްސްގެ ތެރޭގައި ވަރަށް ބައިވަރު ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އާއްމު އެކެޑެމީތަކުގައި އުޅޭ ދުވުންތެރިންނަށް ގައުމީ ޓީމަށް އަރަން އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

"އަމިއްލަ އެކަޑަމީއެއްގައި އުޅޭ ކުއްޖަކު ގައުމީ ޓީމުން ފުރުސަތު ހޯދާ ނަމަ އޮތް ގޮތަކީ ގައުމީ ޓީމުގެ ކޯޗުންނާއެކު ތަމްރީން ހެދުން އެކަނި ކަމަށް އެ ކުދިންނަށް ވިސްނައިދޭން މަސައްކަތްކުރޭ،" ނަސީރު ޝަކުވާކުރި އެވެ.

"އެކަން ވެސް އެބަޖެހޭ ބަދަލުވާން."

ނަސީރު ބުނި ގޮތުގައި އޭގެ ސަބަބުން އެ ކުދިންގެ ބެލެނެވެރިން ވެސް ބޭނުންވަނީ ގައުމީ ޓީމުގެ ކޯޗެއްގެ ކައިރިއަށް ކުއްޖާ ފޮނުވަން ކަމަށެވެ. އޭގެ ސަބަބުން ނުކުންނަ މައްސަލަ ވެސް ނަސީރު ކިޔައިދިނެވެ.

"އަމިއްލަ އެކަޑަމީތަކުގައި ތިބި ވަރަށް ހުނަރުވެރި ކުދިން އިމްޕްރޫވް ވަމުން ދަނިކޮށް ކުއްލިއަކަށް އެކަޑަމީ ދޫކޮށް ގައުމީ ޓީމުގެ ޕޫލަށް ގެންދިޔައީމާ އެބަހުރި ބައެއް ކުދިންގެ ޓްކްނިކަލް ކުރިއެރުން މަޑު ޖެހިފައި ވެސް. މުބާރާތަކަށް އެތުލީޓުންތަކެއް ގެންދާއިރު ތަފާތު އެކަޑަމީތަކުން ކުދިން ވެސް ދާނެކަން ގަބޫލު ވެސް ކުރަން ޖެހޭނެ. ގައުމީ ޓީމުގެ ފުރުސަތު ލިބެނީ ވަކި ބައެއްގެ ކައިރިން އެކަނި ޓްރޭނިން ހަދައިގެން ކަމަށް ވިސްނައި ދެންޏާ އެއީ މައްސަލައެއް."

އޭނާ ބުނީ ގައުމީ ޓީމުގެ ޕޫލުގައި ހިމެނޭ ކުއްޖެއް ނަމަ ތަޖުރިބާ މަދު ވިޔަސް ފަސޭހައިން ބޭރުގެ މުބާރާތްތަކަށް ދެވޭ ގޮތަށް އޮތުމަކީ ވެސް މައްސަލަ އެކެވެ. ބޭރުގެ މުބާރާތަކަށް ދުވަން ފޮނުވާ އެތުލީޓުންނަކީ މުދުކެނޑުމެއް ނެތި ދިގު މުއްދަތަކަށް ވަކި ލެވެލެއްގައި ޓްރޭނިންތަކެއް ހަދައިފައިވާ ދުވުންތެރިންނަށް ވުން މަޖުބޫރު ކުރެވިދާނެ ކަމަށް ނަސީރު ބުންޏެވެ.

"ގައުމީ ޓީމުގެ ޕޫލަށް ވަދެފަ ދެ މަހުގެ ޓްރޭނިން ހަދައިގެން ބޭރުގެ މުބާރާތަށް އެބަ ދެވޭ. ދުވުންތެރިޔާ ޕީކަށް ނުދަނީސް މުބާރާތުގައި ދުވަން މި ޖެހެނީ. މިކަން ވެސް ބަދަލުވާން ޖެހޭ. ގައުމީ ޓީމަކީ ތޯތޯ އެއްޗަކަށް ވެގެން ނުވާނެ. އެހާ ފަސޭހައިން ގައުމީ ޓީމަށް އެރޭ ކަމަށްވަންޏާ އެތުލީޓުންގެ ކޮމިޓްމެންޓަށް އަސަރު ކުރާނެ،" 1991 އިން 2004 އަށް ގައުމީ ޓީމަށް ދުވި ނަސީރު ބުންޏެވެ.

