އެމްޓީސީސީ ނޯތު ލީގު: ކެނދިކުޅުދޫ އާއި ހޮޅުދޫ ފެށީ މޮޅަކުން
އެމްޓީސީސީ ނޯތު ލީގު: ކެނދިކުޅުދޫ އާއި ހޮޅުދޫ ފެށީ މޮޅަކުން

އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގުރޫޕް ސީ ގެ ފެށުން ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބާއި ހޮޅުދޫ ފުޓްބޯޅަ ކްލަބް ކާމިޔާބު ކޮށްފި އެވެ.

އެމްޓީސީސީ ނޯތު ލީގު: ކެނދިކުޅުދޫ އާއި ހޮޅުދޫ ފެށީ މޮޅަކުން
އެމްޓީސީސީ ނޯތު ލީގު: ކެނދިކުޅުދޫ އާއި ހޮޅުދޫ ފެށީ މޮޅަކުން

ކެނދިކުޅުދޫ އާއި ހޮޅުދޫއާ އެކު މި ގުރޫޕުގައި ނ. އަތޮޅުގެ އިތުރު ދެ ޓީމެއް ހިމެނެ އެވެ. އެއީ ކުޑަފަރި ފުޓްބޯޅަ ކްލަބާއި ސޮސައިޓީ ފޯ މާޅެންދޫ ޔޫތު ޑިވެލޮޕްމަންޓެވެ.

ގުރޫޕުގެ މެޗުތައް ކެނދިކުޅުދޫ އަދި ހޮޅުދޫގައި ކުރިއަށް ދާނެ އެވެ. މި ގުރޫޕުން އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅެ، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ.

ކެނދިކުޅުދޫގައި އިއްޔެ ކުޅުނު މެޗުގައި، މާޅެންދޫއާ ވާދަކޮށް ކެނދިކުޅުދޫއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ކެނދިކުޅުދޫ އިން ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ. އެޓީމަށް ލަނޑުތައް ޖަހައިދިނީ އައްޒާމް އަބްދުﷲ އާއި އަލީ ޝަމާލް އަދި ޖުމެއިލް އީސާ އެވެ.

ފަހު ހާފުގައި މާޅެންދޫ އިން ކުޅުން ރަނގަޅުކޮށް 62 ވަނަ މިނިޓުގައި އެޓީމުގެ ފުރަތަަމަ ލަނޑު ޖެހި އެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ އަފީފް އީސާ އެވެ. އަދި 85 ވަނަ މިނިޓުގައި މޫސާ މުހައްމަދު އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދިން ނަމަވެސް، ކުޅުން ފަށައިގެން ޖެހިގެން އައި މިނިޓުގައި އަފްރާހު މުހައްމަދު ވަނީ ކެނދިކުޅުދޫގެ ހަތަރުވަނަ ލަނޑު ޖަހައިދީފަ އެވެ.

މާޅެންދޫގެ ތިންވަނަ ލަނޑު އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ޒަޔާން އެވެ.

ހޮޅުދޫ އިން އިއްޔެގެ މެޗު ކާމިޔާބު ކުރީ، އަމިއްލަ ރަށުގައި ކުޑަފަރިއާ ވާދަކޮށް 6-4 އިންނެވެ.

ފުރަތަމަ ހާފުގައި އަހުމަދު އާސިފާއި މުހައްމަދު ރިޝާން ހޮޅުދޫއަށް ދެ ގޯލުގެ ލީޑެއް ނަގައިދީފައި ވަނިކޮށް 20 ވަނަ މިނިޓުގައި މުހައްމަދު ވަހީދު ވަނީ ކުޑަފަރި އަށް ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދީފަ އެވެ. ނަމަވެސް ހާފް ނިމުމުގެ ކުރިން ގާތް ގާތުގައި އަބްދުލް ވަދޫދު ޖަހައިދިން ދެ ގޯލާ އެކު ހޮޅުދޫ އިން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި މުހައްމަދު ވަހީދު ކުޑަފަރީގެ ދެ ވަނަ ލަނޑު ވެސް ޖަހައިދީފައި ވަނިކޮށް އޭގެ ދެ މިނިޓް ފަހުން ހޮޅުދީ އަށް އެޓީމުގެ ފަސް ވަނަ ލަނޑު ޖަހައިދިނީ އަހުމަދު އާސިފެވެ. އަދި 66 ވަނަ މިނިޓުގައި ހޮޅުދޫގެ މުހައްމަދު ވަހީދު އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.

ހޮޅުދޫގެ ހަވަނަ ލަނޑަކީ ކުޑަފަރީގެ ގޯލްކީޕަރު ހުސެއިން އަނީސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކުޑަފަރީގެ ހަތަރު ވަނަ ލަނޑު، މެޗުގެ އިތުރު ވަގުތތުގައި ޖަހައިދިނީ، މެޗުގެ ވަރަށް ކުރީކޮޅު ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އަހުމަދު އުމެއިރެވެ.

ނޯތު ޑިވިޝަނުގައި ގުރޫޕް އޭ އަދި ގުރޫޕް ބީ ގެ ކުޅުން ވަނީ ނިމިފަ އެވެ. ތިލަދުންމައްޗަށް ނިސްބަތްވާ ޓީމުތައް ވާދަކުރި ގުރޫޕް އޭ އިން އެއްވަނަ ޑިވިޝަނުން ޖާގަ ހޯދާފައި ވަނީ ހއ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ. އަދި ށ. އަތޮޅުގެ ޓީމުތައް ވާދަކުރި ގުރޫޕް ބީ އިން އެއްވަނަ ޑިވިޝަނުގެ ޖާގަ ހޯދީ އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް ކްލަބެވެ.

ގުރޫޕް ސީ ގައި މާދަމާ ކުޅޭ މެޗުތަކުގެ ތެރެއިން ކެނދިކުޅުދޫ އާއި ހޮޅުދޫ ބައްދަލުކުރާ މެޗު އޮންނާނީ ކެނދިކުޅުދޫގަ އެވެ. ހޮޅުދޫގައި ކުޅޭ މެޗުގައި ކުޅޭނީ މާޅެންދޫ އާއި ކުޑަފަރި އެވެ.