ނަސީރު ބުނި ގޮތުގައި ބޭރުގެ މުބާރަތަށް ރާއްޖެ ތަމްސީލު ކުރަން ދާ އެތުލީޓުން ވާން ޖެހޭނީ އެންމެ ޕީކު އުމުރުގައި ހުރި ވަކި ފެންވަރެއްގެ އަދި މެދުކެނޑުމެނެއްތި އެކަށީގެންވާ މުއްދަތަކަށް ޓްރޭނިން ހަދާ ދުވުންތެރިންނަށް ވެގެން ނޫނީ ކުރިއެރުމެއް ނެތް ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ އޭނާ ވިދާޅުވީ ގައުމީ ޓީމު ނަގުމުގައި އެކުލަވާލާފައި އޮތް ގަވާއިދަކީ ޓައިމް ޓްރެއަލްއިން ކޮލިފައިވާ އެތުލީޓުން ހިމެނުން ކަމަށެވެ. އަދި އެކަން އެކަޑަމީތަކުގެ ކޯޗުންނަށާއި އެތުލީޓުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމިއްލަ އެކަޑަމީތަކުގައި ތިބި އެތުލީޓުން ކަމަށް ވިޔަސް ގައުމީ ޓައިމް ޓްރެއަލްގައި ވާދަކޮށް ކޮލިފައިވާ އެތުލީޓުންނަށް ގައުމީ ޓީމުގެ ފުރުސަތު ފަހިކޮށްދޭ ކަމަށް އިންޓަނޭޝަނަލް މުބާރާތްތަކުގައި އެތުލެޓިކްސް ޓެކްނިކަލް އޮފިޝަލްކަން ވެސް ކުރާ މުންތަގިމް ވިދާޅުވި އެވެ.

"ކޮންމެ މަހަކު އޮންނާނެ ގައުމީ ޓައިމް ޓްރެއަލް ހުރިހާ އެކަޑަމީއެއްގެ ކޯޗުންނަށް ވެސް އެނގޭނެ ޓްރެއަލް އޮންނާނީ މިވެނި ތާރީހެއްގައިކަން. ޓައިމް ޓްރެއަލްގައި ކޮންމެ އެކަޑަމީއެއްގައި އުޅޭ ކުއްޖަކަށް ވެސް ވާދަ ކުރެވޭނެ. އެއީ ހުރިހާ އެކަޑަމީއަކަށް ހުރިހާ އާންމުކޮށް ހުޅުވާލާފަ އޮންނަ ފުރުސަތެއް" އެސޯސިއޭޝަންގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ މުންތަގިމް ވިދާޅުވި އެވެ.

އެކަމަކު ސާއިދު އާއި ސީނިއާ ބައެއް އެހެން އެތުލީޓުންނަށް ވެސް ބޭރުގެ ޓްރޭނިން ފުރުސަތުތައް ހަމަޖެއްސުމަށް ބޭރުގެ ބައެއް ފަރާތްތަކާއެކު އެސޯސިއޭޝަނުން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށް ރަށުގައި ތިބި ހުނަރުވެރި ޒުވާން އެތުލީޓުން ދެނެގަތުމަކީ އެސޯސިއޭޝަނުން އަބަދުވެސް ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށް ފޮނުވި ގިނަ އެތުލީޓުންނަކީ ރަށް ރަށުން ފާހަގަ ކުރެވުނު އެތުލީޓުން ކަން އޭނާ ފާހަގަ ކުރި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ މިއަހަރުގެ އިންޓަ ސްކޫލު މުބާރާތުގައި ވިދާލި ލޯންގް ޖަމްޕް އެތުލީޓް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ނިޒާރު އެވެ.

"ނާހިލް އަށް ސޮލިޑާރިޓީ ގޭމްސް އިން ފުރުސަތު މި ދިނީ އޭނާގެ ހުނަރު ފެނި ކުރިއަށް ކުރިމަގަށް ބަލާއިރު ޕޮޓެންޝިއަލް ހުރި އެތުލީޓެއް ކަމުގައި ފެންނާތީ. އެއީ ގދ. ތިނަދޫ އިން ފާހަގަ ކުރެވުނު ޒުވާން އެތުލީޓެއް،" ރަށްރަށުގައި ތިބި ހުނަރުވެރި އެތުލީޓުން ދެނެގަތުމުގެ މަސައްކަތް ކުރާކަން ހާމަކޮށްދެމުން މުންތަގިމް ވިދާޅުވި އެވެ.

ނަސީރު ފަދަ ދުވުންތެރިންނަށް އޭރު އޮތް ގޮންޖެހުމަކީ ބޭރަށް ތަމްރީނަށް ދެވޭނެ ގޮތެއް ނެތުމެވެ. އޭރު ރާއްޖޭގެ ކުޅިވަރުގައި ބަޖެޓެއް ނެތެވެ. އެކަމަކު މިހާރު ފެންނަ މަންޒަރަށް ބަލާއިރު ހެޔޮވަރު ބަޖެޓެއް އެބައޮތެވެ. ކުޅިވަރު އެވޯޑަށް ކުރާ ހަރަދާއި އިންފްރާސްޓްރަކްޗާ އަށް ކުރާ ހަރަދާއި ބޭރު މުބާރާތްތައް ރާއްޖޭގައި ބާއްވަން ކުރާ ހަރަދުން ފެންނަނީ މާސިންގާ ބަޖެޓެއް އޮތް ތަނެވެ. އެހެންވެ އެ ބަޖެޓުން ކޮންމެވެސް ޕަސެންޓެއް، ކާމިޔާބު ހޯދޭނެ ފަދަ ކުޅިވަރުތަކުގެ ކުޅުންތެރިންނާއި އެތުލީޓުންގެ ތަމްރީނަށް ހޭދަކުރަން އެބަޖެހެ އެވެ. އެހެންވެ މިކަމުގައި ސަރުކާރުގެ ޒިންމާ ވެސް އެބައޮތެވެ.